ރާއްޖެއަކީ ސައިޒުގެ ގޮތުން ކިތަންމެ ކުޑަ ޤައުމަކަށް ވީނަމަވެސް ރާއްޖޭގެ ތަރައްޤީގެ ދުވެއްޔަށް މިކަމުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާސިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދެވަނަ އެމްބެސެޑޯރިއަލް ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރވަނީ ރާއްޖެއަށް އދގެ ސެކުއިރިޓީ ކައުންސިލުގެ ގޮނޑިއެއް ލިބިއްޖެނަމަ ރާއްޖެއިން އެހެން ކުދި ޤައުމުތަކުގެ އަޑު އުފުލުމުގައި ލާމަސީލު ރޯލެއް އަދާކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ދެވަނަ އެންބެސެޑޯރިއަލް ވޯކްޝޮޕްގެ މިއަހަރުގެ މަޢުޟުއަކީ "ޑިވެލޮޕިންގް ސަސްޓެއިނަބަލީ ޝެއަރިންގް އެކްސްޕީރިއަންސަސް، ސީކިން ސޮލިއުޝަންސް" ނޫނީ ދެމެހެއްޓެވިނި ގޮތުގައި ތަރައްޤީވުން އެކުގައި ތަޖުރިބާ ހިއްސާކުރުމާ، ހައްލުހޯދުންމިއެވެ. މިގޮތުން މިއަހަރުގެ ވޯކްޝޮޕުގައި ރާއްޖޭގެ ސަރުކާރުން ތަރައްޤީގެ ސިޔާސަތުތަކާއި ޕްލޭންތައް ކަނޑައެޅުމުގައި ތިމާވެއްޓަށް ރައްކާތެރި ގޮތްތައް ޚިޔާރުކުރުމާބެހޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ. މީގެއިތުރުން ދެމެހެއްޓެނިވި މަސްވެރިކަމާއި، ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އެކި ޤައުމުތަކުން އަމަލުކުރަމުންދާ ގޮތްތަކާމެދު މަޝްވަރާކޮށް މި ކަންތައްތަކާމެދު އަމަލުކުރާނެގޮތްތަކެއް ކަނޑައެޅިގެންދާނެއެވެ.
މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމްވަނީ ރާއްޖެއިން ތަރައްޤީގެ ފިޔަވަޅުތައް ކުރިއަށް އަޅަމުންދަނީ ދެމެހެއްޓެނިވިގޮތެއްގައި ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އެންމެ ކުޑަކޮށް އަސަރުކުރާގޮތްތަކަށް ބަލައިގެންކަން ފާހާގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގެއިތުރުން ތަރައްޤީގެ ގިނަ މަޝްރޫތަކެއް މި އުސޫލުގެ ދަށުން ހިންގަމުންދާކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ ސައިޒުގެ ގޮތުން ކިތަންމެ ކުޑަ ޤައުމަކަށް ވީނަމަވެސް ތަރައްޤީގެ ދުވެއްޔަށް މިކަމުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެކަމަށް ވިދާޅުވެފައެވެ.
ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތަކަަށް އަލިއަޅުއްވާލަމުން މިނިސްޓަރ އާސިމް ވިދާޅުވީ، ރާއްޖެއިން ދަނީ ބައިނަލްއަޤްވާމީ މައިދާނުގައި ކުދި ޤައުމުތަކަށް މިސާލު ދައްކަމުންކަމަށެވެ. އަދި އދގެ ކުދި ޖަޒީރާ ޤައުމުތަކުގެ އެލަޔަންސް (އެއޯސިސް)ގެ ރިޔާސަތުބެލުމުގައި ރާއްޖެއިން އދާކުރަމުންދާ ރޯލު ބައިންލްއަޤްވާމީ މުޖުތަމައިން ބަލައިގެންފައިވާކަން މިނިސްޓަރ އާސިމްފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް އދގެ ސެކުއިރިޓީ ކައުންސިލްގެ ގޮނޑިއެއް ލިބިއްޖެނަމަ އެހެން ކުދި ޤައުމުތަކުގެ އަޑު އުފުލުމުގައި ލާމަސީލު ރޯލެއް ރާއްޖެއިން އަދާކުރާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވެވިއެވެ.
ދެވަނަ އެންބެސެޑޯރިއަލް ވޯކްޝޮޕްގައި އދ އިން ބޭރުގެ 14 ޤައުމަކަށް ކަނޑައަޅުއްވާފައިވާ މަންދޫބުން ބައިވެރިވެފައިވެއެވެ. އެގޮތުން އަލްބޭނިއާ ޒިމްބާބްވޭ، މޮޒަންބީކް، ނައިޖީރިއާ އަދި ސޯމާލިއާއިން އދ އަށް ކަނޑައަޅުއްވާފައިހުންނަވާ ދާއިމީ މަންދޫބުންނާއި، ޗާރޖް ދިއެފެއާޒުންގެ އިތުރުން ދާއިމީ މަންދޫބުންގެ ނައިބުން ބައިވެރިވެފައިވެއެވެ. މި ވޯކްޝޮޕްގެ ބައިވެރިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އިޙްތިރާމުގެ ޒިޔާރަތެއްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.