ސިއްހަތު

ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ހަރަކާތްތަކެއް ހިންގައިފި


ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމުގެގޮތުން ރާއްޖޭގައިވެސް ކޮންމެ އަހަރަކުވެސް އަންނަނީ ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން މިއަހަރުގެ މިދުވަސް ފާހަގަކުރުމަށްވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަފާތު ޙަރަކާތްތަކެއް ހިންގާފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮންމެ އަހަރެއްގެވެސް އޭޕްރީލްމަހުގެ 7 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ގޮތުގައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯ ވޫޖުވި ދުވަހާއި ގުޅުވައިގެން މި ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ 1948 ވަނަ ދުނިޔޭގެ ފެންވަރުގައި ބޭއްވި އެންމެ ފުރަތަމަ ވޯލްޑް ހެލްތް އެސެމްބްލީގައެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ޢާއްމުންނަށް ހިތްވަރުދީ، ޞިއްޙީ ދާއިރާއަށް ދުނިޔޭގެ ސަމާލުކަން ގެނެއުމަށްޓަކާ 1950 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި ދުވަސް ފާހަގަކުރަމުންދާއިރު، ކޮންމެ އަހަރެއްގެ މިދުވަހަށްވެސް ޚާއްސަ ޝިޢާރެއް ޑަބްލިއު.އެޗް.އޯއިން ކަނޑައަޅައެވެ. އެގޮތުން މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ޔުނިވަރސަލް ހެލްތް ކަވަރޭޖް – އެވްރީ ވަން، އެވްރީ ވެއަރ" ނުވަތަ "ޞިއްޙަތުގެ ކައުނީ ހިޔާ – ކޮންމެ މީހަކަށް، ކޮންމެ ތާކުން" މި ޝިޢާރެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ތަފާތު ޙަރަކާތްތައް ކުރިއަށްދާއިރު، ރާއްޖޭގައިވެސް މިދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ކޮންމެ އަހަރަކުވެސް ދަނީ ހިންގަމުންނެވެ. އެގޮތުން މިއަހަރުގެ ޝިޢާރާ ގުޅުވައިގެން ރާއްޖޭގެ ސްކޫލްތަކުގެ އިތުރުން، ޞިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކުގައި ގިނަ ހަރަކާތްތަކެއް ހިންގާފައިވެއެވެ. ކުޑަކުދިންގެ ހަވީރާއި، ޢާއިލީ ހަވީރުތައް ބާއްވާފައިވާއިރު، މި ހަރަކާތްތަކުގައި ޞިއްޙީގޮތުން އާއްމުންނަށް ކޮންމެހެން އެނގެންޖެހޭ މަޢުލޫމާތުތައް އެކި ގޮތްގޮތުން ވަނީ ފޯރުވައިދީފައެވެ.
މީގެ އިތުރުން ހިލޭ ހެލްތް ސްކްރީނިންގ ހައްދައިދިނުމާއި، ލޭ ހަދިޔާކުރުން ފަދަ ހަރަކާތްތައްވެސް ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްގެންގޮސްފައިވެއެވެ. ހަމައެހެންމެ ސިއްޙީ އެކި މަޢުޟޫޢުތަކަށް ޙާއްސަކޮށްގެން ޢާއްމުންނަށާއި ސްކޫލް ކުދިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށްގެންގޮސްފައިވާއިރު، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ބޭނުންކުރެވިދާނެ އެކި ކަހަލަ ކެއުންތަކާއި، ބުއިންތައް ހަމައެހެންމެ ތަރުކާރީއާއި މޭވާގެ ބާވަތްތައް ޕްރޮމޯޓްކުރުމަށްޓަކާވެސް ތަފާތު ހަރަކާތްތަކެއް ހިންގާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި ރަށު ފެންވަރުގައި ހިނގާލުންތަކާއި، ދުވުންތައް ބާއްވާފައިވާއިރު، ރަށުތެރެއާއި އަތިރިމަތި ސާފުކުރުންފަދަ ހަރަކާތްތައްވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވާއިރު، ރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ތަރައްޤީކުރުމަށްޓަކާ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މި ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ބޭނުންކުރަމުންދާ އެންމެފަހުގެ ޓެކްނޮލޮޖީ އީޖާދުތައް ރާއްޖެއަށް ތަޢާރަފުކޮށް، ދިވެހިންނަށް އެންމެ ޒަމާނީ ޞިއްޙީ ޙިދުމަތްތައް އަމިއްލަ ޤައުމުގައި ތިބެގެން ލިބޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.