ޚަބަރު

ޕާކިސްތާނުގެ ޤައުމީ މީޑިއާއާއި ޕީއެސްއެމްއާ ދެމެދު އެއްބަސްވުންތަކެއް އެކުލަވާލުމަށް މަޝްވަރާކޮށްފި


"
" ދެ ޓީވީގެ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށް ޓީމުތައް ދެޤައުމަށް ފޮނުވައިގެން ޓްރޭނިންގ ޕްރޮގްރާމްތައް ހިންގުމަށްވަނީ ހަމަޖެހިފައި. އެގޮތުން ޕާކިސްތާނުން ރާއްޖެއަށްް އަދި ރާއްޖެއިންް ޕާކިސްތާނަށް ޓީމުތައް ފޮނުވުމަށް މަޝްވަރާކުރެވުނު. އަދި ސާކްގެ ކުޑައިގެ ދަށުން ދެ ޤައުމުގެ ސަޤާފަތާއި އާދަކާދަ ދައްކާލުމަށް ޕްރޮގްރާމްތައް ހިންގުމާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވޭ."
ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު

ޕާކިސްތާނުގެ ޤައުމީ މީޑިއާއާއި ދިވެހިރާއްޖޭގެ ޤައުމީ މީޑިއާ، ޕީއެސްއެމްއާ ދެމެދު އެއްބަސްވުންތަކެއް އެކުލަވާލުމުގެ މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރީ ރާއްޖޭގައި ހުންނަވާ ޕާކިސްތާނު ސަފީރު ވައިސް އެޑްމިރަލް ރިޓަޔާރޑް ވަސީމް އަކްރަމާއެކު ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ އިސްވެރީން ބޭއްވެވި ބައްދަލުވުމެއްގައެވެ. ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީގައި ބޭއްވި މި ބައްދަލުވުމުގައި ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް ޙަލީލް އާއި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުލްލަޠީފާއި ޗީފް އޮޕަރޭޓިންގ އޮފިސަރ މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ޤައުމީ މީޑިއާއާއި ރާއްޖޭގެ ޤައުމީ މީޑިއާއި ދެމެދު ތަމުރީނާއި ޕްރޮގްރާމްތައް ބަދަލުކުުރުމާއި، ޕީއެސްއެމްއަށް ޕާކިސްތާނުގެ ޤައުމީ ޓީވީގެ ޓެކްނިކަލް އެހީތެރިކަމާއި ކޮންޓެންޓް ފޯރުކޮށްދިނުމާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި މަޝްވަރާއަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޕާކިސްތާނު ސަފީރު ވައިސް އެޑްމިރަލް ރިޓަޔާރޑް ވަސީމް އަކްރަމް ވިދާޅުވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ޕާކިސްތާނުގެ ޤައުމީ މީޑިއާއާއި އެކި ރޮނގުތަކުން ގުޅުން ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާތީ އެކަމާ އުފާކުރައްވާކަަމަށެވެ. ސަފީރު ވިދާޅުވީ މި މަޝްވަރާތަކުގައި ޕީއެސްއެމް އާއި ޕާކިސްތާނުގެ ޤައުމީ ޓީވީ ޕާކިސްތާން ޓެލެވިޝަން (ޕީޓީވީ) އާއި ދެމެދު ގުޅުން ޤާއިމުކޮށް މި ގުޅުން ތަރައްޤީކުރުމާއި ބެހޭގޮތުން ބޭނުންތެރި މަޝްވަރާތަކެއް ކުރެއްވިކަމަށެވެ. އަދި ޕާކިސްތާނުން ރާއްޖެއާއި އެކު އޮންނަ ގުޅުން މި ދާއިރާއިން އިތުރަށް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ކުރިއަށް އޮތްތަނުގައި މަސައްކަތްކުރާނެކަން ސަފީރު ފަހަގަކުރެއްވިއެވެ.

