ޚަބަރު

ހުޅުމީދޫ ޕޮލިސްޓޭޝަނުން ހިންގި ދެއޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށްފި


މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި ފުރަތަމަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ސައިކަލެއްގައި ދުއްވާފައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 14 ރަބަރު ޕެކެޓު ފެނުމާއި ގުޅިގެންކަމަށް ފުލުހުންބުނެއެވެ.

ފުލުހުންނަށް ލިބުނު އިތުރު މަޢުލޫމާތާއި ގުޅިގެން ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި ދެވަނަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ދެފިރިހެނުންނާއި 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިތިންމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު އެމީހުންގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 03 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި ދެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، 29 އަހަރުގެ ދެމީހުންނާއި 33 އަހަރުގެ މީހާ ދޫކޮށްލާފައިވާއިރު 22 އަހަރުގެ މީހާ، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.
މިމައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.