ޚަބަރު

ވަޒީރުން ނިކުމެ އެމްޑީޕީ ހަރުގެ ހިމެނޭ ސަރަޙައްދު ސާފު ކޮށްފި


ދައުލަތުގެ ވަޒީރުން ނިކުމެ އެމްޑީޕީ ހަރުގެ ހިމެނޭ ސަރަޙައްދު ސާފު ކޮށްފިއެވެ.

މިއަދު ހެނދުނު ފެށި "މާ ސާފު މާލެ" ހަރަކާތުގެ ތެރެއިން ވަޒީރުން ވަނީ އެމްޑީޕީ ހަރުގެ ހިމެނޭ ސަރަޙައްދުން ގިނަ އަދަދެއްގެ ކުނި ނަގާ ސާފުކޮށްފައެވެ. މިހަރަކާތުގައި ބައިވެރިވި ވަޒީރުންގެ ތެރޭގައި މިނިސްޓަރ އޮފް އެންވައިރޮންމަންޓް އެންޑް އެނަރޖީ ތޯރިޤް އިބްރާހިމްއާއި މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒުއާއި މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހިމް ހިމެނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ކުންފުނިތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެން ސާފުކުރުމުގެ މަސައްކަތް ކުރެއްވިއެވެ.

މިހަރަކާތުގައި ބައިވެރިވި ކުންފުނިތަކުގެ ތެރޭގައި ޕަބްލިކް ސަރވިސް މީޑީޔާ، ޕީއެސްއެމްއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްއާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއާއި ފެނަކަ ކޯޕަރޭޝަނާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯ ހިމެނެއެވެ. އަދި މީގެ އިތުރުން ޑަބްލިއުއެޗްއޯއިން ދެކުނު އޭޝިޔާއަށް ކަނޑައަޅާފަ ހުންނަވާ ރެޕްރެސެންޓެޓިވް ޑރ. އަރުވިންދު މާތުރުވެސް ބައިވެރިއެވެ.

އެމްޑީޕީ ހަރުގެ ހިމެނޭ ސަރަހައްދު ވަޒީރުން ސާފުކުރެއްވި އިރު، މިއަދު ފެށި މިހަރަކާތުގައި މާލެއާއި ވިލިމާލޭ ދިހަ ޒޯނަކަށް ބަހާލައިގެން ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހަރަކާތުގައި މަގުތަކާއި އާއްމު އިޖުތިމާޢީ ސަރަހައްދުތައް ސާފުކުރުމުގައި 4 ހާހަށްވުރެގިނަ މީހުން ބައިވެރިވެއެވެ. މީގެ ތެރޭގައި ކުންފުނިތަކާއި މިނިވަން މުއައްސަސާތަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ކޮލެޖުތަކާއި ސްކޫލްތަކުގެ ދަރިވަރުންނާއި ވަރަށް ގިނަ ޢާއްމު ރައްޔިތުން ބައިވެރިވެއެވެ.