ދުނިޔެ

ކޮރެއާ ހަނގުރާމަ ނިންމުމަށް އެކުލަވާލި އެއްބަސްވުން ސުލްޙައިގެ އެއްބަސްވުމަކަށް ހަދަން ވިސްނަނީ


1950ގެ އަހަރުތަކުގައި އުތުރު ކޮރެއާއާ ދެކުނު ކޮރެއާއާ ދެމެދު ކުރި ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޤާއިމުކުރި އެއްބަސްވުން، ދެ ޤައުމުގެ ދެމެދު ޤާއިމުކުރާ ސުލްޙައިގެ އެއްބަސްވުމަކަށް ބަދަލުކުރުމަށް މަޝްވަރާ ކުރަމުންދާކަމަށް ދެކުނު ކޮރެއާއިން ބުނެފިއެވެ.

ދެ ޤައުމުގެ ދެމެދު މި މަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚީ ސަމިޓާ ބެހޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ދެކުނު ކޮރެއާގެ ރިޔާސީ އޮފިޝަލަކު ވިދާޅުވީ، ކޮރެއާ ބައްރުގެ އެއްބަސްވުން ސުލްޙައިގެ އެއްބަސްވުމަކަށް ހެދުމަށް ގިނަ މަޝްވަރާތަކެއް ކުރަމުންދާކަމަށެވެ.

އެހެންނަމަވެސް މިކަމަކީ ހަމަ އެކަނީ ދެ ކޮރެއާއިން ނިންމޭނެ ކަމެއް ނޫންކަމަށާއި މިކަމުގައި ސަރަހައްދުގެ އެހެން ޤައުމުތަކާ އެކުގައިވެސް ވާހަކަތައް ކުރިއަށް ގެންދަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. ދެކުނު ކޮރެއާގެ ރައީސް މޫން ޖެއިން އާއި އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮން އުން ބައްދަލުކުރައްވަން ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.