ޚަބަރު

ސްމާޓް ސިޓީ ޕްރޮޖެކްޓަށް ބޭނުންވާ މަޢުލޫމާތު އެއްކުރަން ފަށައިފި


ސްމާޓް ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްޤީކުރުމަށް ކުރިއަށްގެންދާ "ސްމަރޓް ސިޓީ ޕްރޮޖެކްޓަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ހުލުމާލޭގައި ސަރވޭއެއް ފަށައިފިއެވެ. "ސްމަރޓް ސިޓީ ޕްރޮޖެކްޓް" އަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ޔޫއެންޑީޕީއާއި އޫރިދޫއާއި، އެޗްޑީސީ ގުޅިގެން އެކުލަވާލާފައި މަޝްރޫއެކެވެ.

މި ސަރވޭގައި މައިގަނޑު 4 ދާއިރާއަކުން މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ހުޅުމާލޭގެ އާބާދީ ބައްޓަން ވެފައިވާ ގޮތާއި، ހުޅުމާލޭގައި ދިރިއޫޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ދިރިއުޅުމުގެ ފެންވަރާއި، ދިރިއުޅޭ ފަރާތްތަކަށް ދިމާވާ އެކިއެކި މައްސަލަތަކާއި ގޮންޖެހުންތަކުގެ މައުލޫމާތުވެސް އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ކުރިމަގުގައި ހުޅުމާލެ ތަރައްޤީކުރުމަށް ރައްޔިތުން ބޭނުންވާ ގޮތުގެ ތަސައްވަރާއި ގުޅޭ މަޢުލޫމާތުތައްވެސް އެއްކުރުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫއު އެކުލަވާލާފައިވަނީ ސްމަރޓް ސޮލިއުޝަންސް ނުވަތަ ޒަމާނީ ޙައްލުތައް ބޭނުންކޮށްގެން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށްކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން ހުޅުމާލޭގެ ތަރައްޤީއަށް މަސައްކަތް ކުރުމުގައި ޓެކްނޮލޮޖީގެ ދަޢުރު ވަރުގަދަކުރުމާއި، އިޖުތިމާޢީ އުފެއްދިންތެރިކަން އިތުރުކުރުން ހިމެނޭކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގައި އާދިއްތަ ދުވަހު ފެށި މި ސަރވޭ މިމަހުގެ އެކާވީހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ސަރަވޭ ކުރިއަށް ގެންދަނީ މީހުން ގިނައިން އެއްވެ އުޅޭ ޕާކުތަކާއި ގޭގެއަށް ޒިޔާރަތްކޮށްގެންކަމަށްވެސް ޔޫއެންޑީޕީން ބުނެއެވެ. މީގެއިތުރުން އޮންލައިންކޮށްވެސް ސަރވޭގައި ބައިވެރިވެވޭނަކަަށް ޔޫއެންޑީޕީން ބުނޭ. މި ސަރވޭއިން އެއްކުރާ މަޢުލޫމާތުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް މި މަހު ފަހުކޮޅު ވާރކްޝޮޕެއް ބޭއްވުމަށްވެސް ހަމަޖެހިފައިވާކަމަށްވެސް ޔޫއެންޑީޕީން ބުނެއެވެ.