ޚަބަރު

"މާ ސާފު މާލެ" ހަރަކާތުގައި 70 ޓަނުގެ ކުނި ނަގައިފި


މާލެއާއި ވިލިމާލެ ސާފުކުރުމަށް "މާ ސާފު މާލެ"ގެ ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތުގައި 3 ގަޑިއިރުގެ ތެރޭގައި ގާތްގަނޑަކަށް 70 ޓަނުގެ ކުނި ނަގައިފިއެވެ. މިއަދު ހެނދުނު ހަތަކުން ނުވަޔަކަށް ކުރިއަށްގެންދިޔަ މި ހަރަކާތުގައި މާލެއާއި ވިލިމާލޭގެ މަގުތަކާއި އެކި ސަރަހައްދުތަކުގައި ހުރި ކުނިތައް ނަގައި ވަނީ ސާފުކޮށްފައެވެ.

ވެމްކޯއިން މާލެއާއި ވިލިމާލޭގެ މަގުތަކާއި އިޖްތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން "މާ ސާފު މާލެ"ގެ ނަމުގައި މާލެއާއި ވިލިމާލޭ ސާފުކުރުމަށް ކުރިއަށްގެންދިޔަ މި ޚާއްސަ ހަރަކާތުގައި ތަފާތު 120 އިންސްޓިޓިއުޓަކުން 4000އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. މި ޙަރަކާތުގައި ތިން ގަޑިއިރުގެ ތެރޭގައި ގާތްގަނޑަކަށް 70 ޓަނުގެ ކުނި ނަގާފައިވެއެވެ.

މި އަދަދަކީ އެއްވެސް ވިސްނުމެއް ނެތި މަގުތަކަށް ކުނި އަޅާ ފަރާތްތަކުން ވިސްނާލުން މުހިންމު ކަމެކެވެ.

މާލެތެރެއިން އެންމެ ގިނައިން ނަގާފައިވާ ކުނީގެ ތެރޭގައި ބާ ފަރުނީޗަރާއި، ގޮދަނޑި ފަދަ ގޭތެރޭގައި ބޭނުންކުރާ ތަކެއްޗާއި ޢިމާރާތްތައް ތަޅާލުމަށްފަހު ކަންމަތިތަކުގައި ބަހައްޓާފައިހުރި ކޮންކްރީޓާއި، ގާކުނޑިފަދަ ތަކެތި ހިމެނޭކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަލީ އާމިރު ވިދާޅުވީ ދޭތެރެ ދޭތެރެއިން މާލެތެރެ ސާފުކުރުމަށްޓަކައި ޙަރަކާތްތަކެއް ހިންގިނަމަވެސް އެކަމުގެ ނަތިޖާ ނުފެންނަނީ މަގުތަކަށް ކުނިއަޅާ މީހުން އެކަން ހުއްޓުމެއްނެތި ކުރަމުންދާތީ ކަމަށެވެ. އާމިރު ވިދާޅުވީ މާލެއާއި ވިލިމާލޭގެ މަގުތަކާއި އިޖްތިމާޢީ ސަރަޙައްދުތައް ސާފުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފައިވާއިރު، ވެމްކޯއިން އެ މަސައްކަތް ފެށުމުގެ ކުރިން މިފަދަ ޙަރަކާތެއް ބޭއްވުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ވެމްކޯއަށް އެ މަސައްކަތް ކުރިއަށްގެންދިޔުމަށް ފަސޭހަވެގެންދާނެކަމަށެވެ.

""މީގެ އެންމެ މުހިއްމުކަމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މާލެތެރެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުން. މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ބައިސްކަލުތަކުގައި މަގުތަކަށް ކުނި އެޅޭގޮތަށް ކުނިއުން ވަނީ ހުއްޓުވާފަ. މިގޮތަށް ޕިކަޕްތަކުގައި ކުނި އުފުލުން ހުއްޓުވަމުން މިދަނީ . ގޭގޭބިސީން ކުނި އުފުލުމުގެ އިތުރުން މަގުތައް ސާފުކުރުމާއި އިޖްތިމާއީ ސަރަހައްދުތައް ސާފުކުރުމުގެ ސަބަބުން ކުނީގެ މައްސަލައަށް ކުރިއެރުމެއް ލިބިގެންދާނެ." ޢަލީ އާމިރު ވިދާޅުވިއެވެ.

މާލެއާއި ވިލިމާލޭގެ މަގުތަކާއި އިޖްތިމާޢީ ސަރަޙައްދުތައް ސާފުކުރުގެ މަސައްކަތް ކޮންމެ ދުވަހެއްގެވެސް ރޭގަނޑު ބާރައިން ފެށިގެން ހެނދުނު ހައެއްޖެހުމާ ހަމަޔަށް ކުރަމުންދާނެކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯގެ އޮޕަރޭޝަންސް މެނޭޖަރ ހައުސް ހޯލްޑް، މުޙައްމަދު ޝާން ވިދާޅުވީ މާލޭގައި ކުނި އުކުމުގެ ހަރުދަނާ ނިޒާމެއް ސަރުކާރުން ޤާއިމްކޮށްފައިވާއިރު، މަގުތަކާއި، ކަންމަތިތަކުގައި ކުނި ޖަމާކޮށްފައި ހުރުމަކީ ހިތާމަކުރަން ޖެހޭ ކަމެއްކަމަށެވެ. ޝާން ވިދާޅުވީ މާލެއާއި ވިލިމާލެ ސާފުކުރުމަށް ވެމްކޯއާ ހަވާލުކޮށްފައިވާއިރު ޢަޒުމަކީ މާލޭގެ މަގުތައް ސާފުކަންމަތީގައި ދެމެހެއްޓުންކަމަށެވެ.

"މާލެތެރެ ސާފުކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމަކީ ކުރިމަގުގައި މާލޭގެ މަގުތައް ސާފުކޮށް ބެހެއްޓިދާނެކަމުގެ ހެއްކެއް. މާލެއާއއި އަތޮޅުތެރޭގެ މަގުތައް ސާފުކޯށް ބޭއްވުމަށް އެންމެންގެ އެއްބާރުލުން ބޭނުންވޭ." މުހައްމަދު ޝާން ވިދާޅުވިއެވެ.

މާސާފު މާލެ މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ ދިހަ ޒޯނަކަށް ބަހާލައިގެންވެ. މިހަރަކާތުގައި ގިނައަދެއްގެ ތުއްތުކުދިންނާއި އާއްމުންނާއި، ދައުލަތުގެ ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށަށް ވުމާއެކު، މާލޭގެ ވެއްޓަކީ އެންމެންނަށް ރަައްކާތެރި ސާފު ވެއްޓަކަށް ހެދުމަށް ވެމްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.