ޚަބަރު

ދުނިޔޭގެ އިންސްޓަގްރާމްގައި އެންމެ ހިނގާ ހޮޓަލަކަށް އަނަންތަރާ ކިހަވަށް


ރާއްޖޭގެ ހޮޓެލްތަކާއި ރިސޯޓްތަކުގެ ރީތިކަމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އަބަދުވެސް ދުނިޔޭގެ ތަފާތު އެވޯޑްތައް ލިބެއެވެ. ނަމަވެސް ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އަނަންތަރަ ކިހަވަށް މޯލްޑިވްސްއަށް މިފަހަރު ވަނީ ތަފާތު އެވޯޑެއް ލިބިފައެވެ.

މުޅި ދުނިޔެއިންވެސް އެންމެ ގިނައިން އިންސްޓަގްރާމްކުރާ ނުވަތަ އިންސްޓަގްރާމްގައި އެންމެ ހިނގާ ހޮޓަލަކަށް އަނަންތަރަ ކިހަވަށް މޯލްޑިވްސް ވަނީ ހޮވިފައެވެ. އަނަންތަރައަށް މި އެވޯޑް ދިނީ ލަގްޒަރީ ޓްރެވެލް އެޑްވައިޒަރއިންނެވެ.

އަނަންތަރަ ކިހަވަށް މޯލްޑިވްސްއަށް މި އެވޯޑް ލިބުނީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ލަގްޒަރީ ޓްރެވެލް އެޑްވައިޒަރއިން ބުނީ 1 ލައްކަ އެކާވީސް ހާސް ވޯޓުގެތެރެއިން ސާޅީސްފަސްހާސް ތިންސަތޭކަ އަށްޑިހަ ފަސް ވޯޓު އަނަންތަރައަށް ލިބިފައިވާކަމަށެވެ.

މި އެވޯޑް ލިބުމާއިއެކު އަނަންތަރާ ކިހަވަށް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ ބުނީ އެރިސޯޓަށް މި އެވޯޑް ލިބުމުން އުފާވާކަމަށާއި، މިއީ ގިނަ ބައެއްގެ މަސައްކަތްކަމަށެވެ. އެގޮތުން އެ ރިސޯޓްގެ މާހައުލަކީ ގެސްޓުންނަށް ހިތްގައިމު މާހައުލަކަށް ހެދުމަށް އެ ރިސޯޓުގެ މުވައްޒަފުން ކޮންމެ ދުވަހަކުވެސް ގިނަ މަސައްކަތްތަކެއް ކުރާކަމަށެވެ.

ލަގްޒަރީ ޓްރެވެލް އެޑްވައިޒަރ އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ކުންފުނިތަކާއި، އަލަށް މިދާއިރާއަށް ނިކުންނަ ކުންފުނިތަށް ހިމެނޭ ގޮތުން އެތަންތަނާއި ބެހޭ މައުލޫމާތު ފޯރުކޮށްދޭ މަޖައްލާއެކެވެ.