ޚަބަރު

އައްޑަނަ މަޖައްލާގެ 23 ވަނަ ޢަދަދު ނެރެފި


އައްޑަނަ މަޖައްލާގެ 23 ވަނަ ޢަދަދު ނެރެފިއެވެ. ސިފައިންގެ 126 ވަނަ ދުވަހުގެ މުނާޞަބަތުގައި މި މަޖައްލާ ނެރެދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އާދަމް ޝަރީފު ޢުމަރެވެ.

މިފަހަރުގެ ޢަދަދުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދުގެ ޚިޠާބުތައް ހިމަނާފައިވާއިރު މި މަޖައްލާގެ އެޑިޓޯރިއަލް ބިނާކޮށްފައި ވަނީ " ސިފައިންގެ ސަފުތަކުގެ ބަދަހިކަން، ޤައުމުގެ ސަލާމަތް" މިމައުޟޫގެ މައްޗަށެވެ.

ކޮންމެ އަހަރަކު ދެފަހަރު ޝާއިޢު ކުރަމުން އަންނަ އައްޑަނަ މަޖައްލާގެ މިފަހަރުގެ ޢަދަދުގެ ކަވަރ ސްޓޯރީ އަކަށް ހިމަނާފައިވަނީ، "ދިވެހި ޤައުމިއްޔަތާއި ސިފައިންގެ ޚިދުމަތް"އެވެ. މިފަހަރުގެ މަޖައްލާގައި ޤައުމީ އިޖްތިމާޢީ، ދީނީ، ސިއްޙީ، ތާރީޚީ އަދި މުނިފޫހި ފިލުވުމާއި، ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ރާއްޖޭގެ ފުންނާބު އުސް ލިޔުންތެރިންނާއި ސިފައިންގެ ލިޔުންތެރިން ލިޔުއްވާފައިވާ ޢިލްމީ ލިޔުންތަކާއި ދިރާސާތައްވެސް ހިމަނާފައިވެއެވެ.