ޚަބަރު

ޖަޕާނުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލް މަންޒިލަކަށް އަނެއްކާވެސް ރާއްޖެ


ޖަޕާނުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލް މަންޒިލަކަށާއި ދެވަނައަށް އެންމެ މަޤުބޫލު ޑައިވިންގ މަންޒިލަކަށް ރާއްޖެ ހޮވިއްޖެއެވެ. އެންމެ މަޤްބޫލް މަންޒިލަކަށް ރާއްޖެ ހޮވުނީ ޖަޕާނުގެ ޓޯކިޔޯގައި ކުރިޔަށްދިޔަ މެރިން ޑައިވިންގ ފެއަރ 2018 ގައި ދިން ޑައިވް އެންޑް ޓްރެވަލް އެވޯޑްސްގައެވެ. ރާއްޖެއަށް ލިބުނު އެވޯޑުތަކާ ރާއްޖޭގެ ފަރާތުން ހަވާލުވީ ޖަޕާނުގައި ހުންނަ ރާއްޖޭގެ އެންބަސީގެ ޝާޒޭ ޑި އެފެއަރޒް އާދަމް ހާމިދު އެވެ.

މިއީ ޖަޕާނުން އިންތިޒާމްކުރާ މެރިން ޑައިވިންގ ފެއަރ ބޭއްވި 26 ވަނަ އަހަރެވެ. ރާއްޖެއިން މިފެއަރގައި ކޮންމެ އަހަރަކުވެސް ބައިވެރިވާއިރު، މިއީ މިފެއަރގައި ދޭ އެންމެ މަޤުބޫލު މަންޒިލުގެ އެވޯޑު ވިދިވިދިގެން ރާއްޖެއިން ކާމިޔާބުކުރި 10 ވަނަ އަހަރެވެ. މީގެ އިތުރުން މިފަހަރުގެ އެވޯޑްސްގައި ރާއްޖޭގެ ސަފާރީއެއްކަމަށްވާ އައިލެންޑް ސަފާރީ ރޯޔަލްއިން ވަނީ ބެސްޓް އޯވަސީސް ލިވްއަބޯޑް ވެސަލް ކެޓަގަރީގެ ދެވަނަ މަޤަމު ހޯދާފައެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްދިޔަ މެރިން ޑައިވިންގ ފެއަރ ބޭއްވީ ޓޯކިޔޯގެ ސަންޝައިން ސިޓީ އިން ޓޮޝީމާ ކޫގައެވެ. މިއީ ޖަޕާނުގައި ބާއްވާ މިފަދަ އެންމެ ބޮޑު ފެއަރއެވެ.