ތަޢުލީމު

އެމް.ބީ.ބީ.އެސް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ސްކޮލަރޝިޕަށް ކުރިމަތިލުމަށް ހުޅުވާލަނީ


ދިވެހި ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލުން ފަށާ ފުރަތަމަ އެމް.ބީ.ބީ.އެސް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް، ސްކޮލާރޝިޕަށް ކުރިމަތިލުމުގެ ގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ޤައުމީ ޔުނިވާރސިޓީއިން ބުނެފިއެވެ.

ޕީ.އެސް.އެމް އަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ޤައުމީ ޔުނިވާރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޝަރީފް ވިދާޅުވީ މި ކޯހުގައި ބައިވެރިވުމަށް 50 ޖާގަ ހުޅުވާލާފައިވާއިރު މި ޖާގަތަކަށް ސަރުކާރުގެ އެހީއާއި އެކު ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން މެޑިސިންއަށް ދެއްވާ ޚާއްސަ ސްކޮލަރޝިޕްތަކުގެ ގެ އެންމެ ފުރަތަމަ 50 ޖާގަ ކަށަވަރުވެފައިވާކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެމް.ބީ.ބީ.އެސް ކޯހުގައި ކިޔަވައިދިނުމަށް މުސްތަޤްބަލުގައި ދިވެހި ގިނަ ޑޮކްޓަރުން ތަމްރީންކުރެވޭނެކަމަށް ޤަޢުމީ ޔުނިވަރސިޓީއިން މަޢުލޫމާތުދެއްވައެވެ. މި ކޯސްތަކުގައި މިހާރު ކިޔަވައިދެއްވާނީ ބޭރުގެ ޕްރޮފެސަރު ފެންވަރު ގެ ޤާބިލް ބޭފުޅުންކަމަށްވެސް ޑރ.ޢަލީ ފަވާޒް ޝަރީފް ވިދާޅުވިއެވެ. ރާއްޖޭގެ މެޑިކަލް ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ މަޤްބޫލް 2 މެޑިކަލް ސްކޫލަކާއި ގުޅިގެންކަމަށް .އެމް.އެން.ޔޫ އިން ބުނެއެވެ. ޑރ.ފަވާޒް ވިދާޅުވީ މި ސްކޫލާއެކު ރާއްޖޭގައި އެމް.ބީ.ބީ.އެސް ކިޔަވާ ކުދިންނަށް މާލީ ގޮތުންވެސް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

ޤައުމީ ޔުނިވަރސިޓީގެ އެ.މް.ބީ.ބީ.އެސް ކޯހުގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ކޯހަށް އެދޭ ފޯމު ޤައުމީ ޔުނިވާރސިޓީ އިން ލިބެންހުންނާނެކަމަށް އެ ޔުނިވަރސިޓީން ބުނޭ. ފުލް ޓައިމް ކޮށް ކިޔަވައިދޭ މި ކޯސް ކުރިއަށްދާނީ 10 ސެމިސްޓަރއަށް ބަހާލައިގެންކަމަށް އެމް.އެން.ޔޫ އިން ބުނެއެވެ. އަދި ޑޮކްޓަރުކަމުގެ ސަނަދު ޙާޞިލްކުރުމަށްފަހު މި ދަރިވަރުންނަށް އެއް އަހަރު ދުވަހުގެ އިންޓަރންޝިޕް ހާޞިލްކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށްވެސް އެމް.އެންޔޫ އިން ބުނެއެވެ.