"
" މި މަޝްވަރާތަކުގައި، އަޅުގަނޑުމެން މަޝްވަރާކުރީ ޕާކިސްތާނުގެ ޤައުމީ ޓީވީއާއި ދިވެހިރާއްޖޭގެ ޤައުމީ ޓީވީއާއި ދޭތެރޭގައި ގުޅުން ބަދަހިކުރުމަށް އެއްބަސްވުމަކަށް ދިއުމަށް. އަދި ދެފަރާތުން ކޮންޓެންޓް އެކްސްޗޭންޖް ކުރުން. އަދި ދެފަރާތުގެ އިލްމާއި ތަޖްރިބާ ހިއްސާކުރުން. އަދި ޕާކިސްތާނުގެ ނޫސްވެރިންވެސް ރާއްޖެއަށް ޒިޔާރާތްކޮށް، ރާއްޖޭގެ ނޫސްވެރިން ޕާކިސްތާނަށް ޒިޔާރާތްކޮށް ތަމްރީނު ޕްރޮގްރާމް ހިންގުން."
ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޚަލީލު

ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޚަލީލު ވިދާޅުވީ މި މަޝްވަރާ ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަަމަށެވެ. އަދި ޕާކިސްތާނަކީ އިސްލާމީ ދައުލަތަކަށްވުމުން، ދެފަރާތުގެ މީޑިއާ ގުޅިގެން ވަރަށް ގިނަ ކަންތައްތަކެއް ކުރެވިދާނެކަމަށް ޚަލީލު ވިދާޅުވިއެވެ.

" މި މަޝްވަރާތަކުގައި، އަޅުގަނޑުމެން މަޝްވަރާކުރީ ޕާކިސްތާނުގެ ޤައުމީ ޓީވީއާއި ދިވެހިރާއްޖޭގެ ޤައުމީ ޓީވީއާއި ދޭތެރޭގައި ގުޅުން ބަދަހިކުރުމަށް އެއްބަސްވުމަކަށް ދިއުމަށް. އަދި ދެފަރާތުން ކޮންޓެންޓް އެކްސްޗޭންޖް ކުރުން. އަދި ދެފަރާތުގެ އިލްމާއި ތަޖްރިބާ ހިއްސާކުރުން. އަދި ޕާކިސްތާނުގެ ނޫސްވެރިންވެސް ރާއްޖެއަށް ޒިޔާރާތްކޮށް، ރާއްޖޭގެ ނޫސްވެރިން ޕާކިސްތާނަށް ޒިޔާރާތްކޮށް ތަމްރީނު ޕްރޮގްރާމް ހިންގުން" ޙަލީލް ވިދާޅުވިއެވެ.

ޙަލީލު ވިދާޅުވީ ޕާކިސްތާނުގެ ބައެއް ފިލްމާއި ޑްރާމާތައް ރާއްޖެ ގެނެސް ދިވެހި ބަހުން އަޑު އަޅައިގެން ރާއްޖޭގައި ދެއްކުމަށް ވާހަކަދެކެވުނުކަމަށެވެ. އަދި ދެފަރާތުގެ ވެރިންގެ ފެންވަރުގައާއި އެކި ލެވެލްތަކުގައި ޚިޔާލު ބަދަލުކުރުމަށްޓަކައި ބައްދަލުވުންތައް ބާއްވާނެކަމަށެވެ. އަދި މިގުޅުން ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށްގެންދިޔުމަށް އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާކުރެވުނުކަމަށްވެސް ޚަލީލު ވިދާޅުވިއެވެ.

