ޚަބަރު

ކާޑުގެ ބާވަތްތައް ކުރިން އަގުބޮޑުވީ ނަޝީދުގެ ސަރުކާރާހެދި - ސަޢީދު


ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ކާޑުގެ ބާވަތްތަކަށް ދެމުން ދިޔަ ސަބްސިޑީ ކަނޑާލައި ކާޑުގެ ބާވަތްތައް އަގުބޮޑު ކުރަންޖެހުނީ ޒިންމާދާރު ކަމެއް ނެތި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ކުރި އެތައް ކަމެއްގެ ޒިންމާ ރައީސް ޔާމީންގެ ސަރުކާރުން ނަގަން ޖެހުމުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ދިވެހިންގެ އެއާޕޯޓު ދިވެހިންނަށް ހޯދުމަށްޓަކައި 300 އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި ހަމައެއާއެކު ދައުލަތަށް ލިބެންޖެހޭ އެތައް މިލިއަން ޑޮލަރެއްގެ ފައިސާ ވިޔަފާރިވެރިންގެ އަތުގައި އެބަހުރި ކަމަށާ އެފަދަ ފައިސާ ދަޢުލަތަށް ލިބިފައިވާނަމަ ކާޑުގެ އަގު މީގެކުރިންވެސް ބޮޑުވެގެން ނުދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"
"އިންފްރާސްޓްރަކްޗަރ އެކްސްޕޭޝަން ޤައުމުގައި މިހާރު ކުރަމުން މިދާ އުމްރާނީ ގޮތުން ދިވެހިރާއްޖެއަކީ މި ޒަމާނަށް ތައްޔާރުވެފައި އޮތް ޤައުމަކަށް ހެދުމަށްޓަކައި ކުރާ މަސައްކަތް. ރާއްޖޭގެ އިންފްރާސްޓްރަކްޗަރ ރަނގަޅު ކުރުން. 26،000 ޓޫރިިސްޓު އެނދަށް ތައްޔާރުވެފައި އޮތް ޤައުމެއް މިއީ. މިއޮތް ހުރިހާ ދުވަހު ނެތް މި 26،000 އެނދުން 30،000އިން 40،000 ޓޫރިސްޓު އެނދަށް ޖައްސަން މި ޤައުމުގެ އިންފްރާސްޓްރަކްޗަރ ތައްޔާރުވެފައެއް. އެއާޕޯޓު ލިމިޓެޑް. އެއާޕޯޓާ ގުޅުންހުރި ހުރިހާ ވަޞީލަތްތަކެއް ހުރީ އެއީ ތެޔޮ ރައްކާކުރާ ޓޭންކަށް ދަންދެން ހުރީ ވަރަށް ކުރު ރާސްތާއަކަށް ވިސްނާފައި ކަންކަން ކޮށްފައިހުރީ،"
މުޙައްމަދު ސަޢީދު

މިނިސްޓަރު ވިދާޅުވީ މީގެކުރިން މި ޤައުމުގެ ޒުވާނުންނަށް އެއްވެސް އުއްމީދެއް ޤައުމާ ދޭތެރޭ ނެތް ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ޒުވާނުންނާއި ދިވެހި އެންމެހާ ރައްޔިތުންނަށް އުއްމީދުގެ ދަންމަރު ދިއްކޮށްލިކަމަށާ، ބައިނަލްއަޤްވާމީ ގޮތުން ތަރައްޤީވެފައިވާ އެހެން ޤައުމުތަކާ އެއްހަމައެއްގައި ރާއްޖެވެސް ތަރައްޤީވާން ދިވެހި ރައްޔިތުން ބޭނުންވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"
"އެހެންވީމަ ކިހާބޮޑު ކުރިއެރުމެއްތޯ އަޅުގަނޑުމެން މި ހޯދީ. ބިދޭސީންވެސް ގެންގުޅެމުން، ޓޫރިސްޓުންވެސް އިތުރުކުރަމުން، ރާއްޖޭގެ ޢުމްރާނީ ވަޞީލަތްތައްވެސް އިތުރު ކުރަމުން، މީގެކުރިން ދުވަހަކުވެސް ރާއްޖެ ނުދާފަދަ މިސްރާބަށް ތަރައްޤީގެ ހުރިހާ ކަމެއް ބާރު ސްޕީޑުގައި ކުރިއަށް ގެންދަމުން، ދިވެހިރާއްޖޭގެ ރިޒާރވް 720 މިލިއަނަށް ގާތްގަނޑަކަށް އެންމެ ފަހުގެ ހިސާބުތައް އިތުރުކޮށް، އަދި 300 މިލިއަން ޑޮލަރު ދައްކާ ބައިނަލްއަޤްވާމީ އެއާރޕޯޓު ގަނެ، އަޅުގަނޑުމެންގެ މިނިވަންކަން އަނބުރާ ހޯދާ މިހުރިހާ ކަމެއް ކޮށްފައި އަޅުގަނޑުމެން ކާޑުގެ އަގު މި ހެޔޮކުރީ،"
މުޙައްމަދު ސަޢީދު

މިނިސްޓަރ ސަޢީދު ވިދާޅުވީ ހެޔޮވެރިކަމެއްގެ ހުރިހާ ސިފަތަކެއް މިއަދު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ ތެރެއިން ފެންނަމުންދާ ކަމަށެވެ.