ދުނިޔެ

މެދުއިރުމަތީގައި ފަރަންސޭސިވިލާތުން އަދާކުރާ ދައުރު ފުޅާކުރަނީ


ފަރަންސޭސިވިލާތުގެ ރައީސް އެމެނުއަލް މެކްރޯންގެ ރިޔާސަތުގައި މެދުއިރުމަތީގެ ބޮޑެތި މައްސަލަތަކުގައި ފަރަންސޭސިވިލާތުގެ ބައިވެރިވުން އިތުރުކޮށް، މެދުއިރުމަތީގައި އެ ޤައުމުން އަދާކުރާ ދައުރު ވަނީ ފުޅާކޮށްފައެވެ. 2017 ވަނަ އަހަރުގެ މޭ މަހު ފަރަންސޭސިވިލާތުގެ ވެރިކަމާ ހަވާލުވެވަޑައިގެން މެކްރޯން ދަނީ މެދުއިރުމަތީގެ މަސްރަހުގައި ބޮޑެތި އަދި މުހިއްމު ނިންމުންތަކެއް ނިންމަމުން ކަމަށްވެސް މުރާސިލުން ބުނެއެވެ.

ހުޅަނގުގެ ބޮޑު ބާރެއް ކަމަށްވާ ފަރަންސޭސިވިލާތަކީ މީގެ ކުރިން ވެސް ސަރަހައްދުގެ އިތުރުން ދުނިޔޭގެ މަސްރަހުގައި އުފެދޭ އެކި އެކި މައްސަލަތައް ހައްލުކުރުމަށް ޢަމަލީ ގޮތުން ފިޔަވަޅުތަކެއް އަޅާފައިވާ ޤައުމެކެވެ. އ.ދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއް ކަމަށްވާ ފަރަންސޭސިވިލާތުން ފާއިތުވި އަހަރުތަކުގައި ވަނީ، އެފްރިކާ ބައްރުގައި ހިންގާފައިވާ ބައެއް ހަނގުރާމަތަކާ ތަޅާފޮޅުންތައް ހުއްޓުވުމަށް ފިޔަވަޅު އަޅާފައެވެ. އެ ގޮތުން ލީބިޔާ، މާލީ އަދި ސެންޓްރަލް އެފްރިކަން ރިޕަބްލިކް ފަދަ ޤައުމުތަކުގައި ހިންގާފައިވާ ހަނގުރާމަތަކުގައި ފަރަންސޭސިވިލާތުން ޢަމަލީ ގޮތުން ހަރަކާތްތެރިވެފައިވެއެވެ.
އެހެންނަމަވެސް މެދު އިރުމަތީގެ މަސްރަހުގައި ސިޔާސީ ބޮޑު ބާރެއްގެ ދައުރު ފަރަންސޭސިން އަދާކުރަން ފަށާފައިވަނީ ދާދި ފަހުންކަމަށް މުރާސިލުން ބުނެއެވެ. މި ގޮތުން، މެދުއިރުމަތީގައި އެމެރިކާ އާއި އިނގިރޭސިވިލާތުން އަދާކުރަމުން ދިޔަ ދައުރުގައި އެ ޤައުމުތަކުން ފާއިތުވި އަހަރުތަކުގައި ފަސްޖެހުމުގެ ސަބަބުން ފަރަންސޭސިވިލާތުން އެ ފުރުޞަތު ބޭނުންހިފާފައިވާކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި މިކަމުގައި ފަރަންސޭސިވިލާތުން ގެންގުޅޭ ސިޔާސަތުތައް ހަރުދަނާކުރީ، 2017 ވަނަ އަހަރުގެ މޭ މަހު ފަރަންސޭސިވިލާތުގެ ވެރިކަމާ ހަވާލުވެވަޑައިގެން އެމެނުއަލް މެކްރޯންގެ ވެރިކަމުގެ ދަށުން ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.

މެކްރޯންގެ ވެރިކަމުގައި ފަރަންސޭސިވިލާތުން މެދު އިރުމައްޗަށް ނުފޫޒުފޯރުވަމުންދާ މިންވަރު އެންމެ ބޮޑަށް ހާމަވެގެން ދިޔައީ، މި މަހުގެ 7 ވަނަ ދުވަހު ސޫރިޔާގެ ދޫމާގައި ދިން ހަމަލާގެ ރައްދުގައި ސޫރިޔާގެ ސަރުކާރަށް އަމާޒުކޮށް މިދިޔަ ހޮނިހިރު ދުވަހު، އެމެރިކާ އާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް ގުޅިގެން ދިން ވަރުގަދަ ހަމަލާތަކެވެ. އެ ހަމަލާތަކަށް ފަހު ދެއްވި ބަސްދީގަތުމެއްގައި ފަރަންސޭސި ރައީސް ވިދާޅުވީ، މި ހަމަލާތައް ސޫރިޔާގެ ކެމިކަލް ސައިޓްތަކަށް އަމާޒުކުރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ވިސްނައިދެއްވީ ފަރަންސޭސިވިލާތުން ކަމަށެވެ. އަދި ސޫރިޔާގައި އެމެރިކާ ސިފައިން ދިގު މުއްދަތަށް ބެއިތިއްބުމަށް ޓްރަމްޕް ނިންމެވި ނިންމެވުމުގައި ވެސް ފަރަންސޭސިވިލާތުގެ އަތެއް އޮތްކަމަށް މެކްރޯން ވިދާޅުވިއެވެ.

މީގެ އިތުރުން، ސޫރިޔާގެ ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދުމަށް ރަޝިޔާ އާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ބާއްވަން ޖެހޭ ކަމަށާއި އެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަން ފަރަންސޭސިވިލާތުން ތައްޔާރަށް އޮތް ކަމަށްވެސް މެކްރޯން ވިދާޅުވިއެވެ.