ޚަބަރު

އައްޑޫ އަދި ފުވައްމުލަކުސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ


ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރާގައި ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މިރޭ އަށަކުން ފެށިގެން މާދަމާ ހެދުނު އަށަކަށް ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށެވެ. އަދި ބައެއް ހިސާބުތަކަށް ގުގުރުން އެކަށީގެންވާކަމަށާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށްވެސް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލު ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސޫމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

ދެކުނުގެ ސަރަހައްދަށް ބޯކޮށް ވާރޭވެހި އަދި ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭތީ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ އާއި ފުވައްމުލަކު ސިޓީގައި ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދުތަކުގައި ވަނީ ފެން ބޮޑުވެފައެވެ.
އައްޑޫ ސިޓީގައި އެންމެ ބޮޑަށް ފެން ބޮޑުވީ ފޭދޫގައެވެ. ފޭދޫގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންވަނީ ފަށާފައެވެ. ފުވައްމުލަކު ސިޓީގައި ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ އަދި ފުވައްމުލަކު ޕޯސްޓްގެ ސިފައިންވެސްވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވީ އައްޑޫއާއި ފުވައްމުލަކު ސިޓީގެ އެކި ސަރަހައްދުތަކުގައި ބޮޑުވެފައި ފެން ހިންދުމުގައި މިއަދު މެންދުރު ފެށިގެން ސިފައިން ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި މި މަސައްކަތުގައި ސަރުކާރުގެ މުއައްސަސާތަކުން ބައވެރިވެ އެހީތެރިކަން ދެމުން ގެންދާކަންވެސް ޑިފެންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރައްޔިތުންނަށް ދިމާވާ އެކި ހާދިސާތަކުން އަރައިގަތުމަށް ދިވެހި ސިފައިން ދަނީ ރެއާ ދުވާލު ވަރަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ. ހާދިސާއެއް ހިނގައި އެކަން ރިޕޯޓް ކުރެވޭ ހިސާބުން ފެށިގެން ގެއްލުންތައް އެއްކޮށް ފޫބައްދައި ނިމެންދެން ސިފައިންދަނީ ރައްޔިތުންނަށް އެހީވަމުންނެވެ.