ޚަބަރު

މާލޭގެ އިރުމަތީ ފަރާތު ތޮށި ގަނޑު އުސްކޮށް ފުޅާކުރަނީ



ކިންގް ސަލްމާން މިސްކިތް ހިމެނޭ ސަރަޙައްދު ހިމާޔަތްކުރުމަށް އެ ސަރަހައްދުގެ ތޮށި އުސްކުރުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ ދަށުން އެ ސަރަހައްދުގެ ތޮށި އުސްކުރުުގެ އިތުރުން ތޮށި ގަނޑު ފުޅާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މާލޭގެ އިރުމަތީ ފަރާތުގައި ހަދާ ކިންގް ސަލްމާނު މިސްކިތް ހުނަނަ ސަރަހަދު ހިމާޔަތްކުރުމަށް އެ ސަރަހައްދުގެ ތޮށި ގަނޑު އުސްކޮށް ފުޅާކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 46.4 މިލިއަން ރުފިޔާއަށެވެ. މީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ދަށުން ކާނިވާ ސަރަހައްދުގައި ހުންނަ ސިޓްރޮން އިން ފެށިގެން އާޓިފިޝަލް ބީޗްގައި ހުންނަ ބޫލޫ ވޭ ރެސްޓޯރަންޓް ހިމެނޭ ގޮތަށް 430 މީތަރުގެ ތޮށި ގަނޑު އުސްކުރުމަށްވަނީ ނިންމާފައެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ މުހައްމަދު މުޙައްމަަދު މުޢިއްޒުއެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާޙިމް ޒިޔަތުއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިސްކިތް ހުރި ސަރަޙައްދަކީ މޫސުން ގޯސްވާ ދުވަސްވަރު އުދައިގެ އަސަރުކޮށް ގެއްލުންވާ ސަރަޙައްދެއްކަމަށެވެ. އެމްޓީސީސީއާއި ހަވާލުކުރި މަސައްކަތުގެ ދަށުން އެ ސަރަހައްދުގެ ތޮށި ގަނޑު އުސްކުރުމުގެ އިތުރުން ރާޅު އަރާ ފެން ބޮޑުވެދާނެ ޙާލަތަކަށް ކުރިއާލާ ތައްރާރުވުމުގެ ގޮތުން ފެން ހިންދާ ޕަމްޕް ސިސްޓަމެއް ޤާއިމުކުރާނެކަމަށްވެސް ޑރ މުއިއްޒު ވިދާޅުވިއެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާޙިމް ޒިޔަތް ވިދާޅުވީ މި މަސައްކަތް ކުރަން މިޖެހޭ ދުވަސްވަރަކީ ޖޫން ޖުލައިގެ ދުވަސްވަރު ނަމަވެސް މަސައްކަތައް ހުއްޓުމެއް ނުގެންނާނެކަމަށެވެ. އަދި މަސައްކަތް ނިންމަން ދިހަ މަސްދުވަސް ދިންނަމަވެސް އޭގެ ކުރިން މަސައްކަތް ނިންމާނެކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ.

މާލޭ އިރުމަތީ ފަރާތު ތޮށި އުސްކޮށް ފުޅާކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ދިހަ މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މާލޭގެ އިރމަތީ ފަރާތުގައި ހަދާ ކިންގ ސަލްމާން މިސްކިތަކީ ސަޢުދީ ސަރުކާރުގެ ހިލޭ އެހީގެދަށުން ބިނާކުރާ މިސްކިތެކެވެ. މި މިސްކިތަކީ 24.95 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އަޅާ ދިހަހާސް މީހުންގެ ޖާގައިގެ މިސްކިތެކެވެ.