ޚަބަރު

މިއަހަރުގެ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރަކަށް ސާޖިދާ


މުޅި ރާއްޖެއަށް ހުޅުވާލައިގެން ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދިޔަ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން"ގެ ސީޒަން 3 ގެ ފަޚުރުވެރި 1 ވަނަ ސާޖިދާ ޢަބްދުލްމަޖީދު ކާމިޔާބުކޮށްފިއެވެ.

މިއަހަރުގެ ސީޒަންގެ ގްރޭންޑް ފިނާލޭ ރޭ ބާއްވާފައިވާއިރު، މިފަހަރުގެ ސީޒަންގެ ގަދަ 10 ގައި ހިމެނުނު ހުރިހާ ބައިވެރިންނަށްވެސް ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތައް ހުށައެޅުމުގެ ފުރުޞަތު ޕީ.އެސް.އެމުން ވަނީ ހުޅުވާލާފައެވެ. މިއީ ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ޙާއްސަކޮށްގެން ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންއަކީ ރޭޑިއޯ ޕްރޮގްރާމް ހުށައެޅުމުގެ ދާއިރާއިން ކުރިއަށްދިއުމަށް ޝަޢުގުވެރިވާ ޒުވާނުންނަށް އެފުރުޞަތު ފަހިކޮށްދީ، އެފަދަ ޒުވާނުންގެ ހުނަރު ތަރައްޤީކޮށްދިނުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މި މުބާރާތުގެ އެންމެ ޚާއްސަކަމަކީ މިއީ ދިވެހިރާއްޖޭގެ އަޑުން ޢާއްމުގޮތެއްގައި ކުރިއަށްގެންދާ މުބާރާތްތަކާއި ޚިލާފަށް މުބާރާތުގެ ފަނޑިޔާރުންގެ އިތުރުން އެހުންތެރިންނަށްވެސް އިންސާފުކުރުމުގެ ފުރުޞަތު ލިބިގެންދާ މުބާރާތެއްކަމެވެ.

ރިއަލިޓީ ޝޯވއެއްގެ ސިފައިގައި ކުރިއަށްގެންދާ މި މުބާރާތް ބައްޓަންކޮށްފައިވަނީ ކޮންމެ ހަފްތާއަކުވެސް މުބާރާތުގެ ބައިވެރިންނަށް ތަފާތު ފޯމެޓެއްގެ ހުށައެޅުމެއް ހުށައަޅަންޖެހޭ ގޮތަށެވެ. އެގޮތުން ރިޕޯޓް ހުށައެޅުމާއި، ޚަބަރު ކިޔުން، ވާހަކަ ކިއުން، އިންޓަރވިއުކުރުން، ރޭޑިއޯ ޑްރާމާ، އަދި ރޭޑިއޯއަށް މަންޒަރު ސިފަކުރުމުގެ އިތުރުން ފޯން ލައިވް ޕްރޮގްރާމް ބައިވެރިން ހުށައަޅަންޖެހެއެވެ. އަދި މިއަހަރު މުޅިން އާ ޓާސްކެއްގެގޮތުގައި ލޮކޭޝަން އިންޓަރވިއުކުރުންވެސް ވަނީ ބައިވެރިންނަށް ޗެލެންޖެއްގެގޮތުގައި ކުރިމަތި ކުރުވާފައެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ އޮޑިޝަންތަކުން ހޮވުނު ގަދަ 10 ބައިވެރިންނާއެކު ފެށި މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ ފަނޑިޔާރުންގެ %60 މާކްސްއާއި އެހުންތެރިންގެ %40 ވޯޓު އެއްކޮލުމުން އެންމެ ދަށުން މާކްސް ލިބޭ ބައިވެރިއަކު ކޮންމެ ހަފްތާއަކުވެސް ކަޓާ އުސޫލުންނެވެ.

ވަރަށަ ވާދަވެރިކޮށް ކުރިއަށްގެންދިޔަ މި މުބާރާތުގެ ގްރޭންޑް ފިނާލޭ ޝަރަފުވެރިކޮށްދެއްވާފައިވަނީ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރާއި، ދިވެހިރާއްޖޭގެ އަޑު ކުރިން ހިންގެވުމުގައި އިސްކޮށް އުޅުއްވި، އަދި ރޭޑިއޯ އެހުންތެރިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ބަދުރުއްނަޞީރުގެ އިތުރުން ޕީ.އެސް.އެމްގެ ބޯޑު މެމްބަރު މަޙްމޫދު ޢަލީއެވެ.