" މާ ދުރުނޫން މުސްތަޤްބަލެއްގައި އިރާދަކުރެއްވިއްޔާ ޕާކިސްތާނުގެ ޤައުމީ މީޑީއާއާއި ދިވެހިރާއްޖޭގެ ޤައުމީ މީޑިއާ ދޭތެރޭގައި އެއްބަސްވުމެއްގައި ސޮއިކުރެވިގެންދާނެ. އަދި ދެ ފަރާތުގެ ހުރި ތަޖުރިބާތައް ހިއްސާކުރެވިގެންދާނެ. އަޅުގަނޑުމެންނަނީ ވަރަށް ކުޑަޤައުމެއް، އެހެންނަމަވެސް ޕާކިސްތާނަކީ ވަރަށް ބޮޑު ތާރީޚެއް އޮތް، ޢިލްމީގޮތުންވެސް ވަރަށް ކުރިއަރާފައި އޮތް ޤައުމެއްވީމަ، ޕާކިސްތާނުން އަޅުގަނޑުމެންނަށް ލިބޭ ފުރުޞަތުތަކާއި އަދި ޕާކިސްތާނުން ތަމްރީނުކުރާ މީހުން ރާއްޖެ އައިސް އަޅުގަނޑުމެންގެ ނޫސްވެރިންނަށް ލިބޭ ފުރުސަތުތައް ( އެއީ ވަރަށް މުހިންމު ފުރުސަތުތަކަކަށް ވެގެންދާނެ )" ޕީއެސްއެމްގެ އެމްޑީ ޚަލީލް ވިދާޅުވިއެވެ.

ޚަލީލު ވިދާޅުވީ ފިލްމީ ދާއިރާގައި ހިމެނޭ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ހިންގުމާއި ފިލްމީ ދާއިރާގައި ޕާކިސްތާނުގައި ހުރި ހުރިހާ ފުރުސަތުތަކެއް ދިވެހިރާއްޖެއަށް ގެނެސް އެ ތަޢާރަފްކުރުމަށް މަޝްވަރާކުރެވުނުކަމަށެވެ. އަދި ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ދެމެހެއްޓެނެވި ގޮތެއްގައި ތަމުރީނުތަކެއް ހިންގަން މަޝްވަރާކުރެވުނުކަންވެސް ޚަލީލު ފާހަގަކުރެއްވިއެވެ.

ޕާކިސްތާނުގެ ސަފީރާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކުގެ ތެރެއިން، ޕީއެސްއެމްގެ ބެލެމުގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް އެމްއެމްއައި ގައި ހިންގާ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕާކިސްތާނުގެ މީޑިއާ ކިޔަވައިދޭ ތަންތަނުގެ ކޯސްތައް އެމްއެމްއައި އަށް ތަޢާރަފުކުރުމަށްވެސް މަޝްވަރާކުރިއެވެ. އެގޮތުން ކައިރި މުސްތަޤްބަލެއްގައި ޕީއެސްއެމްގެ ތަފާތު ފެންވަރުގެ ވަފްދުތައް ޕާކިސްތާނަށް ޒިޔާރާތްކުރާނެކަމަށްވެސް ޚަލީލު ވިދާޅުވިއެވެ.

ޕާކިސްތާނުން ރާއްޖެއާއި އެކު ސިޔާސީ ގުޅުން ޤާއިމްކުރި ފަހުން، އެކި ކަންކަމުގައި ޕާކިސްތާނުން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އިޤްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން އެކި އެކި އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ދެ ޤައުމަކީ އިސްލާމީ ދެ ޤައުމުކަމަށްވުމުން މި ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރެވެއެވެ. ޕާކިސްތާނާއި ރާއްޖެއާއި އޮންނަ ގުޅުން އިތުރަށް ހާމަވެގެންދާކަމަކީ މިދިޔަ އަހަރު ޕާކިސްތާނުގެ އޭރުގެ ބޮޑުވަޒީރު ނަވާޒު ޝަރީފް ރާއްޖެވަޑައިގެން، ރާއްޖޭގެ ތަރައްޤީއަށާއި ތަޢުލީމު އަދި އިޖްތިމާއީ ގޮތުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވެއެވެ. މީގެ އިތުރުން ޕާކިސްތާނުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާވެސް ދާދި ފަހުން ރާއްޖެއަށް ރަސްމީދަތުރުފުޅެއް ކުރައްވާފައިވެއެވެ.