ޚަބަރު

އިންތިޚާބާއިބެހޭ ގޮތުން ސިޔާސީ ޕާޓީތަކާއެކު ވަކިވަކިން ބައްދަލުކުރަން އީސީ ނިންމައިފި


ރިޔާސީ އިންތިޚާބާބެހޭ މަޢުލޫމާތު ސިޔާސީ ޕާޓީތަކާ ހިއްސާކުރުމަށް ސިޔާސީ ޕާޓީތަކާއެކު ވަކިވަކިން ބާއްވާ ބައްދަލުވުންތައް އަންނަ އަންގާރަ ދުވަހުން ފެށިގެން ބާއްވަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއެކު ވަކިވަކިން ބާއްވާ މިބައްދަލުވުމަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާއި، އިންތިޚާބާބެހޭ މުހިންމު މަޢުލޫމާތު ސިޔާސީ ޕާޓީތަކާ ޙިއްޞާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. ކުރިން ހުރިހާ ޕާޓީތަކާއެކު އެއްފަހަރާ ބައްދަލުކުރަން ނިންމި ނަމަވެސް މިހާރު ކޮމިޝަނުން ނިންމާފައިވަނީ ޕާޓީތަކާއެކު ވަކިވަކި ބައްދަލުކުރުމަށެވެ. އަދި ބައްދަލުވުމަށް ޕާޓީތަކަށް ދިން ދަޢުވަތު ހުރިހާ ސިޔާސި ޕާޓީތަކުންވެސް ޤަބޫލުކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެގޮތުން ކޮންމެ ޕާޓީއަކުން 4 މަންދޫބުންނަށް މިބައްދަލުވުމުގައި ބައިވެރި ވެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވާން ފަށާފައިވާއިރު، އަންނަ ޖުލައި މަހުގެ ތެރޭގައި އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ. އެގޮތުން އަންނަ އޮގަސްޓް މަހުގެ ފަހުކޮޅު ނުވަތަ ސެޕްޓެމްބަރ މަހުގެ ކުރީކޮޅު އިންތިޚާބު ބާއްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ރިޔާސީ އިންތިޚާބާ ގުޅޭ މަޢުލޫމާތު ބޭރުގެ އެކި ޖަމްޢިއްޔާތަކާވެސް ޙިއްޞާކޮށްފައެވެ. މީގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓްލެވޭ މީހުންގެ ލިސްޓް އަންނަމަހު އިޢުލާނު ކުރާނެކަމަށް އެކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިފަހަރުގެ ރިޔާސީ އިންތިޚާބު ވެގެންދާނީ ރައްޔިތުން ބޭނުންވާފަދަ މިނިވަން، އިންސާފުވެރި އަދި ފަސޭހަ އިންތިޚާބަކަށް ކަމަށެވެ.