ޚަބަރު

ރައީސް ޔާމީން ޕާކިސްތާނުގެ އާމީ ޗީފާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޕާކިސްތާނުގެ ޗީފް އޮފް އަރމީ ސްޓާފް ޖެނެރަލް ޤަމަރު ޖާވިދު ބަޖްވާއާ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޗީފް އޮފް އަރމީ ސްޓާފް ޖެނެރަލް ޤަމަރު ޖާވިދު ބަޖްވާއަށް މަރުޙަބާ ވިދާޅުވެ، ޕާކިސްތާންގެ ރައީސް މަމްނޫން ޙުސައިނަށާއި ބޮޑުވަޒީރު ޝާހިދު ޚަޤާން ޢައްބާސީއަށް، ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ޕާކިސްތާނުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ކުރިއަށްއޮތްތާނގައިވެސް ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެ، ބައިނަލްއަޤުވާމީ މަސްރަހުން ދެޤައުމަށް ކުރިމަތިވާ އެއްގޮތް މައްސަލަތަކުގައި ހައްލު ހޯދުމަށް އެކުގައި މަސައްކަތްކުރުމަށް އުންމީދުކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެ ޤައުމުގެ ރަހުމަތްތެރިކަން އެކިދާއިރާތަކުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވާހަކަފުޅުދައްކަވަމުން ޗީފް އޮފް އަރމީ ސްޓާފުގެ މި ދަތުރުފުޅަކީ ފައިދާހުރި ކާމިޔާބު ދަތުރުފުޅަކަށް ވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ޕާކިސްތާންގެ ޗީފް އޮފް އަރމީ ސްޓާފް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ރާއްޖެއިން ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާ، ޕާކިސްތާނުގެ ރާއީސާއި ބޮޑުވަޒީރުގެ ފާރާތްޕުޅުން ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވި ހެޔޮއެދުންތައް ރައްދުކޮށްދެއްވިއެވެ. އަދި ޕާކިސްތާނާ ދިވެހިރާއްޖެއަކީ މުސްލިމް އަޚުވަންތަ ދެޤައުމު ކަމުގައި ވިދާޅުވެ ކުރިއަށް އޮތް ތާނގައި މިގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް ގުޅިގެން މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހުރިއްޔާގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ އިތުރުން ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ. ޕާކިސްތާންގެ ޗީފް އޮފް އަރމީ ސްޓާފްގެ އަރިހުގައި ދިވެހިރާއްޖެއަށް ޕާކިސްތާނުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ވަސީމް އަކްރަމް ޕީ.އެސް (ސީ) އާއި ޗީފް އޮފް އަރމީ ސްޓާފް ބްރިގޭޑިއަރ އިފްޚާރު ޙަސަން ޗަހުހާދަރީ އަދި ޕާކިސްތާންގެ ޑިފެންސް އެޑްވައިޒަރ، ކާނަލް ސައްޖާދު ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ޕާކިސްތާންގެ ޗީފް އޮފް އަރމީ ސްޓާފް ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ތަރައްޤީކޮށް ބާރުވެރިކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރާއި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ އައިމިނަތު ޝަބީނާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޕާކިސްތާނުގެ ޗީފް އޮފް އަރމީ ސްޓާފް ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރާވެސް ބައްދަލުކުރެއްވިއެވެ.
ޕާކިސްތާންގެ ޗީފް އޮފް އަރމީ ސްޓާފް ޖެނެރަލް ޤަމަރު ޖާވިދު ބަޖްވާ ރާއްޖެވަޑައިގެން އުޅުއްވަނީ ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ދަޢުވަތަކަށެވެ.