ރިޕޯޓް

އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ އަކީ ކޮބާ؟


އދއިން އިސްނަގައިގެން ކޮންމެ އަހަރަކުވެސް އޭޕްރިލް މަހުގެ 2 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އޯޓިޒަމަށް ހޭލުންތެރިކުރުވުމުގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރުމުގެ މަޤްސަދަކީ އޯޓިޒަމާއި ބެހޭ ގޮތުން ޢާންމުން ހޭލުންތެރިކުރުވާ، އޯޓިޒަމް ހުންނަ ކުދިންނާއި މީހުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމެވެ. މިއަހަރުގެ އޯޓިޒަމަށް ހޭލުންތެރިކުރުވުމުގެ ދުވަހުގެ ޝިޢާރަކީ އޯޓިޒަމް ހުންނަ އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކުރުވުމެވެ. ދުނިޔޭގެ ނިސްބަތުން ކޮންމެ 10،000 މީހުންގެ ތެރެއިން 10 ނުވަތަ 15 މީހުންނަކީ އޯޓިޒަމް ޖެހިފައިވާ މީހުންކަން ވަނީ ފާހަގަ ކުރެވިފައެވެ.

އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ އަކީ ކޮބާ؟

އޯޓިޒަމަކީ ކުއްޖާ ހެދިބޮޑުވުމުގައި ދިމާވާ މައްސަލަ އެކެވެ. މިއީ ސިކުނޑި ހެދިބޮޑުވުމުގައި ކުރިމަތިވާ އުނިކަމެކެވެ. އޯޓިޒަމަކަށް މިހާތަނަށް އެއްވެސް ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ. އޯޓިޒަމަކީ ތުއްތު ކުދިންގެ އުމުރުން ފުރަތަމަ ދެތިން އަހަރުގެ ތެރޭގައި ފާހަގަކުރެވޭ ސިކުނޑި ތަރައްޤީވެ ހެދި ބޮޑުވުމުގައި ދިމާވާ މައްސަލަ ތަކެކެވެ. އޭގެ ސަބަބުން މުޢާމަލާތްކުރުމާއި، އިޖުތިމާޢީ ގުޅުން ކުޑަވުން ހިމެނެއެވެ.

އޯޓިޒަމްގެ އަލާމާތްތަކުގެ ތެރޭގައި :
ނަމުން ގޮވާލުމުން ބަލާނުލުން ނުވަތަ ސަމާލުކަން ނުދިނުން
ކަންކަމަށް ސަމާލުކަން ދީގެން ވަކިއެއްޗަކަށް އިގިލިދިއްކޮށް ނެހެދުން
ބައެއް ކުޅިވަރުތައް ކުޅުން އަދި ކުޑަކުދިންނާއި ޝާމިލުވެގެން ކުޅެން ނޫޅުން
އެހެން މީހުންގެ މޫނަށް ބަލައި ކަޅިއާއިކަޅި ހަމަނުކުރުން
އެކަހެރިކޮށް އުޅުމަށް ލޯބިކުރުން
އަމިއްލަ އިހްސާސްތައް ހާމަކުރަން ނޭގުން
މުޢާމަލާތްކުރުމުގެ ހުނަރު ދަށްވުން
އެއްބަހެއް ނުވަތަ ލަފުޒެއް ތަކުރާރުކޮށް ކިޔުން
ކުރާ ސުވާލުތަކަށް ނުގުޅޭ ޖަވާބު ދިނުން

އޯޓިޒަމް ޖެހެނީ ކީއްވެގެން ކަމެއް އަދި ހޯދިފައެއް ނުވެއެވެ. އެހެންނަމަވެސް ދިރާސާތަކުން ދައްކާގޮތުގައި ޅައުމުރުގައި ކުއްޖެއްގެ ގައިގައި އޯޓިޒަމް ހުންނަކަން ދެނެގަނެވިއްޖެނަމަ، އެކިއެކި ތެރަޕީތަކުގެ އެހީގައި އެކުއްޖާގެ ހާލަތު ރަނގަޅު ކުރެވިދާނެއެވެ.

ދުނިޔޭގެ އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ދުވަސް ފާހަގަ ކުރަމުންދާއިރު މިކަމަށް ހޭލުންތެރިކުރުމުގެ ގިނަ ހަރަކާތްތައް ރާއްޖޭގައިވެސް ދަނީ ބާއްވަމުންނެވެ. ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާތަކުންވެސް މިދުވަހުގެ މުހިއްމު ކަމާއި މީހުން މިކަމަށް ހޭލުންތެރި ކުރުވުމަށް ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.