ގްރޭންޑް ފިނާލޭގައި ވާދަކުރި ވާދަކުރި 3 ބައިވެރިންގެ ތެރެއިން މިފަހަރުގެ ސީޒަންގެ ފަޚުރުވެރި އެއްވަނަ ޙާސިލްކޮށްފައިވަނީ ހއ.ކެލާއަށް އުފަން ޢުމުރުން 20 އަހަރުގެ ސާޖިދާ ޢަބްދުލް މަޖީދެވެ. ސާޖިދާއަށް އެވޯޑާއި އިނާމް ޙަވާލުކޮށްދެއްވީ ޕީ.އެސް.އެމްގެ ބޯޑު މެމްބަރު މަޙްމޫދު ޢަލީއެވެ. މިފަހަރުގެ ސީޒަންގެ ޓައިޓަލް ކާމިޔާބުކުރި ފަރާތަށް ޕީ.އެސް.އެމްގެ ފަރާތުން ވަނީ 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ މިއަހަރުގެ ސީޒަން ސާޖިދާ ކާމިޔާބުކޮށްފައިވާއިރު، މި މުބާރާތުގެ ދެވަނަ ޙާސިލުކޮށްފައިވަނީ ޢަބްދުﷲ އަޙްޝަމެވެ. އަދި 3 ވަނަ ޙާޞިލުކޮށްފައިވަނީ އާމިނަތު ލިޝާން ޢަލީއެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ މިއަހަރުގެ ސީޒަންގެ ގްރޭންޑް ފިނާލޭގައި ޕީ.އެސް.އެމްގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުލްލަތީފް ވިދާޅުވީ، ބަހުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ދިވެހި ބަހުން ވާހަކަދައްކަން އެނގުމަކީ ކޮންމެ ރޭޑިއޯ ޕްރެޒެންޓަރެއްގެ ކިބައިގައިވެސް ހުންނަންޖެހޭ މުހިއްމު ހުނަރެއްކަމަށެވެ. އަދި ރޭޑިއޯ ޕްރެޒެންޓްކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެކަމެއް ނޫންކަމަށާއި، އެހެންކަމުން މި މުބާރާތުގެ އަލީގައި ދަސްވި ހުނަރުތައް ދޫކޮށްނުލުމަށް ބައިވެރިންގެ ކިބައިން އިކްރާމް އެދިވަޑައިގަތެވެ.

މީގެ އިތުރުން މިއަހަރުގެ ސީޒަންގެ ބައިވެރިންނަށް ޕީ.އެސް.އެމްގެ މެނޭޖްމަންޓްގެ ފަރާތުން އިކްރާމް ވަނީ ވަރަށް އުފާވެރި ޙަބަރެއްވެސް ދެއްވާފައެވެ. މި މުބާރާތުގެ ގަދަ 10 ގައި ވާދަކުރި ބައިވެރިންގެ ތެރެއިން، ދިވެހިރާއްޖޭ އަޑުގެ ޕްރޮގްރާމްތައް ހުށައެޅުމަށް ޝަޢުގުވެރިވާ އަދި އެކަމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ދިނުމަށް ކުންފުނީގެ މެނޭޖްމަންޓުން ނިންމާފައިވާކަމަށް އިކްރާމް ވިދާޅުވިއެވެ.

" އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވޭ ދިވެހިރާއްޖޭގެ އަޑުގެ އެކި ޕްރޮގްރާމްތައް ހުށައަޅަން ބޭނުން ކުދިންނަށް ޚާއްސަގޮތެއްގައި ގަދަ 10ގައި މި ހިމެނުން ކުދިންނާއި، އެންމެ މޮޅު 3 ކުދިންގެ ގޮތުގައި މި ވާދަކުރި ކުދިން އަޅުގަނޑުމެންނާއެކު ޕްރޮގްރާމްތައް ހުށައެޅުމުގައި ކުރިމަގައި ބައިވެރިވެވަޑައިގެންދެއްވުން. މީގެ ތެރޭގައި ގިނަކުދިންނަކީ އަޅުގަނޑަށް ހީވަނީ ވަޒީފާތައް އަދާކުރާ ކުދިންހެން. ވަޒީފާގައި އުޅެމުންވެސް އެކުދިންނަށް ޕްރޮގްރާމްތައް ހުށައެޅޭނެ ގޮތް، އަދި އާމްދަނީ ލިބޭނެގޮތް އަޅުގަނޑުމެންގެ ސިޔާސަތުތަކުގެ ތެރޭގައި ކަނޑައެޅިފައި ހުންނާނެ. އެއާއެކީގައި އަޅުގަނޑުމެންގެ މި ކުންފުނީގައި ވަޒީފާއަށް ވަޑައިގެންވެސް އެކަންކުރެއްވޭނެ. އެހެންވީމަ މި 2 ގޮތުން ކުރެ ކޮންމެ ގޮތެއް ހިޔާރު ކުރައްވައިގެންވެސް މި މުބާރާތުގެ އެންމެ މޮޅު 10 ކުދިންގެ އަޑު އަޅުގަނޑުމެންނަށް މި ރޭޑިއޯ ޕްރޮގްރާމްތަކުގައި އިވިގެންދިއުން. އެއީ އަޅުގަނޑުމެން ވަރަށް އުއްމީދުކުރާ ކަމެއް. އަދި މެނޭޖްމަންޓުން އެފަދަ ކޮންމެ ކަމަކަށް އެކުދިން އެދިއްޖެއްޔާ، އަޅުގަނޑުމެންގެ ތެރޭގައި މާލީގޮތުން ތަނަވަސްކޮށްދެވެން ހުރި ހުރިހާކަމާއި، ފުރުޞަތުގެ ގޮތުގައި ތަނަވަސްކޮށްދެވެން ހުރި ހުރިހާކަމެއް މެނޭޖްމަންޓުގެ ފަރާތުން ތަނަވަސްކޮށްދޭނެކަމުގެ ޔަޤީންކަން އެ 10 ކުދިންނަށްވެސް އަޅުގަނޑު އަރުވަން" އިކްރާމް ވިދާޅުވިއެވެ.

މިއަހަރުގެ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ އަޑަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ މުއުމިނާ އިބްރާހީމާއި، މުހައްމަދު ޒަހީންގެ އިތުރުން ހަސަން ހަލީމެވެ. މި 3 ފަނޑިޔާރުންގެ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުމެއް އެބޭފުޅުންނަށް ވަނީ އަރުވާފައެވެ. މި ލިޔުން އެބޭފުޅުންނާއި ހަވާލުކޮށްދެއްވާފައިވަނީވެސް ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އިކްރާމެވެ.

މި ފަހަރުގެ މުބާރާތުގެ އިސްފަނޑިޔާރު މުއުމިނާ އިބްރާހީމް ވިދާޅުވިގޮތުގައި މިފަހަރުގެ މުބާރާތުގައި ބައިވެރިންގެ ފަރާތުން ތަފާތު ހުނަރުތަކެއް ފެނިގެންގޮސްފައިވާއިރު، މި މުބާރާތުގެ ފެންވަރު އަހަރަކަށްވުރެ އަހަރެއް ކުރިއަރަމުންދާކަމަށެވެ.

މި މުބާރާތުގެ ބައިވެރިންނަށް ގިނަ ކަންތައްތަކެއް ދަސްވެފައިވާކަމަށް ބައިވެރިން ބުނާއިރު، ފައިނަލްއަށް ދިޔަ 3 މީހުން ބުނީ މިމުބާރާތުގެ ސަބަބުން މުސްތަޤުބަލުގައި ފައިދާކުރާނެ ގިނަ ކަންތައްތަކެއް އެނގިގެންދިޔަކަމަށެވެ.

ރޭޑިއޯ އެހުންތެރިންގެ ފަރާތުން މި މުބާރާތަށް އޮންނަ ތަރުޙީބާއި މަޤްބޫލުކަން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ސީޒަނަކަށްފަހު ސީޒަނެއްގައި ބައިވެރިންގެ ހުށައެޅުންތަކާއި، މުބާރާތުގެ ކޮލެޓީ ރަނގަޅުވަމުން އަންނަކަން އެހުންތެރިންގެ އިތުރުން، މި މުބާރާތުގެ ފަނޑިޔާރުންވެސް ފާހަގަކުރާކަން ބޭސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. މިއަހަރުގެ ސީޒަންގެ ގްރޭންޑް ފިނާލޭ ކުރިއަށް ގެންގޮސްފައިވަނީ 1438 ބޮޑުބެރު ގްރޫޕްގެ ފޯރިގަދަ ހުށައެޅުންތަކަކާއެކުއެވެ.