ސިއްހަތު

އެޗްޑީސީން ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކޮށްފި


ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅުވައިގެން، ހައުސިންގ ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޢާއިލީ ހަވިރެއް ބާއްވައިފިއެވެ.
މި ހަވީރު ބާއްވާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅުވައިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބޭއްވި ޢާއިލީ ހަވީރަކީ، ޢާއްމުންނަށް ޞިއްޙަތާބެހޭ މަޢުލޫމާތު ދިނުމާއި، ކުޑަކުދިންނާއެކު ވަގުތު ހޭދަކުރުމުގެ މަޤްސަދުގައި ބޭއްވި ހަވީރެކެވެ.
މި ހަވީރުގައި ހުޅުމާލޭގެ ބައެއް ސްކޫލްތަކުގެ އިތުރުން، ޓްރީޓޮޕް ހޮސްޕިޓަލާއި، އާސަންދަ ކުންފުނިން ހިންގަމުން އަންނަ ހުޅުމާލޭ ހޮސްޕިޓަލްގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތައް ބައިވެރިވިއެވެ. މި ހަވީރުގެ ތެރެއިން ކުޑަކުދިންނަށް އަމާޒުކޮށްގެން ޙާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވާއިރު، ބަލިތަކާ ބެހޭ މަޢުލޫމާތު ލިބޭ އެކި ސްޓޯލްތަކާއި މެޑިކަލް ޗެކްއަޕްހެދުމާއި އެކި ކަހަލަ ގޭމްތައް ބާއްވާފައިވެއެވެ.
އެޗްޑީސީގެ މުނިސިޕަލް ބައިގެ އެސިސްޓެންޓް ޑައިރެކްޓަރ އާމިނަތު ޒައިނާ ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ ހަވީރަކީ، ޢާއްމުނަށް ޞިއްޙަތާބެހޭ މަޢުލޫމާތު ދިނުމާއި، ޢާއިލާތައް އެކުގައި ވަގުތު ހޭދަކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަވީރެއްކަމަށެވެ.
މި ހަވީރުގެ ތެރެއިން މާލޭގައި ހަރަކާތްތެރިވާ ފިޓްނަސް ގްރޫއްޕުތަކުންނާއި ހުޅުމާލޭ ސްކޫލްގެ ދަރިވަރުންގެ ފަރާތުން ޒުމްބާގެ ހަރަކާތްތަކެއް ދައްކާލާފައިވެއެވެ. އެޗްޑީސީން އަންނަނީ ކޮންމެ އަހަރެއްގެވެސް ސިއްހަތު ދުވަހާ ގުޅުވައިގެން ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.