ލައިފް ސްޓައިލް

ވީ-ޗެޓް ބޭނުންކުރާ މީހުންގެ އަދަދު 1 ބިލިއަނަށް އަރައިފި


ޗައިނާގައި މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވޯކް، ވީ-ޗެޓް ބޭނުންކުރާ މީހުންގެ އަދަދު އެއް ބިލިއަނަށް އަރައިފިއެވެ.
ވީ-ޗެޓްގެ ބެލެނިވެރި ކުންފުނި، ޗައިނާގެ ޓެންސެންޓް ކުންފުނީގެ ސީއީއޯ ޕޮނީ މާ ބުނީ، ވީ-ޗެޓް ބޭނުންކުރާ މީހުންގެ އަދަދު 1 ބިލިއަނަށް އަރާފައިވަނީ ނިމިދިޔަ މާޗުމަހުކަމަށެވެ. އަދި މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 15.8 އިންސައްތައިގެ ކުރިއެރުމެއްކަމަށް އެކުންފުނިން ބުނެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ދެކުނު އިރުމަތީ އޭޝިޔާ، ޔޫރަޕް އަދި އެމެރިކާގައި ވީ-ޗެޓް ބޭނުންކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ވީ-ޗެޓް ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަކަށް އަރާފައިވާއިރު، ދުވާލަކު 38 ބިލިއަން މެސެޖު ވީ-ޗެޓް މެދުވެރިކޮށް ފޮނުވައެވެ.

މެސެޖްކުރުމަށް ޚާއްސަ އެޕްލިކޭޝަނެއްގެ ގޮތުގައި ވީ-ޗެޓް ފެށިނަމަވެސް، މިއަދު ފައިސާގެ އެކި މުޢާމަލާތްތަކާއި ވިޔަފާރިކުރުމާއި، ކާ- އެއްޗެއްސަށް އޯޑަރުދިނުންފަދަ ޚިދުމަތްތައް ވީ-ޗެޓް މެދުވެރިކޮށް ލިބެއެވެ.
ދުނިޔޭގެ އެންމެ ބޮޑު އާބާދީކަމަށްވާ ޗައިނާގައި ފޭސްބުކާއި، ޓްވިޓަރ އަދި ވަޓްސްއަޕް ބޭނުން ކުރުން މަނާކޮށްފައިވާތީ، ވީ-ޗެޓަކީ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ސޯޝަލް މީޑިއާ ނެޓްވޯކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ގިނަ ބަޔަކު ބޭނުންކުރާ ސޯޝަލް މީޑިއާ ނެޓްވޯކަކީ ފޭސްބުކްއެވެ. ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު އުޅެނީ 2 ބިލިއަނަށްވުރެ މަތީގައެވެ. 1.5 ބިލިއަން މީހުންނާއެކު 2 ވަނައިގައި އުޅެނީ ޔޫ-ޓިއުބެވެ. 3 ވަނައިގައި އުޅެނީ 1.3 ބިލިއަން މީހުން ބޭނުންކުރާ ފޭސްބުކް މެސެންޖަރ އާއި ވަޓްސްއަޕްއެވެ. 1 ބިލިއަން މީހުންނާއެކު ވީ-ޗެޓްއަށް ލިބެނީ މިލިސްޓުގެ 4 ވަނައެވެ.