ޓުއަރިޒަމް

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ޗައިނާގައި ޙާއްސަ ރޯޑް ޝޯއެއް ފަށައިފި


ރާއްޖޭގެ ފަތުރުވެރިކަން ޗައިނާގައި އިޝްތިހާރު ކުރުމަށް ޙާއްސަ ރޯޑް ޝޯއެއް ފަށައިފިއެވެ. އައިލެންޑް އޭވިއޭޝަނާއި ޗައިނާގެ ގްރޭންޑް ވިޝަން އާއި ގުޅިގެން ބާއްވާ މި ރޯޑް ޝޯ ޗައިނާގެ ހަތަރު ސިޓީއެއްގައި ކުރިޔަށް ދާނެއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފެބްރީމަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 60،000 ގާތްކުރާ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 8 އިންސައްތައިގެ އިތުރުވުމެކެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ރާއްޖެއިން އަންނަނީ ތަފާތު ފެއަރތަކުގައި ބައިވެރިވަމުންނެވެ. މިގޮތުން އައިލެންޑް އޭވިއޭޝަނާއި ގްރޭންޑް ވިޝަން ގުޅިގެން ފަށާފައިވާ ރޯޑް ޝޯ އަމާޒުކޮށްފައިވަނީ އަކީ ޗައިނާގެ ބޮޑެތި ސިޓީތަކަށްވުރެ ކުދި ސިޓީތަކަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ހާރިސް ވިދާޅުވީ އައިލެންޑް އޭވިއޭޝަންގެ ފްލައިޓްތައް މެދުވެރިކޮށް ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އެތަށް ގުނައަަކަށް އިތުރުވެފައިވާކަމަށެވެ. ހާރިސް ވިދާޅުވީ މޯލްޑިވިއަންގެ ހިދުމަތް ޗައިނާއަށް ފުރަތަމަ ފެށީ އެންމެ ސިޓިއަކަށްކަމަށާއި އޭރު ގެނެވެނީ ހަފްތާއަކު 200 ފަތުރުވެރިންކަމަށެވެ. ނަމަވެސް މިހާރު ޗައިނާގެ 6 ސިޓީއަކަށް މޯލްޑިވިއަންގެ ދަތުރުތައް ކޮންމެ ހަފްތާއަކު ކުރަމުންދާއިރު މިހާރު ދެހާހަށްވުރެ ގިނަ ފަތުރުވެރިން މޯލްޑިވިއަންގެ ފްލައިޓްތަކުގައި ރާއްޖެ އަންނަކަން ހާރިސް ފާހަގަކުރެއްވިއެވެ.

ގްރޭންޑް ވިޝަންގެ ޗަރޓަރގެ ޑިރެކްޓަރ ޒީބޯ ލިއު ވިދާޅުވީ އެކުންފުނިން ދުނިޔޭގެ ވިއްސައްވުރެ ގިނަ އެއަރލައިންތަކާއި އެކު މަސައްކަތް ކުރަމުން އަންނަ އިރު، މޯލްޑިވިއަންއަކީ މަސައްކަތުގައި އެންމެ އެއްބާރުލުންލިބޭ، ދުރުވިސްނުމަށް މަސައްކަތް ކުރާ ކުންފުނިކަމަށެވެ. އޭނާ ވިދާޅުވީ މި ރޯޑް ޝޯގައި ރާއްޖޭގެ ފަންސާއަށްވުރެ ގިނަ ރިސޯޓުން ބައިވެރިވެފައިވާކަމަށެވެ.
މި ފެއަރގައި ޗައިނާގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަތަކާތްތެރިވާ އެޖެންޓުންނާއި، ގިނަ އަދަދަކަށް ނޫސްވެރިންވެސް ބައިވެރިވާކަމަށްވެސް ޒީބޯ ލިއު ވިދާޅުވިއެވެ.

" އަޅުގަނޑުމެންނާއި އައިލެންޑް އޭވިއޭޝަންއާއި ގުޅިގެން މަސައްކަތްކުރާނީ ދުރަށް ވިސްނައިގެން މިދާއިރާ ފުޅާކުރުމަށް. އެގޮތުން މި ބާއްވާ ރޯޑް ޝޯވްގެ ސަބަބުން ޗައިނާގެ ބޮޑެތި ސިޓިތަކުގެ އިތުރުން ކުދި ސިޓީތަކުގެ ސަމާލުކަންވެސް ރާއްޖެއަށް ލިބޭނެ. އަދި މި ހަރަކާތް ކުރިއަށް މިގެންދަނީ ހަމައެކަނި މި ހަފްތާއަކަށްނޫން. މީގެ އަސަރު މުޅި އަހަރަށްވެސް ދެމިގެންދާނެ." ޒީބޯ ލިއު ވިދާޅުވިއެވެ.

މި ރޯޑް ޝޯގެ ހަރަކާތްތައް ކުރިއަށްދަނީ ޗައިނާގެ ޝިއަން އާއި ޗޮންކިންގ އާއި ޓިއަންޖިންގެ އިތުރުން ބެއިޖިންގ ސިޓީގައެވެ.
މި މަހުގެ 10 ވަނަ ދުވަހު ފެށި މި ރޯޑް ޝޯ މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ކުރިޔަށްދާނެއެވެ.
އައިލެންޑް އޭވިއޭޝަނުން މިހާރުވެސް ޗައިނާއަށް އިތުރު ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެ ކުންފުނިން ބުނެއެވެ.