މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ސީޒަން 3 : ގަދަ 7 ޔަޤީންވެ، މުނާޒް ކަޓައިފި


މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ 7 ޔަޤީންވެ، މުނާޒް މި މުބާރާތުން ކަޓައިފިއެވެ.

އައިޑަލް ސީޒަން ތިނެއްގެ ގަދަ 7 އިޢުލާންކޮށްފައިވަނީ މިރޭ ބޭއްވި ގާލާ ރައުންޑުގެ 4 ވަނަ އެލިމިނޭޝަން ނައިޓުގައެވެ.

އައިޑަލްގެ ކުރިއަށް އޮތް ރައުންޑަށް ދަތުރުކުރި ބައިވެރިން ކަނޑައަޅާފައިވަނީ ޖަޖުންގެ 50 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ 50 އިންސައްތަ ވޯޓު އެއްކޮށްލުމުން ބައިވެރިންނަށް ލިބުނު ޕޮއިންޓްތަކުގެ ތަރުތީބުންނެވެ.

ވާދަވެރި ހުށައެޅުންތަކަކަށްފަހު ގަދަ 7 އަކުން ޖާގަ ކަށަވަރުކުރި ބައިވެރިންނަކީ:
- ނައުޝާދު ޢަބްދުއްލަތީފް
- ޙަސަން ޝަހުދާން
- އައިޝަތު އަޒަލް ޢަލީ ޒާހިރު
- ރައިޙާން ޢާދަމް
- ތަސްލީމް ޢަބްދުލްކަރީމް
- އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު
- މަރިޔަމް މައިޝާ

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގާލާ ރައުންޑުގެ 4 ވަނަ ޝޯވ "ޖަޖަސް ޗޮއިސް" މި ތީމަށް ޙާއްސަކޮށްފައިވާއިރު، ޝޯވގެ 4 ޖަޖުންގެ މެދުގައި ގުރުއަތުލައި، ކޮންމެ ޖަޖެއްވެސް ވަނީ ގަދަ 8 ބައިވެރިންގެ ތެރެއިން 2 ބައިވެރިއަކު ތަމްރީންކޮށްފައެވެ. އެގޮތުން ރައިހާން އަދި ޝަހުދާން އުނޫޝާ ތަމްރީންކޮށްދީފައިވާއިރު، ނައުޝާދު އަދި ސައިނާ ތަމްރީންކޮށްފައިވަނީ އައްފާނެވެ. އައްމަޑޭ ތަމްރީންކޮށްފައިވަނީ އަޒަލް އަދި ތަސްލީމެވެ. އަދި މުނާޒާއި މައީޝާ ތަމްރީންކޮށްފައިވަނީ މިއަހަރު މުޅިން އަލަށް ޖަޖިން ޕެނަލާއި ގުޅުނު ޒާރާއެވެ.

ގާލާ ރައުންޑުގެ 4 ވަނަ ޝޯވ ޖަޖުންގެ ރަހަތަކަށް ޚާއްސަކޮށްފައިވާއިރު، ބައިވެރިންގެ ފަރާތުން ތަފާތު ހުށައެޅުންތަކެއް ފެނިގެންގޮސްފައިވެއެވެ. އަދި މިދިޔަ 2 ސީޒަންގައިވެސް ޖަޖްކަންކޮށްފައިވާ އިބްރާހީމް ޒައިދު ޢަލީ، ކުޑައިއްބެ ގެސްޓް ޖަޖެއްގެ ގޮތުގައި ރޭގެ ޝޯވގައި ވަނީ ބައިވެރިވެފައެވެ.

އައިޑަލްގެ މިފަހަރުގެ ގަދަ 7 މިހާރު ޔަޤީންވެފައިވާއިރު، މިރޭ އެލިމިނޭޝަން ނައިޓުގައިވެސް ބައިވެރިންގެ ފަރާތުން ފޯރިގަދަ ލަވަތަކެއް ވަނީ ފެނިގެންގޮސްފައެވެ. މިރޭގެ ޝޯވ ޚާއްސަކޮށްފައިވަނީ "ފުޓްބޯލް ފީވަރ" މި ތީމަށެވެ. މިރޭގެ ޝޯވގައި ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވެފައިވަނީ މިއުޒިކް އިންޑަސްޓްރީގައި 30 އަށްވުރެ ގިނަ އަހަރު ހަރަކާތްތެރިވެފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަބްދުއްރަޝީދު ޢަލީ (އަބްސީ)އެވެ.