ޚަބަރު

އިންތިހާބަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އިލެކްޝަންސް ޓީމުތައް އަތޮޅުތަކަށް

އަންނަ ރިޔާސީ އިންތިހާބަށް ރައްޔިތުން ހޭލުންތެރިކުރުމަށް ރާއްޖޭގެ ސަރަހައްދުތަކަށް އިލެކްޝަންސްގެ ޓީމުތައް ފޮނުވަން އެ ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމު ވިދާޅުވީ އެ ކޮމިޝަންގެ ޓީމުތައް ރާއްޖޭގެ ހަތަރު ސަރަހައްދަކަށް ފޮނުވާނެކަމަށެވެ. އަދި މި ޓީމުތައް މިމަހުގެ 24 ވަނަދުވަހު އަތޮޅުތަކަށް ފުރަން ފަށާނެކަމަށްވެސް އަކުރަމު ވިދާޅުވިއެވެ.

"ފާއިތުވެދިޔަ އިންތިޚާބުތަކުގައި ހިނގާފައިވާ ކަންކަމުން މިސާލު ނެގިގެން މި ޓްރެއިނިންގްތައް ކުރިއަށްދާނެ. މި ތަމްރީނުގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ، އިންތިހާބުތަކުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ތަޖުރިބާކާރު ފަރާތްތައް. އަޅުގަނޑުމެން މި ބާއްވާ އިންތިހާބުތަކުގައި އާންމު ގޮތެއްގައި ގާތްގަނޑަކަށް 4000 އަށް ވުރެ ގިނަ ވޯޓު އޮފިޝަލުން ބައިވެރިވާނެ. މިފަހަރު އަޅުގަނޑުމެން ވޯޓު އޮފިޝަލުންގެ އިތުރަށް އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވެސް އިންތިހާބާ ގުޅޭ މައުލޫމާތުތައް ދިނުމަށް ޓްރެއިނިންގ ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައި،" އަކްރަމް ވިދާޅުވިއެވެ.

ރަށްރަށް ފޮނުވާ އިލެކްޝަންސްގެ މުވައްޒަފުން ތަމުރީނު ކުރުމަށް މިއަދު ވަނީ އެ ކޮމިޝަނުން ތަމުރީނު ޕްރޮގްރާމްތަކެއްވެސް ފަށާފައެވެ. މި ތަމުރީނުތަކުގައި އިންތިޚާބު އޮންނަ ދުވަހު ވޯޓުލާ ސަރަޙައްދުގައި ހިނގާ ކަންކަން ބަލަހައްޓައި، ސުޕަވައިޒު ކުރުމުގެ އިތުރުން އިންތިޚާބު ކުރިއަށްދާ ވަގުތު ދިމާވާ މައްސަލަތައް ހައްލު ކުރާނެ ގޮތްތައް ވެސް ކިޔާދޭނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުމާއި، އިންތިޚާބުގައި ހަރަކާތްތެރިވާ މޮނިޓަރުން އަދި އޮބްޒާވްކުރުމަށްވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.