ޚަބަރު

ތާނައިން އަތުލިޔުމުގެ ޤައުމީ މުބާރާތެއް ބާއްވަނީ


ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން ތާނައިން އަތުލިޔުމުގެ ޤައުމީ މުބާރާތެއް ބާއްވަން މަސައްކަތް ކުރަމުން އަންނަކަމަށް ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވެއްޖެއެވެ. ދިވެހި ބަހުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޭޕްރިލް މަހުގެ 14 ވަނަ ދުވަހެވެ. މިދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ 2011 ވަނަ އަހަރުއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ނިޒާމު ނިޒާމީ ތަޢުލީމަށް ބައްޓަންވެގެން އައުމުގެ ކުރިން ރާއްޖޭގައި ބޮޑަށް ކިޔަވާދިނުން ބިނާވެފައި އޮތީ ދިވެހި ބަހުގެ ތަޢުލީމުގެ މައްޗަށް ކަމަށެވެ. އެގޮތުން އޭރު ދިވެހި ބަސް ފަރިތަކުރުމަށް، ބޮޑު އަކުރު އެޅުމާއި، ތާނަ އަކުރު ލިޔުމާއި، ޢަރަބި ތާނަ ލިޔުމުގެ މުބާރާތްތައް މަދުރަސީ ފެންވަރުގައި ކުރިއަށްގެންގޮސްފައިވާކަން އަޝްރަފް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ދިވެހިބަހުން ވާހަކަ ދެއްކުމާއި ތާނައިން ރީތިކޮށް ލިޔުމަށް ދަރިވަރުން ހޭލުންތެރިކުރުވުމަކީ ކޮންމެ ފަރުދެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށާއި، ދިވެހި ބަސް ނެތިހިނގައްޖެނަމަ އެއީ، ކޮންމެ ދިވެއްސަކުވެސް އެކަމާ ހިތާމަ ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

"ނިޒާމީ ތަޢުލީމުގެ ތެރޭގައި ކުއްޖާ ގިނައިރު މަސައްކަތް ކުރަމުން އަންނަނީ އިނގިރޭސި ބަހުގެ ތެރޭގައި. ގިނައިން ކިޔަވާ މިދެެވެނީ އިނގިރޭސި ބަހުގެ މާއްދާތައް. ގިނައިން ލިޔަން މިޖެހެނީ އެމާއްދާތަކުން ކުރަންޖެހޭ މަސައްކަތްތައް. އެހެންވީމަ ދިވެހި ބަހުގެ ތެރެއިން ކުއްޖާއަށް އެއްޗެއް ލިޔެލަން ނުވަތަ ދިވެހި ބަހުން ވާހަކަ ދައްކަން މަދަރަސީ ތަޢުލީމުގެ ތެރެއިން މިލިބެނީ ވަރަށް މަދު ފުރުސަތެއް." އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ މިއަހަރު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ އަތުލިޔުމުގެ ޤައުމީ މުބާރާތަކީ ޚާއްސަ ބޭފުޅެއްގެ ނަންފުޅަށް ނިސްބަތްކޮށް ބާއްވާނެ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތް ކުރިއަށްގެންދާނީ ތަފާތު އެކި ގިންތިތައް ހިމެނޭ ގޮތަށް ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.

"އަތުލިޔުމުގެ ކަންތައް ދައްވެ ނުވަތަ ހުތުރުވާން ދިމާވާ އެހެން ސަބަބެއްވެސް އެބައޮތް. ޓެކްނޮލޮޖީގެ ތެރެއިން ކޮމްޕިއުޓަރުގެ އަލީގައި ކުދިން މިހާރު ލިޔަނީ. އަދި އާންމުކޮށް ޒުވާނުންނާއި އޮފީސް މާހައުލުގައި އެހެން ކަމެއްކުރަން މިޖެހެނީ. ކަމެއް އޮވެގެން ކަމެއް ދެމެހެއްޓޭނީ. އެހެން ނަމަވެސް އަތުން ލިޔަން ނުޖެހޭ އެންމެ ފަހަރެއްވެސް އަދި ދުނިޔެ ނުދެކޭ. އެހެންވީމަ ދިވެހި ބަހުގެ ތާނަ އަތުން ލިޔަން ދަންނަ ކުދިން އުފައްދާ ރީތިކޮށް ތާނާ ދެމެހެއްޓުން އެއީ ވަރަށް އިސްކަމެއްދޭ ކަމެއް." އަޝްރަފް ވިދާޅުވިއެވެ.

ތާނައިން އަތުލިޔުމުގެ ޤައުމީ މުބާރާތެއް ބޭއްވުމަށް ބަހުގެ އެކަޑަމީން މަސައްކަތް ކުރަމުން އަންނައިރު، އެ އެކަޑަމީން އަންނަނީ ތުއްތު ކުދިންނަށް އަމާޒުކޮށްގެން ވާހަކަދެއްކުމުގެ މަހާ ސަމާއެއް ބޭއްވުމަށްވެސް ތައްޔާރުވަމުންނެވެ.

ދިވެހި ބަހުގެ ދުވަހުގެ މިއަހަރުގެ ޝިޢާރުގެ ގޮތުގައި ހަމަޖައްސާފައިވަނީ "ދިވެހި ފޮތް ކިޔަމާ، ދަރިވަރުން، ބެލެނިވެރިން، އަހަރުމެން އެންމެން" މިއެވެ.