ޚަބަރު

ސަފީރުންގެ 2 ވަނަ ބައްދަލުވުން ނިމިއްޖެ


އދއަށް ޤައުމުތަކުން ކަނޑައަޅާފައިތިބޭ ސަފީރުންނަށް އަމާޒުކޮށް ބޭއްވި ސަފީރުންގެ 2 ވަނަ ބައްދަލުވުން ނިމިއްޖެއެވެ.
ފޮރިން މިނިސްޓްރީން އިންތިޒާމްކޮށްގެން ބަޑޮސް އައިލޭންޑް ރިސޯޓުގައި ބޭއްވި މިބައްދަލުވުމުގައި ޖުމްލަ 14 ޤައުމެއްގެ މަންދޫބުން ބައިވެރިވިއެވެ. މީގެ ތެރޭގައި ހިމެނެނީ މުޅިންވެސް ޤައުމުތަކުން އދއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާއި އދގައި އެޤައުމުތައް ތަމްސީލް ކުރައްވާ ޑިޕްލޮމޭޓުންނެވެ.

މިފަހަރުގެ އެމްބެސެޑޯރިއަލް ވޯކްޝޮޕްގެ މަޝްވަރާ ތަކުގައި ރާއްޖޭގައި ކުރަމުންދާ ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަމުގެ މަޢުލޫމާތު ހިއްސާކުރިއެވެ. އަދި ރާއްޖޭގެ ތަރައްޤީގެ ސިޔާސަތާއި ޕްލޭންތައް އެކުލަވާލުމުގައި ތިމާވެއްޓާއި ރައްކާތެރި ގޮތްތައް ޚިޔާރުކުރުމާބެހޭ ގޮތުންވެސް މަޝްވަރާ ކުރިއެވެ. މީގެއިތުރުން އެހެން ޤައުމުތަކުން ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރެވިދާނެކަންކަމާއި ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރިއެވެ.

މިއީ ސަފީރުންނަށް ޚާއްސަކޮށް މިފަދަ ބައްދަލުވުމެއް ރާއްޖެއިން ބޭއްވި ދެވަނަ ފަހަރެވެ. ފުރަތަމަ ބައްދަލުވުން ބޭއްވީ މިދިޔަ އަހަރުގެ ނިވެމްބަރ މަހުގައެވެ. މިފަހަރުގެ ބައްދަލުވުމުގައި އަލްބޭނިއާއި ޒިމްބާބްވޭއާއި މޮޒަންބީކާއި ނައިޖީރިއާއި ސޯމާލިއާއިން އދ އަށް ކަނޑައަޅާފަހުންނަވާ ސަފީރުން ބައިވެރިވިއެވެ. ޖުމުލަ 14 ޤައުމެއްގެ ޑިޕޮލޮމޭޓުން މި ބައްދަލުވުމުގައި ބައިވެރިވިއެވެ.