ޚަބަރު

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހއ.ބާރަށުގައި ހުޅުވައިފި


ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހއ.ބާރަށުގައި ހުޅުވައިފިއެވެ.
މި ގޮފި ހުޅުއްވައިދެއްވީ ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އައްޝައިޙް އިބްރާޙިމް ރަޝީދް މޫސާ. ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ 32 ގޮފި ރާއްޖޭގެ އެކި ސަރަހައްދުގައި މިހާތަނަށް ޤާއިމްކޮށްފައިވާއިރު، ދިވެހި މުޖުތަމައަކީ ކީރިތި ޤުރުއާނަށް އަހުލުވެރި މުޖުތަމައަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ދިވެހި މުޖުތަމައަކީ ކީރިތި ޤުރުއާނަށް އަހުލުވެރި، ޤުރުއާނަށް ލޯބިކުރާ މުޖުތަމައަކަށް ހެދުމަށްޓަކައި، ޤުރުއާނުގެ އިލްމް ފެތުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤުރުޢާނާބެހޭ މަރުކަޒުގެ 32 ގޮފި ޤާއިމުކޮށް ގެންދަނީ ކިޔަވައިދެމުންނެވެ.

މިއަހަރުގެ ބަޖެޓުގައި މިފަދަ އިތުރު މަރުކަޒުތައް ޤާއިމުކުރުމަށް ހިމަނާފައިވާއިރު، ބާރަށު ދާއިރާގައި ހިމެނޭ ހުރިހާ ރަށެއްގައި މަރުކަޒުތައް ހެދުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. ޤުރުޢާނާބެހޭ މަރުކަޒުގެ ރައީސް އައްޝައިޙް އިބްރާޙިމް ރަޝީދު މޫސާ ވިދާޅުވީ މިއީ ދާއިރާއެއްގެ ހުރިހާ ރަށެއްގައި މަރުކަޒު ޤާއިމުކުރާ ފުރަތަމަ ދާއިރާކަމަށެވެ. އަދި މިފަދަ ގޮފިތަކުގެ ސަބަބުން އިމާމުން ތަމްރީންކުރުމާއި، ޤުރުއާން މުދައްރިސުން ތަމްރީންކުރުމާއި، ޙާފިޒުން އުފެއްދުމުގެ މަގު އިތުރަށް ތަނަވަސްވެގެންދާކަމަށެވެ.

ބާރަށުގައި ހުޅުވި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފީގައި ކިޔަވައިދޭ ދެ ކްލާސްރޫމްހުރިއިރު، އެއްފަހަރާ 60 މީހުންނަށް މި ކްލާސްތަކުގައި ބައިވެރިވެވޭނެ. ބާރަށު ކައުންސިލްގެ ރައީސް ޢަލީ ޝަމީމް ވިދާޅުވީ ކްލާސްތަކުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމަށް ހުޅުވާލާފައިވާއިރު، މިހާރުވެސް ދުއިސައްތައަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާކަމަށެވެ. މި ކްލާސްތަކުގައި ތިން އަހަރުން ފެށިގެން އެންމެ މަތީ އުމުރުގެ މީހުންނަށްވެސް ބައިވެރިވެވޭނެކަމަށް ބާރަށު ކައުންސިލުން ބުނެއެވެ.
ބާރަށު ކައުންސިލްގެ ރައީސް ޢަލީ ޝަމީމް ވިދާޅުވީ މި ގޮފީގައި، އިމާމުން ތަމްރީންކުރުމާއި، ޤުރުޢާން ހިތުދަސްކުރުމަށް ކުރިއަށްގެންދާ ޙިފްޒު ކްލާސްތައްވެސް ކުރިއަގެންދާނެކަމަށެވެ.

މި ގޮފި ހުޅުވުމުގެ ރަސްމިއްޔާތުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާޙިމް ޝުޖާޢުވެސްވަނީ ބައިވެރިވެފައެވެ. އޭނާ ވިދާޅުވީ
ކުރިއަށްއޮތްތަނުގައި މިހާރު ކިޔަވައިދެމުންދާ ކްލާސްރޫމުތައް އިތުރަށް ތަރައްޤީކޮށް ފުރިހަމަކުރުމަށް ޒަމާނީ ވަސީލަތްތައް ހޯދައިދޭނެކަމަށެވެ. އަދި އުތީމާއި ބާރަށުގައި މަރުކަޒުގެ ގޮފި ހުޅުވާފައިވާއިރު، މުރާދުުއާއި ތަކަންދޫގައިވެސް ވަރަށް އަވަހަށް ޤުރުޢާނާބެހޭ މަރުކަޒުގެ ގޮފި ހުޅުވާނެކަމަށް. އެގޮތުން އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ކުރިއަށްދާކަން ސުޖާއު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މީގެ ކުރިން އެވަރެޖުކޮށް 4 މީހުން އަހަރަކު ޤުރުޢާން ހިތުދަސްކުރަމުން އައިނަމަވެސް، މިއަދަދު އިތުރުވެ މިދިޔައަހަރު އެކަނިވެސް 8 ފަރާތަކުން ވަނީ ޤުރުޢާން ހިތުދަސްކޮށްފައެވެ. ސަރުކާރުގެ ޢަމާޒަކީ ދިވެހި މުޖުތަމައަކީ ކީރިތި ޤުރުއާނަށް އަހުލުވެރި، ޤުރުއާނަށް ލޯބިކުރާ މުޖުތަމައަކަށް ހެދުމެވެ.