ޚަބަރު

ފިކުރީ ޙަމަލާތަކާ ދެކޮޅަށް ތަޢުލީމީ ޖީލު ތެދުވުމަށް ޑިފެންސް މިނިސްޓަރު ގޮވާލައްވައިފި


ދުނިޔޭގައި ފެތުރެމުންދާ ފިކުރީ އެކި އޮއިވަރުތައް ރާއްޖެއަށްވެސް އަންނަމުންދާއިރު، އެކަމުން ސަބަބުން އުފެދޭ ނޭދެވޭ އަސަރުތަކުން ދިވެހި ޤައުމު ސަލާމަތްކުރުމަށް ރާއްޖޭގެ ތަޢުލީމީ ޒުވާން ޖީލު ނުކުތުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ގޮވާލައްވައިފިއެވެ.

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ 2017 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ދުނިޔޭގައި ހިންގަމުންދާ އެކިކަހަލަ ނޭދެވޭ އޮއިވަރުތަކުގެ އަސަރު ރާއްޖެއަށްވެސް ދަނީ ކުރިމަތިވަމުންކަމަށެވެ. ދީނުގެނަމުގައި ފަތުރާ އެކި ފިކުރުތަކާއި، ޣައިރުދީންތަކުގެ ފިކުރުތަކުގެ ނުރައްކާވެސް ރާއްޖެއަށް ކުރިމަތިވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ އިސްލާމްދީނާއި، ދިވެހި ޤައުމިއްޔަތާ ދެކޮޅަށް އަންނަ ޙަމަލާތަކެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިފަދަކަންކަމުން ޤައުމު ޙިމާޔަތްކުރަން ނުކުންނަން ޖެހެނީ ހަމައެކަނި ސިފައިންނާއި ފުލުހުން ނޫންކަމަށެވެ.

މިފަދަ ކަންކަމާދެކޮޅަށް ޤައުމު ޙިމާޔަތްކުރަން މުޅި ދިވެހިރައްޔިތުން ތެދުވަންޖެހޭކަމަށާ ޚާއްސަކޮށް މިއަދުގެ ތަޢުލީމީ ޖީލުގެ ޒިންމާ ބޮޑުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނޭދެވޭ ފިކުރުތަކުގެ ސަބަބުން އުފެދެމުންދާ މައްސަލަތައް ޙައްލުކުރުމަށް ތަޢުލީމީ ޖީލު ތެދުވުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.

އިސްލާމިކް ޔުނިވަރސިޓީން މިފަހަރު ތިންސަތޭކަ ހަތަރު ދަރިވަރަކުވަނީ ދަސްވެނިވެފައެވެ. އެގޭ ތެރޭގައި ސާޅީސް ނުވަ ދަރިވަރުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވާއިރު ފަސްދޮޅަސް ދެ ދަރިވަރުންވަނީ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމަރ ޙާސިލްކޮށްފައެވެ. އަދި ސަތޭކަ ފަސް ދަރިވަރުން ޑިގްރީ ޙާސިލްކޮށްފައިވާއިރު އަށްޑިހަ އަށް ދަރިވަރުންވަނީ ޑިޕްލޮމަރ ޙާސިލްކޮށްފައެވެ. އަދި ތިންސަތޭކަ ސާޅީސްދެ ދަރިވަރުންވަނީ ސެޓްފިކެޓް ލެވެލްގެ ކޯސްތައް ފުރިހަމަކޮށް ދަސްވެނިވެފައެވެ.