ޚަބަރު

ފާއިތުވި އަހަރަކީ ސިފައިންގެ އަޚްލާޤް ވަރުގަަދަ ވެގެންދިޔަ އަހަރެއް - ޑިފެންސް މިނިސްޓަރ


ފާއިތުވި އަހަރަކީ ފަހަގަކުރެވޭ މުހިއްމު އަދި ސިފައިންގެ އަޙްލާޤު ވަރުގަދަވެގެން ދިޔަ އަހަރެކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ ސިފައިންގެ 126 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ކަޅުތުއްކަލާ ކޮށީގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ ވޭތުވެދިޔަ އަހަރަކީ ސިފައިންގެ ތާރިޚުގައިވެސް ފާހަގަކޮށްލެވޭ އެއް އަހަރު ކަމަށެވެ. އެގޮތުން ފާއިތުވި އަހަރަކީ ސިފައިންގެ ސަފުތަކުގެ ބަދަހިކަން ވަރުގަދަވެ، ސިފައިންގެ އަސްކަރީ އަޚްލާޤް ވަރަށް ވަރުގަދަވެގެންދިޔަ އަހަރެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޑިފެންސް މިނިސްޓަރ ވަނީ 1 ފެބްރުއަރީގައި އިދިކޮޅު ފަރާތްތަކުން ގެންނަން މަސައްކަތްކުރި ބަޣާވާތް ނާކާމިޔާބު ކޮށްލުމުގައި ސިފައިން ކޮށްދެއްވި އަގުހުރި މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.

"ސިފައިންގެ ޚިދުމަތަށް އައު އަހަރެއް ފުރިގެންމިދަނީ ސިފައިންގެ ޚިދުމަތް އިންތިހާއަށް ޤައުމަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި. އެގޮތުން މީގެކުރިންވެސް ސިފައިންވަނީ ޤައުމަށް ދިމާވި ކޮންމެ ނުރައްކާތެރި ޙާލަތެއްގައި ހިތްވަރާއި އަޒުމާއެކު ޤައުމު ދިފާޢުކުރުމުގައި މަސައްކަތްކޮށްފައި" ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމާއި ސިފައިންގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިން ބައިވެރިވިއެވެ.