ޚަބަރު

ސްކޫލް ކުދިންގެ ދެވަނަ ޤުރުއާން މުބާރާތުގެ އެއްވަނައަށް ޢަރަބިއްޔާ ސްކޫލް


ސްކޫލް ކުދިންގެ ދެވަނަ ޤުރުއާން މުބާރާތުގެ އެއްވަނައަށް އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ހޮވިއްޖެއެވެ.
ސްކޫލްކުދިންގެ ޤުރުއާން މުބާރާތަކީ ކީރިތި ޤުރުއާނުގެ ފަންނު ދިރުވައި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔަވަން ދަންނަ ޖީލެއް ބިނާކުރެއްވުމަށްޓަކައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިގެންކުރިއަށް ގެންދާ މުބާރާތެކެވެ.

ސްކޫލްކުދިންގެ ދެވަނަ ޤުރުއާން މުބާރާތުގައި ހަތްދިހަ ސްކޫލަކުން ހަތަރުސަތޭކައަށްވުރެ ގިނަ ކުދިން ކިޔަވާފައިވެއެވެ. ތިން ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި އުމުރު ފުރާތައް ގިންތި ކޮށްފައެއްނުވެއެވެ. މިމުބާރާތުގައި ހިމަނާފައިވަނީ ހިތުން ކިޔެވުމުގެ ބަޔާއި ބަލައިގެން ކިޔުމުގެ ބަޔާއި ޙިފްޒުކޮށް ކިޔެވުމުގެ ބައެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވެވި ހަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

މި މުބާރާތުގެ ހިމެނޭ ބައިތަކުގެ ތެރެއިން ފޮތުން ކިޔެވުމުގެ ގޮފިން އެއްވަނައަށް ހޮވުނީ ޢަރަބިއްޔާ ސްކޫލުގައި ތަޢުލީމް ހާސިލްކުރާ މުޙައްމަދު ނަބީހް ރާޝިދެވެ. ހިތުން ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދާފައިވަނީ ރެހެންދި ސްކޫލުގެ ދަރިވަރު މުޙައްމަދު ޝައިޙާން ޢަލީއެވެ. އަދި މުބާރާތުގެ ހާފިޒްކަމުގެ ގޮފިން އެއްވަނަ ހާސިލްކޮށްފައިވަނީ ހިރިޔާ ސްކޫލުގެ ދަރިވަރު އާމިނަތު ޙިޝްމާ އާދަމްއެވެ.

މުޅި މުބާރާތުން އެއްވަނައަށް ހޮވިފައިވަނީ މަދަރުޞަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއެވެ. އެއްވަނައަށް ހޮވުނު ދަރިވަރުންނަށާއި ސްކޫލަށް ވަނީ ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޙާއްސަ އިނާމް ދީފައެވެ. މީގެ އިތުރުންވެސް މި މުބާރާތުގައި ވަނަވަނައަށް އައި ކުދިންނަށް ވަނީ ޢިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

އިނާމްދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އަދުގެ ތަޢުލީމީ ނިޒާމުގައި ކީރިތި ޤުރުއާން އާލާކޮށް ކުރިއެރުވުމުގައި ދަރިވަރުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތްކަމަށެވެ. އަދި ސަރުކާރުން ރާއްޖޭގައި އިސްލާމް ދީން ކުރިއެރުވުމަށް ކުރައްވާ މަސައްކަތް ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ތުއްތު ކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖައްސައި ޤުރުއާނަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށްޓަކައި ސަރުކާރުގެ ސިޔާސަތުގައި ހިމަނައިގެން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

"ރާއްޖޭގައި ތަމްރީންވެގެންއަން ނަރުހުންނާއި ޑޮކްޓަރުން އިތުރުވަމުން އަންނަފަދައިން ހާފިޒުންނާއި ކީރިތި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންގެ އިތުރުން ޤުރުއާން މުބާރާތްތަކުގައި ބައިވެރިވާ ދަރިވަރުންގެ ނިސްބަތްވެސް އަންނަނީ އިތުރުވަމުން. " ނާޒިމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހިމް ރަޝީދު މުސާ ވަނީ މިއަހަރުގެ މުބާރާތް ވަރަށް ވާދަވެރިކަމާއެކު ކުރިއަށްދިޔަކަން ފާހަގަކުރައްވާފައެވެ. މިއަހަރުގެ މުބާރާތުގައި 424 ކުދިން ކިޔަވާފައިވާކަން ފާހަގަކޮށް އިބްރާހިމް ރަޝީދު މޫސާ ވިދާޅުވީ މިއަދަދަކީ މިދިޔަ އަހަރާއަޅާބަލާއި 100 އިންސައްތައަށްވުރެ އިތުރު އަދަދެއްކަމަށެވެ. އަންނަ އަހަރުގެ މުބާރާތަައް އިތުރު ތަރައްޤީތަކެއް ގެންނަވާނެކަން ފާހަގަކޮށް އިބްރާހިމް ރަޝިދު މޫސާ ވިދާޅުވީ އަންނަ އަހަރުގެ މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބަޔަށް ދިގުރާގުން ކިޔެވުން އިތުރު ކުރާނެކަމަށެވެ.

"ކީރިތި ޤުރުއާން މުބާރާތް ބާއްވަނީ ޤުރުއާނުގެ ފަންނު ދަސްކޮށްދިނުމަށް. ޤުރުއާން ރީތިކޮށް ކުޔެވުމުގައި ވާދަކުރުމަށް. ޤުރުއާން ކިޔާވާއިރު ރީތި ރާގު ރާގުގައި ކިޔަވައިދިނުމަށް. ރަސޫލާ ވަނީ އަންގަވާފަ. އެއީ އެކަމުގެ ސަބަބުން ޤުރުއާން ކިޔަވާ މީހުން އިތުރުވާނެތީ. ޤުރުއާން ދަސްކުރުމުގެ ޝައުގު އިތުރުވާނެތީ."އިބްރާހިމް ރަޝިދު މޫސާ ވިދާޅުވިއެވެ

މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ހަފްލާއަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ދަރިވަރުން ބުނީ މި މުބާރާތުގައި ބައިވެރިވާން ލިބުނު ފުރުޞަތަކީ ވަރަށް މުހިންމު ފުރުޞަތެއްކަމަށް. އަދި ކޮންމެ ކުއްޖަކުވެސް މަސައްކަތްކޮށްފިނަމަ ރަނގަޅުނަތީޖާއެއް ހާސިލްކުރެވިދާނެކަމަށެވެ.

ސްކޫލްކުދިންގެ ޤުރުޢާން މުބާރާތަކީ ކީރިތި ޤުރުއާނުގެ ފަންނު ދިރުވައި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔަވަން ދަންނަ ޖީލެއް ބިނާކުރުމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ގުޅިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒިޔާދުއާއި އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޝިހާމް ބައިވެރިވެވަޑައިގެންނެވެިއެވެ.