ސިއްހަތު

ހިރިލަންދޫ ސިއްޙީ މަރުކަޒަށް 15 އަހަރުފުރުން ފާހަގަކޮށްފި


ތ.ހިރިލަންދޫގައި ޞިއްޙީމަރުކަޒު ހުޅުވައި ޚިދުމަތް ދޭންފެށިތާ 15 އަހަރުފުރުން ފަހަގަކުރުމާއެކު މިއަހަރު ދުނިޔޭގެ ޞިއްޙަތު ދުވަސްވެސް އެރަށުގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
ހިރިލަންދޫ ޞިއްޙީ މަރުކަޒަށް 15 އަހަރުފުރުން ފާހަގަކުރުމަށް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންދަނީ ތަފާތު ޙަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ޞިއްޙީ މަރުކަޒްގެ މުވައްޒަފުން ގުޅިގެން ވަނީ ރަށުގެ އިސްރަށްވެހިންނާއި ޞިއްޙީ ދާއިރާއަށް އެރަށުގައި ގިނަދުވަސްތަކެއްވަންދެން ޚިދުމަތްކުރެއްވި ބޭފުޅުންނަށް ޚާއްސަ ރޭގަނޑުގެ ކެއުމެއް މިމަހުގެ އެއްވަނަ ދުވަހު ބާއްވާފައެވެ. ފާއިތުވެދިޔަ ހަފްތާގެ އެކި ދުވަސްތަކަށް ބަހާލައިގެން ޞިއްޙީ ދުޅަހެޔޮކަމަށް ރައްޔިތުން އަހުލުވެރިކުރުވުމަށް ވަނީ ކަސްރަތު ޕްރޮގްރާމްތައް އިންތިޒާމްކޮށްގެން ކުރިއަށްގެންގޮސްފައެވެ. އަދި ޞިއްޙީ މަރުކަޒްގެ މުވައްޒަފުންގެ މެދުގައިވެސް ވަނީ ކަސްތަރު ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސްފައެވެ.
މީގެ އިތުރުން ހިރިލަންދޫގެ އެކި މުވައްސަސާތަކުގެ މުވައްޒަފުންނާއި ރައްޔިތުން ބައިވެރިވެގެން ވަނީ ހޭންޑް ބޯލް މެޗުތަކެއްވެސް ކުރިއަށްގެންގޮސްފައެވެ. ދުނިޔޭގެ ސިއްޙަތު ދުވަހާއި ހިރިލަންދޫ ސިއްޙީ މަރުކަޒަށް 15 އަހަރުވުމާއި ގުޅިގެން ކުރިއަށްގެންދާ މިޙަރަކާތްތަކުގެ ތެރޭގައި ހިރިލަންދޫގެ އިސްރަށްވެހިންނަށް އަމާޒުކޮށްގެންވަނީ އެކި ކަހަލަ ލުއި ކުޅިވަރުތަކާއެކު ޚައްސަ ހަވީރެއް ބާއްވާފައެވެ. މި ހަވީރުގެ ތެރެއިން ސިއްޙީ އެކި މަޢުލޫމާތު ދިނުމާއި ބައެއްކަހަލަ ޗެކަޕް ހެދޭނެ އިންތިޒާމްވެސް ހަމަޖެހިފައިވާކަމަށް އެމަރުކަޒުން ބުނެއެވެ. ހިރިލަންދޫ ސިއްޙީ މަރުކަޒްގެ ސީނިއާ އެޑްމިނިސްޓްރޭޓަރ ހެލްތް ސަރވިސް ޢަބްދުލް ޖަލީލް އިސްމާޢީލް ވިދާޅުވި ހަފްތާއެއްގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މިޙަރަކާތްތަކުގެ ތެރޭގައި އިސްރަށްވެހިން ދިރިއުޅޭ އެކި ގެތަކަށް ޒިޔާރަތްކޮށް ޗެކަޕް ހެދުމާއި ހާލުބެލުމާއި ހަދިޔާ ބަދަލުކުރުން ކުރިއަށްގެންގޮސްފައިވާކަމަށެވެ. އަދި މިމަސައްކަތުގައި ހިރިލަންދޫ ސަރުކާރުގެ ހުރިހާ މުވައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ ހިރިލަންދޫ އެޑިއުކޭޝަނަލް އެންޑް ސޯޝަލް ސޮސައިޓީގެ އެހީތެރިކަން އޭނާ ފާހަގަކޮށްފައިވެއެވެ.
2003 ވަނަ އަހަރުގެ އެޕްރީލް މަހުގެ އެއްވަނަ ދުވަހު ހުޅުވި ހިރިލަންދޫ ސިއްޙީމަރުކަޒު ހުޅުވިކަމީ ރަށުގެ ތަރައްޤީއަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށް އެރަށުގެ މީހުންބުނެއެވެ. ޚިދުމަތަށް 15 އަހަރުވެފައިވާއިރު ހިރިލަންދޫގެ ސިއްޙީ ޚިދުމަތް ވަރަށް ބޮޑަށް ކުރިއަރާފައިވާކަން ޢަބްދުލްޖަލީލް އިސްމާޢީލްވަނީ ފާހަގަކޮށްފައެވެ. ހިރިލަންދޫގައި މިވަގުތު އެންމެ ޑޮކްޓަރަކާއެކު ސޯޅަގަޑި އިރު ޚިދުމަތްދިން ނަމަވެސް ވަރަށް އަވަހަށް އިތުރު ޑޮކްޓަރަކާއެކު ސައުވީސް ގަޑިއިރަށް ޚިދުމަތްދޭ މަރުކަޒަކަށް އެތަން ވެގެންދާނެކަމަށް އެރަށު ސިއްޙީ މަރުކަޒުން ބުނެވެ.