ޚަބަރު

ރޮހިންޔާ ފަންޑުގެ ފައިސާ މިމަހު އެއްކޮށް ފޮނުވާ ނިމޭނެ - އިސްލާމިކް މިނިސްޓްރީ


ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން އެއްކުރި ފައިސާ މި މަހުގެ ތެރޭގައި އެއްކޮށް ފޮނުވާ ނިމޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިނިސްޓްރީން ބުނީ ރޮހިންޔާގެ މުސްލިމުންނަށް އެހީވުމަށް ހޯދި ފައިސާ ބަންގްލަދޭޝް ރެޑްކްރެސެންޓާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދަނީ ތިން ބަޔަކަަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މިހާތަނަށް ދެ ފަހަރެއްގެތިން ފައިސާ ފޮނުވާފައިވާކަމަށާ މިހާރު ބާކީ ހުރި ފައިސާ މި މަހުގެ ތެރޭގައި ފޮނުވާ ނިމޭނެކަމަށެވެ.
މި ފައިސާ އެއްފަހަރާ ބަންގްލަދޭޝް ރެޑްކްރެސެންޓާ ހަވާލުކުރެވިފައި ނުވަނީ، މި ފައިސާ ފޮނުވަންޖެހެނީ އިތުރުު ފަރާތެއް މެދުވެރިކޮށް ކަމަށްވެފައި މިއީ ބީއެމްއެލްއިން ބަންގްލަދޭޝްގެ ރެޑްކްރެސެންޓަށް ފައިސާ ފޮނުވާ ފުރަތަމަ ފަހަރުކަމުން ދަތިތަކެއް ދިމާވެގެންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެެއެވެ.
ބަންގްލަދޭޝްގެ ރެޑްކްރެސެންޓާ ހަވާލު ކުރުމަށް ފުރަތަމަ ފޮނުވާފައިވަނީ ދުއިސައްތަ ހާސް ޑޮލަރެވެ. ދެވަނަ ބުރުގައި ފޮނުވާފައިވަނީ ނުވަސަތޭކަ ފަންސާސް ހާސް ޑޮލަރެވެ.
ރޮހިންޔާގެ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން އެއްކުރި ފައިސާއިން ހަމަކުރެވުނު 1،150،000 (އެއްމިލިއަން އެއްސަތޭކަ ފަންސާސް ހާސް) ޑޮލަރު ފޮނުވާފައިވާއިރު ރާއްޖެއަކީ ރޮހިންޔާގެ މުސްލިމުންނަށް އެހީވުމަށް އެންމެގިނަ އަދަދަކަށް ފައިސާ ޖަމާކުރި ޤައުމެވެ.
ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ހުޅުވި ފަންޑަށް 18.1 މިލިޔަން ރުފިޔާ ލިބިފައިވާކަމަށާއި މީގެ ތެރޭގައި ނަޤުދު ފައިސާގެ ގޮތުގައި ލިބުނު ފައިސާ އާއި އެކިއެކި ވިޔަފާރިވެރިންނާއި ކުންފުނިތަކުން ދޭނެކަމަށް ބުނި ފައިސާވެސް ހިމެނޭކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.