ޚަބަރު

އެމްއޭސީއެލްގެ ސްޓާފް ނައިޓް ފާހަގަކޮށްފި


މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޓްގެ 52ވަނަ ސްޓާފްނައިޓް ފާހަގަކޮށްފިއެވެ.
ސްޓާފް ނައިޓް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަފްލާގައި އެއަރޕޯޓްގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.

މިހަފްލާގައި ވަނީ އެއަރޕޯޓްގެ އެކި ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތަފާތު ހަރަކާތްތަކެއް ދައްކާލާފައެވެ. ސްޓާފްނައިޓް ފާހަގަކުރުމަށްބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކެޓްރަ ޢާދިލް މޫސާ ވަނީ އެއަރޕޯޓްގައި ކުރާ ހުރިހާ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވެނީ މުވައްޒަފުންގެ އެއްބާރުލުން ލިބިގެންކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިދިޔަ އަހަރަކީ ޕްރޮޖެކްޓްތަކުގެ އިތުރުން އެއަރ ޕޯޓްއޮޕަރޭޝަންތައް ފުރިހަމައަށްހިންގި އަހަރެއްކަންވެސް ފާހަގަކުރެއްވިއެވެ.

ޢާދިލް ވިދާޅުވީ މިދިޔަ އަހަރަކީ އުނދަގޫތަކާއެކުވެސް ގިނަ ޕްރޮޖެކްޓްތަކެއް ނިންމައި އިތުރު ޕްރޮޖެކްޓްތައް ފަށާފައިވާ އަހަރެއްކަމަށެވެ. ޢާދިލް ވިދާޅުވީ ފައިސާގެ ދަތިތަކާއެކުވެސް އެއަރޕޯޓްގެ ހުރި ވަސީލަތްތަކާއި މެނޭޖްމަންޓާއި، މުވައްޒަފުންގެ އެއްބާރުލުމާއެކު ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދިޔަކަމަށެވެ. އެމްއޭސީއެލްގެ މުވައްޒަފުންނާ މުޚާތަބު ކުރައްވާ ޢާދިލް ވިދާޅުވީ އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދަނީމުވައްޒަފުންނަށް ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށްކަމަށެވެ.
ޢާދިލް މޫސާ ވަނީ އެއަރޕޯޓްގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކާއި އެހެނިހެންކަންތައްތަކުގައި މުވައްޒަފުންގެ އެއްބާރުލުން އަބަދުވެސް ދިނުމަށް އިލްތިމާސްކޮށްފައެވެ.

"އަޅުގަނޑުމެންގެ އައަރލައިންއަށް ދެވޭ ޚިދުމަތާއި އޮޕްރޭޝަންތަކަށް ގުޅުން ހުރި ޚިދުމަތްތަކަށް ބަލާލިނަމަވެސް އެހެން އަހަރުތަކާ އަޅާބަލާއިރު މިދިޔަ އަހަރަކީ ވަރަށް ފުރިހަމަ ނަތީޖާއެއް ލިބުނު އަހަރެއް. ވޭތުވެ ދިޔަ އަހރު އެއަރޕޯޓްގެ ގިނަ މަސައްކަތްތަކެއް ނިމެއްޖެ އަދި ގިނަ މަސައްކަތްތައް ފެށިއްޖެ". އާދިލް މޫސާ ވިދާޅުވިއެވެ.

އެމްއެސީއެލްގެ 52 ވަނަ ސްޓާފްނައިޓް ފާހަގަކުރުމަށް ބޭއްވި ހަފްލާގައިވަނީ އެ ކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ޕަވަރ ބޭންކެއް ދޭގޮތައް ނިންމާފައެވެ. އަދި މި ހަފްލާގައިވަނީ ލަކީ ޑްރޯވް އެއްވެސް ނަގާފައެވެ. އެގޮތުން މި ލަކީ ޑްރޯވްގައި 100އަށްވުރެ ގިނަ އިނާމް ހިމެނެއެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ޗުއްޓީ ހޭދަކޮށްލުމަށް ފުރުސަތު ލިބުމާއި ރާއްޖޭގެ ރިސޯޓްގައި ޗުއްޓީ ހޭދަކޯށްލުމުގެ އިތުރުން ތަފާތު އިނާމްތަކެއް ހުށައަޅާފައިވެއެވެ.