ޚަބަރު

ކޮޓުމް ފެއަރގައި ރާއްޖޭގެ ސްޓޭންޑަށް ބޮޑު ތަރުހީބެއް


"ޗައިނާ އައުޓްބައުންޑް ޓްރެވަލް އެންޑް ޓޫރިޒަމް މަރކެޓް" ކޮޓުމް ފެއަރގައި ރާއްޖޭ ސެޓޭންޑަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
މި އަހަރުގެ ފެއަރގައި އެމްއެމްޕީއާރުސީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ނުވަ ކުންފުންޏަކުން ސޯޅަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

ޗައިނާ ނޭޝަނަލް އެގްޒިބިޝަން ސެންޓަރގައި ކުރިއަށްދާ މިއަހަރުގެ "ޗައިނާ އައުޓްބައުންޑް ޓްރެވަލް އެންޑް ޓޫރިޒަމް މަރކެޓް" ކޮޓުމް ފެއަރގައި 60 އަށްވުރެ ގިނަ ޤައުމުން ބައިވެރިވެފައިވެއެވެ. ތިން ދުވަހުގެ މުއްދަތަކަށް ޗައިނާގެ ވެރިރަށް ބެއިޖިންގައި ކުރިއަށްދާ މި ފެއަރގައި ބައިވެރިވާ ރާއްޖޭގެ ވަފްދުގައި އެންމެ އިސްކޮށް ހުންނެވީ ޗައިނާގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ފައިސަލެވެ. ސަފީރުވަނީ ފެއަރގެ ތެރެއިން ޗައިނާގެ ބައެއް ނޫސް މަޖައްލާތަކަށް ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ސަފީރު ފައިސަލް ވަނީ މިފަދަ ފުރުސަތުތަކުގެ ބޭނުން ރާއްޖޭގެ ވިޔަފާރިވެރިން ހިފުން މުޙިއްމުކަން ފާހަގަކުރައްވާފައެވެ. އަދި ފެބުރުއަރީމަހު ރާއްޖޭގައި ހިންގައިދިޔަ ކަންތައްތަކުން ޗައިނާގެ ޓްރެވަލް އޮޕަރޭޓަރުން ހިތުގައި އުފެދިފައިވާ ސުވާލުތަކަށް މި ފެއަރަ މެދުވެރިކޮށް ޖަވާބުތައް ދެމުން ގެންދާކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ.

" މި ވަގުތަކީ ޗައިނާގައި ރާއްޖެ ޕްރޮމޯޓުކުރަން ވަރަށް މުޙިއްމު ވަގުތެއް، ސަބަބަކީ ފެބްރުއަރީގައި ހިގާދިޔަ ކަންތައްތަކަށް ފަހު ޗައިނާގެ މާރކެޓަށް ފުދޭ ވަރެއްގެ ހީނަރުކަކަމެއް އައި، ޗައިނާގެ ރައްޔިތުންގެ ހިތުގައި އަދި ޓްރެވަލް އޮޕަރޭޓަރުންގެ ހިތުގައިވެސް ރާއްޖެއާއި ގުޅޭގޮތުން ސުވާލުތަކެއް ވަނީ އުފެދިފައި. މިފަދަ ފެއަރތައް މެދުވެރިކޮށް ޗައިނާގެ ފަތުރުވެރިންނަށް ރާއްޖެއަކީ ސުލްހަވެރިތަނެއް ކަން ކިޔައިދެވޭނެ، ރާއްޖެއަށް އަންނަ ފަތުރުވެރިން މާލެއަށް ނާންނާނެކަމާއި، ސީދާ ރިސޯޓުތަކަށް ކަން ދާނީ މިފަދަ ފެއަރތަކުގައި ކިޔައި ދެވޭނެ،" ފައިސަލް ވިދާޅުވިއެވެ.

ކުޓުމް ފެއަރގައި އެމްއެމްޕީއާރުސީން ގެންދަނީ ރާއްޖޭގެ ސްޓޭންޑަށް ޝައުގުވެރިކަން އުފެއްދުމަށް ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. އެމްއެމްޕީއާރުސީގެ ޑެޕިއުޓީ ޗީފް މާރކެޓިންގ އޮފިސަރ ފާތިމަތު އަފްރާ ވިދާޅުވީ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ރީތިކަން ވަރޗުއަލް ރިއަލިޓީ ބޭނުންކޮށްގެން ބަލާލާ އިހްސާސްކޮށްލުމުގެ ފުރުސަތު ދެމުން އަންނަކަމަށެވެ.

" ބިޒްނަސް މީޓިންގްސްތަކުގެ އިތުރުން އަޅުގަނޑމެން މީހުންގެ ޝައުގުވެރިކަން ހޯދުމަށްޓަކައި ބައެއް ހަރަކާތްތައް ސްޓޭންޑުގައި އެބަ ކުރިއަށް ގެންދަން، އެގޮތުން ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހި ބަހުން ނަން ލިޔެދިނުމާއި، ވަރޗުއަލް ރިއަލިޓީ ހެޑްސެޓެއް ބޭނުންކޮށްގެން ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ބަލާލުމުގެ ފުރުސަތު ދިނުމާއި ރާއްޖޭގެ އިޝްތިހާރާއެކު ތައްޔާރުކޮށްފައިވާ ޙާއްސަ ފްރޭމް ބޯޑާއި އެކު ފޮޓޯ ނެގުމަށްފަހު ސޯޝަލް މީޑިއާގައި ޝެއަރކޮށްގެން އިނާމެއް ހޯދުމުގެ ޙަރަކާތެއްވެސް ހިމެނޭ" އަފްރާ ވިދާޅުވިއެވެ.

މިއަހަރުގެ ފެއަރގައި ރާއްޖެއިން ބައިވެރިވި ފަރާތްތަކުން ފެއަރއާ މެދު ކުރަނީ ފޮނި އުއްމީދެކެވެ. އަދި މިހާތަނަށް ރަގަޅު ތަރުހީބެއް ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކުން ލިބެމުންދާ ކަމަށް ވަނީ ބުނެފައެެވެ.

މިދިޔަ އަހަރުގެ ކޮޓުމް ފެއަރއަށް ހަތަރު ހާސް ތިންސަތޭކައަށް ވުރެ ގިނަ ޗައިނާގެ ޓްރެވަލް އެޖެންޓުން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2016 ވަނަ އަހަރާއި އަޅާ ބަލާއިރު %18 އިތުރު އަދަދެކެެވެ. މިއަހަރުގެ ފެއަރއަށްވެސް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.
ރާއްޖެއަށް އެއް ޤައުމަކުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެގޮތުން ހުސްވި އަހަރު ޗައިނާއިން ރާއްޖެއަށް ތިންސަތޭކަ ހަހާސްހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 22 އިންސައްތައެވެ.