ތަރައްްޤީ

ހިޔާ މަޝްރޫޢުގެ ފުރަތަމަ ޓަވަރުގެ ފައުންޑޭޝަނުގެ މަސައްކަތްފަށައިފި


ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫޢަކީ "ހިޔާ" މަޝްރޫޢެވެ. މިއީ ޢުމްރާނީގޮތުންނާއި، އިޤްތިޞާދީގޮތުން، އަދި އިޖްތިމާޢީގޮތުންވެސް ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވާނެ ވަރަށްވެސް އުއްމީދީ މަޝްރޫޢެކެވެ.
ބޯހިޔާވަހިކަމުގެ ދާއިރާއިން ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ ބިޔަ މަޝްރޫޢު "ހިޔާ" މަޝްރޫޢަކީ ގާތްގަނޑަކަށް 100 ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ތަރައްޤީ ކުރާ ހައުސިންގ ޔުނިޓްތަކަކީ، ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ވަޢުދު ފުރިހަމަކުރުމަށް ވާޞިލްވުމަށް އަޅާ ވަރަށް މުހިއްމު ފިޔަވަޅެކެވެ. އަދި މިއީ ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ކުރިއަށް ނުގެންދާވަރުގެ އުއްމީދީ މަޝްރޫޢެކެވެ.
ހިޔާ މަޝްރޫޢުގައި ހިމެނޭ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ފުރަތަމަ ޓަވަރުގައި ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، މި މަސައްކަތް ދަނީ ހަލުވި ދުވެއްޔެއްގައި ކުރެވެމުންނެވެ. މި މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ޝެޑިއުލަށްވުރެ އަވަހަށް މަސައްކަތް ކުރިއަށްދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެއެވެ.
ހިޔާ މަޝްރޫޢުގެ ޑައިރެކްޓަރ ޕްރޮޖެކްޓް ނަވާޒް ޝައުޤީ ވިދާޅުވީ، ފުރަތަމަ ޓަވަރުގައި ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު، އެޓަވަރުގެ ހަމައެކަނި ފައުންޑޭޝަނަށްވެސް ތިރީސް ގަޑިއިރު ހޭދަވާނެ ކަމަށެވެ. އަދި ކޮންމެ ފަސް ދުވަހަކުން އާ ޓަވަރެއްގައި ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ނަވާޒް ޝައުޤީ ވިދާޅުވިއެވެ.

"
"ފުރަތަމަ ޓަވަރުގެ ފައުންޑޭޝަން މަސައްކަތް ނިމުމާއެކު ދެންހުރި ހުރިހާ ޓަވަރެއްގައިވެސް ފައުންޑޭޝަން އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާނެ، މި މަސަައްކަތް އެއްކޮށް ނިމޭނީ 16 ޓަވަރުގައިވެސް ފައުންޑޭޝަން އަޅާ ނިމުމުން، މި ޕްރޮޖެކްޓް މަސައްކަތް މިދަނީ ޝެޑިއުލް ކުރެވުނު ވަރަށް ވުރެންވެސް ބާރަށް، ކުރީގެ ގޮތުން ވެއްޖެއްޔާ ޕައިލްސްގެ މަސައްކަތް ނިންމަން އޮތް ތާރީޚަށްވުރެ ދޮޅު މަސް ކުރިން އަޅުގަނޑުމެން އެ މަސައްކަތްވާނީ ނިންމާފައި."
ނަވާޒް ޝައުޤީ

މާލޭ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނުވާނެ މި މަޝްރޫޢަކީ ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި، ބައެއް މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
މި މަޝްރޫޢުގެ ސަބަބުން ސަރުކާރުގެ ގިނަ ކުންފުނިތަކަކާއި، އޮފީސްތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އެފަރާތްތަކުގެ ޢާއިލާތަކުގެ އިތުރުން، ޢާއްމުރައްޔިތުންގެ އެތައް ބަޔަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް، ބޮޑު ހައްލެއް ލިބިގެންދާނެއެވެ.