ޚަބަރު

ވިންޓަރ ތީމް ޕާކާއި ކެފޭ ހިންގާނެ ބަޔަކު ހޯދަނީ


ރަސްރަނި ބަގީޗާގައި ހަދަމުން އަންނަ ވިންޓަރ ތީމް ޕާކު ބެލެހެއްޓުމާއި އެޕާކުގައި ކެފޭއެއް ހިންގާނެ ބަޔަކު ހޯދުމަށް ހައުސިންގ މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ވިންޓަރ ތީމް ޕާކު ޢިމާރާތް ކުރުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާއިރު ރަމަޟާންމަހުގެ ކުރިން އެ ޢިމާރާތުގެ އެތެރޭގައި ކުރަންޖެހޭ މަސައްކަތްކޮށް ނިންމާލެވޭނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ރަސްރަނި ބަގީޗާގައި ހަދާ ވިންޓަރ ތީމް ޕާކް މެނޭޖްކޮށް އެތަނުގައި ކެފޭއެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަ އާދީއްތަ ދުވަހުންފެށިގެން މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް އެ ފުރުޞަތު ހުޅުވައިލާނެ ކަމަށެވެ.

ރަސްރަނި ބަގީޗާއަކީ މާލޭ ރީ -ޑިވެލޮޕްމަންޓް މަޝްރޫޢުގެ ދަށުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. އެގޮތުން އެތަނުގައި ހަދާ ވިންޓަރ ތީމް ޕާކް ހިންގަން ނިންމާފައިވަނީ ސެލްފް ސަސްޓެއިނަބަލް މޮޑެލަކަށެވެ.

ރަސްރަނި ބަގީޗާގައި ތަރައްޤީކުރާ ވިންޓަރ ތީމް ޕާކަކީ އާޓިފިޝަލް ސްނޯ އުފައްދާ މެޝިންތަކާއެކު، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ފިނި މޫސުމުގެ ތަޖުރިބާ ދިވެހިންނަށްވެސް ކޮށްލުމުގެ ފުރުޞަތު ލިބޭނޭހެން ތައްޔާރުކުރާ ޕާކެކެވެ.
ވިންޓާ ކޯނަރއަކާއި ކެފޭއެއް ރަސްރަނި ބަގީޗާގައި ހިންގާނެ ފަރާތެއް ހޯދަން އިޢުލާންކޮށްފައިވާއިރު ފިތުރު އީދަށް ޕާކު މުޅިން ނިންމައި ހުޅުވާނެކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ.