ޚަބަރު

ޖެންޑަރ މިނިސްޓަރ، ޢުމުރުން ދުވަސްވީ ބަލިމީހުންގެ ހާލު ބައްލަވައި ލައްވައިފި


މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، ޒެނީޝާ ޝަހީދު ޒަކީ، އދ. މަހިބަދޫއަށް ވަޑައިގެން އެރަށުގައިތިބި ޢުމުރުންދުވަސްވީ ބަލި މީހުންގެ ޙާލު ބައްލަވައި ލައްވައިފިއެވެ.
ޖެންޑަރ މިނިސްޓަރ ޒެނީޝާ މަހިބަދޫއަށް ވަޑައިގެންފައިވަނީ، ޖެންޑަރ މިނިސްޓްރީން އެރަށުގައި ބޭއްވި ޓްރެއިނިންގް ޕްރޮގްރާމެއް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މިނިސްޓަރގެ މިދަތުރުފުޅުގައި، އދ. އަތޮޅު ހޮސްޕިޓަލާއި ޖެންޑަރ މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދިޔަ ރަންވޭލާ ހެލްތު ސްކްރީނިންގ ޕްރޮގްރާމްގެ ތެރެއިން، ރަށުގެ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވައި، މުސްކުޅިބަލީގެ ސަބަބުން ދާނުގައި ތިބި މީހުންގެ ހާލު އެ ކަމަނާ ބައްލަވައިލެއްވިއެވެ. އަދި އެ ފަރާތްތަކާއެކު ވަގުތު ހޭދަކުރައްވައި، ކަންބޮޑުވުންތައް އަޑު އެއްސެވިއެވެ.
މީގެ އިތުރުން ޚާއްޞަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތަކާ ގުޅޭގޮތުން އދ. އަތޮޅު ހޮސްޕިޓަލުގެ އިސްވެރިންނާ އެ ކަމަނާ މަޝްވަރާކުރެއްވިއެވެ. ހޮސްޕިޓަލްގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ ޚާއްޞަ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގައި، މުއައްސަސާތަކުގެ މެންޑޭޓުގެ ބޭރުންވެސް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ފަސް ނުޖެހުމަށް އިލްތިމާސް ކުރައްވާފައެވެ.

"
"އަޅުގަނޑުމެން މިހެން ކުރާ ކޮންމެ ދަތުރަކީ ގުޅިގެން މަސައްކަތް ކުރާނެ އާ މަގުތަކެއް ފަހިވެގެންދާ ދަތުރުތަކެއް. މިދަތުރުގެ ސަބަބުންވެސް އެ މަގުތައް ފަހިވެގެން ހިނގައްޖެ. މުޖުތަމަުގައި ޚާއްޞަ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ގާތުން ޚިދުމަތްދީ، އެހީ ފޯރުކޮށްދިނުމަކީ ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއްދޭކަމެއް"
ޒެނީޝާ ޝަހީދު ޒަކީ - މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ


މިނިސްޓަރ ޒެނީޝާ ވަނީ އދ. އަތޮޅު ކައުންސިލް މެމްބަރުންނާއި، މަހިބަދޫ ކައުންސިލް މެމްބަރުންނާ ވަކިވަކިން ބައްދަލުކުރައްވައި، ކުޑަކުދިންނަށް ކުރާ ގޯނާއާއި އަނިޔާ ހުއްޓުވުމާއި، ޖެންޑަރ މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ ދާއިރާތަކާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ވިސްނުން ކައުންސިލް މެމްބަރުންނާ ޙިއްޞާ ކުރައްވާފައެވެ. އަދި އެންމެންގެ ބައިވެރިވުން ހިމެނޭ އިޖްތިމާއީ ވެއްޓެއް ޤާއިމުކުރުމަށްޓައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް މިނިސްޓަރ ވަނީ ކައުންސިލް މެމްބަރުންނަށް އިލްތިމާސް ކުރައްވާފައެވެ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލް މެމްބަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި މިނިސްޓަރ ވަނީ ކައުންސިލަރުންގެ ކަންބޮޑުވުންތައް އޮޅުން ފިލުއްވާފައެވެ.

މިނިސްޓަރ ޒެނީޝާގެ މި ދަތުރުފުޅުގައި މަހިބަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާވެސް ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ކޮމިޓީގެ ފަރާތުން ކުރިއަށް ރާވައިފައިވާ ކަންކަމާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންނާ އެ ކަމަނާ މަޝްވަރާކުރެއްވިއެވެ.
މި ދަތުރުފުޅު ނިންމަވާލައްވަމުން މަހިބަދޫގައި ހުންނަވާ ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، އެހީބޭނުންވާ ފަރާތްތަކާ ބައްދަލުކޮށް، އެފަރާތްތަކަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދިނުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި މި ދަތުރުގައި ކުރިއަށްދިޔަ ބައްދަލުވުންތަކުގައި، ގުޅިގެން މަސައްކަތްކުރެވިދާނެ އިތުރު މަގުތަކެއް ފަހިވެގެން ގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މަހިބަދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި ޤާއިމުކޮށްފައިވާ ރީޖަނަލް ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާވެސް ވަނީ ބައްދަލުކުރައްވާފައެވެ. އަދި ކުޑަކުދިންނަށް ކުރާ އަނިޔާއާއި، ގެވެށި އަނިޔާގެ މައްސަލަތައް ކުރީބައިގައި ދެނެގަތުމާގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.