ޚަބަރު

ވެމްކޯއިން ކުނި ނެގިކަން އަންގައިދޭ ސޮފްޓްވެއާއެއް ތަޢާރަފްކޮށްފި


ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ކުނިނެގުމުގެ ޚިދުމަތްދޭ ގެތަކުން ކުނި ނެގިކަން އަންގައިދޭ ސޮފްޓްވެއަރއެއް ތަޢާރަފްކޮށް ބޭނުން ކުރަންފަށައިފިއެވެ. މިއަދު ބޭނުން ކުރަންފެށި ސޮފްޓްވެއަރ މެދުވެރިކޮށް، ކުނި ނަގަންޖެހޭ ގޭބިސީތަކުން ކުނި ނެގިކަން ނުވަތަ ވެމްކޯގެ މުވައްޒަފުން ކުންޏާއި ހަވާލުވިކަން ވެމްކޯގެ މައި އޮފީހަށް އެނގޭނެއެވެ. އަދި ސޮފްޓްވެއާގެ އެހީގައި ކުނި ނަގަން ދާންޖެހޭ ސަރަޙައްދާއި ޚިދުމަތް ދިނުމަށްފަހު އެކަން ވަގުތުން ކަށަވަރު ވާނެކަމަށް ވެމްކޯއިން ބުނެއެވެ.

ސޮފްވެއަރ ބޭނުން ކުރަންފެށުމުން ޚިދުމަތް ހޯދާ ފަރާތްތަކަށް ބިލް ދެއްކުމުގައިވެސް ފަސޭހަވެގެންދާނެއެވެ. އަދި މިހާރު މެނުއަލްކޮށް ދެމުންދާ ޚިދުމަތް ޑިޖިޓަލައިޒުކޮށް ޚިދުމަތް ދިނުމުގައި ސުޕަވައިޒަރުން ޓެބްލެޓް ބޭނުން ކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ. އަލަށް ތަޢާރަފްކުރި ޚިދުމަތާއިބެހޭ ގޮތުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާޢު ވިދާޅުވީ، ވެމްކޯގެ އަމާޒަކީ އަބަދުވެސް ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ފުރަތަމަ ސަރަޙައްދެއްގެ ގޮތުން ވިލިމާލޭގައި މި ޚިދުމަތް ފެށި ނަމަވެސް ކުރިއަށް އޮތް ތަނުގައި ހުޅުމާލެ، މާލޭ ސިޓީ އަދި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައިވެސް މި ޚިދުމަތް ފަށާނެކަމަށް އެނާ ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން މިފަށާ ޚިދުމަތަކީ ޑިޖިޓަލް ޕްލެޓް ފޯމެއްގެ ތެރެއިން ވޭސްޓް ކަލެކްޝަން ސިސްޓަމް އިފްތިތާޙްކުރުން. އެގޮތުން މުޅި ސިސްޓަމް އޮޓަމޭޓްކޮށް ގެތަކުން ނެގެމުންދާ ކުނި ވަގުތުން ވަގުތަށް ރިއަލް ޓައިމްގައި އަޕްޑޭޓް ވަމުންދާނެ. އޭގެ މާނައަކީ ކޯލް ސެންޓަރ ނުވަތަ ބެކް އޮފީހުގައި ތިބޭ ކުދިންނަށް ކުނި ނެގެމުންދާކަން ރިއަލް ޓައިމްކޮށް ފެނިގެންދާނެ. އޭގެ މާނައަކީ އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި ޑިޒިޝަންތައް ވަގުތުން ވަގުތަށް ނަގާއިރު އޭގެ އެހީގައި ވަރަށް ފަސޭހަވެގެންދާނެ" ވެމްކޯގެ އެމްޑީ މުޙައްމަދު ޝިފާޢު ވިދާޅުވިއެވެ.

ވެމްކޯއިން ތަޢާރަފްކުރި މި ޚިދުމަތާއެކު ޚިދުމަތް ދޭ ކަން ވަގުތުން ވަގުތަށް ސަރަޙައްދާއެކު އެނގޭނެއެވެ. ވިލިމާލޭގައި ފެށި މި ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތް ވެމްކޯއިން މަސައްކަތް ކުރަމުން އަންނައިރު، ވިލިމާލޭގެ 70 އިންސައްތަ މީހުން ދަނީ ވެމްކޯއަށް ރެޖިސްޓަރކޮށް ކުނި ނެގުމުގެ ޚިދުމަތް ހޯދަމުންނެވެ.