ދުނިޔެ

ސިރިސޭނާގެ ޕާޓީގެ ވަޒީރުން ކެބިނެޓް ބައްދަލުވުން ބޮއިކޮޓްކޮށްފި


ސްރީލަންކާ ސަރުކާރުގެ ތެރޭގައި ބޮޑު ނުތަނަވަސްކަމެއް އުފެދި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް ރައީސް މައިތުރިޕަލަ ސިރިސޭނާގެ ޕާޓީއަށް ނިސްބަތްވާ ވަޒީރުން އުޒުވެރިވެއްޖެއެވެ.

ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ 6 ވަޒީރުން ޖަލްސާއަށް ޙާޒިރުވެވަޑައިނުގެން އެ ޖަލްސާ ބޮއިކަޓް ކުރެއްވީ، އެ 6 ބޭފުޅުން މަޤާމުން ވަކިކުރަންޖެހޭކަމަށް ވިދާޅުވެ، މަޖިލީހުގައި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ނިސްބަތްވެވަޑައިގަންނަވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ ތަމްސީލުކުރައްވާ ވަޒީރުން ދެއްވި ބަޔާންތަކާ ހިތްހަމަނުޖެހުމުންކަމަށް މީޑިއާ ރިޕޯޓުތަކުގައިވެއެވެ. ޔޫއެންޕީއަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރެއްކަމަށްވާ ވަކިލާ ވިރާޖް ކަރިޔަވަސަމް ވަނީ، ރަނިލްގެ އިތުބާރު ނެތްކަމަށް ގާނޫނުހަދާ މަޖިލީހުގައި ނެގި ވޯޓަށް ތާއީދުކުރެއްވި ހުރިހާ ވަޒީރުން މަޤާމުން ދުރުކުރަންޖެހޭނެ ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.

ކަރިޔަވަސަމް އިތުރުން ޔޫއެންޕީގެ ބައެއް އިސް ބޭފުޅުންވެސް މި މޭރުމުން ވާހަކަދައްކަވާފައިވެއެވެ. ޤާނޫނު ހަދާ މަޖިލީހުގައި ރަނިލްގެ މައްޗަށް ދާދިފަހުން ނެގި އިތުބާރު ނެތްކަމުގެ ވޯޓުގައި އޭނާއަށް އިތުބާރުނެތްކަމަށް ވޯޓު ދިން 76 މެންބަރުންގެ ތެރޭގައި ރަނިލްގެ ސަރުކާރުގެ 6 ވަޒީރުން ހިމެނިވަޑައިގަންނަވައެވެ. މި 6 ވަޒީރުންނަކީވެސް ރަނިލްގެ ޕާޓީއާއެކު އިއްތިހާދުވެފައިވާ، ރައީސް ސިރިސޭނާގެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ.