ދުނިޔެ

އަލްޖަޒާއިރުގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި ގިނަ ޢަދަދެއްގެ މީހުން މަރުވެއްޖެ


އަލްޖަޒާއިރުގެ އަސްކަރީ މަތިންދާބޯޓެއް އެ ޤައުމުގެ ބޫފާރިކް ވައިގެބަނދަރުގެ ކައިރިއަށް ވެއްޓި ގިނަ ޢަދަދެއްގެ މީހުން މަރުވެއްޖެއެވެ. ރަސްމީ އެއްވެސް އިދާރާއަކުން އަދި ވަކި ޢަދަދެއް ހާމަނުކުރާ ނަމަވެސް، އަލް ޢަރަބިޔާ ނޫހުންވަނީ، މި ހާދިސާގައި 105 މީހުން މަރުވެފައިވާކަމަށް ރިޕޯޓުކޮށްފައެވެ.

ގިނަ ޢަދަދެއްގެ އަސްކަރީ ފައުޖުތަކާއެކު، ހަތިޔާރު ބަރާކޮށްގެން ދަތުރުކުރިކަމަށް ބެލެވޭ މި މަތިންދާބޯޓު ވެއްޓިފައިވަނީ އަލްޖަޒާއިރުގެ ވެރިރަށާ 20 ކިލޯމީޓަރު ދުރު ސަރަޙައްދަކަށެވެ. އެ މަތިންދާބޯޓު ދަތުރުކުރަމުންދިޔައީ އަލްޖަޒާއިރުގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ބަޝާރް ޖަދީދަށްކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އަވަސްފަރުވާ ދޭ އެމްބިއުލާންސްތަކާއި އަލިފާންނިއްވާ އުޅަނދުތަކާއި ދަރުމަވެރިން، އެ ސަރަޙައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި ޙާދިސާއާ ގުޅިގެން ބޫފާރިކް ވައިގެބަނދަރަށް ދަތުރުކުރާ ގިނަ މަގުތަކެއް ވަނީ ބަންދުކޮށްފައެވެ.