ޚަބަރު

ރާއްޖެއާއި ބަނގްލަދޭޝުން ދަނީ ބައިނަލްއަޤްވާމީ މައިދާނުގައި މިސާލުދައްކަމުން- މިނިސްޓަރ އާސިމް


ރާއްޖެއާއި ބަންގްލަދޭޝްއަކީ ޚާރިޖީ ގުޅުން ޤާއިމުކުގެ މާކުރިންވެސް ވިޔަފާރިއާއި އިޤްތިޞާދީގޮތުން ގާތްގުޅުންތަކެއް އޮންނަ ދެޤައުމު ކަމަށާއި، މިއަދު މި ދެޤައުމު ބައިނަލްއަޤްވާމީ މައިދާނުގައި ހޯދަމުންދާ ކާމިޔާބީތަކަކީ މުޅިދިނިޔެ އެކަމުން މިސާލު ލިބިގަންނަޖެހޭނެ ކަންކަންކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ވިދާޅުވެއްޖެއެވެ. ފޮރިން މިނިސްޓަރ މިހެން ވިދާޅުވީ ބަނގްލަދޭޝްގެ މިނިވަންދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ ބަނގްލަދޭޝްގެ އެމްބަސީން ބޭއްވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޙަފްލާގައި ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ދެއްކެވި ވާހަކަފުޅުގައިވަނީ ރާއްޖެއާއި ބަނގްލަދޭޝްގެ ގުޅުން ފެށިގެން އައި ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން 16 ވަނަ ޤަރުނުގައި ރާއްޖެއާއި ބަނގްލަދޭޝްއަކީ ބޮލީގެ ވިޔަފާރި އެންމެ ބޮޑަށް ހިންގި ދެޤައުމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މީގެ ސާޅީހަކަށް އަހަރުކުރިން ދެޤައުމުގެ މެދުގައި ޤާއިމުކުރި ޚާރިޖީ ގުޅުމާއެކު މި ވިޔަފާރީގެ ގުޅުން އިތުރު ދާއިރާތަކަށް ފުޅާވެ މިއަދު ބަނގްލަދޭޝްއަކީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ވެދޭ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ސިއްޙީ ދާއިރާއިންނާއި، ވިޔަފާރިއާއި މަސްވެރިކަމުގެ ދާއިރާއިން ބަނގްލަދޭޝްއަކީ ރާއްޖެއަށް އެންމެ އިތުބާރު ހިފޭ އެއް ޤައުމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން މެދުފަންތީގެ ޤައުމުގެ ލިސްޓަށް ބަދަލުވުމަށް ބަންގްލަދޭޝް އިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާފައެވެ.

"ގާތްގަނޑަކަށް 4 ޤަރުނަރު ވެފައިވާ މި ދެޤައުމުގެ ގުޅުން މިއަދު މިވަނީ ދެ ޤައުމަށްވެސް ފައިދާހުރި މުހިންމު ގުޅުމަކަށް ވެފައި. އެގޮތުން މި ގުޅުން ބިނާވެގައިވަނީ ދެޤައުމުގެ ދޭދޭ ފަރުދުންގެ ގާތްގުޅުމާއި، ދެ ޤައުމު ޙިއްސާކުރާ އެއްކަހަލަ ސަޤާފަތާއި ދީނުގެ މައްޗަށް. އަދި މީގެ އިތުރުން މި ދެޤައުމުން މިހާރު މިވަނީ މުސްލިމުންގެ ޙައްޤުތަށް ހިމާޔަރްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަށް މަދުކުރުމާއި، ޓެރަރިޒަމް ނައްތާލުންފަ ގިނަ ރޮނގުތަކުން ބައިނަލްއަޤްވާމީ މައިދާނުގައި ލާމަސީލުކަން ދައްކާފައި. އަދި ބަންގަލަދޭޝުންވަނީ އެލްޑީސީގެ ޗެއަރއެއްގެ ގޮތުން ވޭތުވެ ދިޔަ އަހަރުތަކުގައި ގިނަ މަސައްކަތްތަކެއްކޮއްފައި." މިނިސްޓަރ އާސިމް ވިދާޅުވިއެވެ.

މި ޙަފްލާހަގައި ވާހަކަދައްކަވަމުން ބަނގްލަދޭޝުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ރިއަރ އެޑްމިރަލް އަޚްތަރ ހަބީބްވަނީ ބަނގްލަދޭޝުން މިނިވަންކަން ހޯދުމައްޓަކައި ވެފައިވާ ޤުރުބާނީގެ މަތިން ހަނދާން އާ ކުރައްވާފައެވެ. އަދި ބަނގްލަދޭޝުން ވޭތުވެ ދިޔަ 47 އަހަރުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތައްވެސް އެމްބެސެޓަރ އަޚްތަރު ހަބީބު ފާހަގަކުރެއްވިއެވެ. އަދި ތަރައްޤީގެ ހަރުފަތްތައް ގިރާކުރުމުގައި ރާއްޖޭގެ އެހީތެރިކަން އެމްބެސެޑަރ ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަން ހޯދުމައްޓަކައި 9 މަސްދުވަހުގެ ދިގު ހަނގުރާމައެއްކުރައްވާ 1971 ވަނަ އަހަރުގެ މާރިޗް 26 ވަނަ ދުވަހު އަޅުގަނޑުމެންނަށް ފުރިހަމަ މިނިވަންކަން ލިބުން. އަދި މިއަދު އަޅުގަނޑުމެންގެ ބޮޑުވަޒީރު ޝޭޚް ހަސީނާގެ ދުރުވިސްނުންފުޅާއި ސްޓްރެޓީޖިކް އެކްޝަން އެކްޝަން ޕްލޭންގެ ދަށުން އަޅުގަންޑުމެންގެ އުންމީދަކީ 2021 ވަނަ އަހަރުއަންނަންވާއިރަށް މެދު މިންވަރަކަށް ކުރިއަރާފައިވާ ޤައުމަކަށްވުން އަދި 2041 ވަނަ އަހަރު އަންނަންވާއިރަށް ކުރިއަރާފައިވާ ޤައުމުތަކުގެ ލިސްޓުގައި ހިމެނުން". އެމްބެސެޑަރ ވިދާޅުވިއެވެ.

މި ޙަފަލާގައި ފޮރިންމިނިސްޓަރ ޑރ. އާސިމްއާއި އެމްބެސެޑަރ އަޚްތަރ ހަބީބް ވަނީ ދުވަހާ ގުޅޭ ކޭކެއް ފަޅާފައެވެ. އަދި ރާއްޖެއާއި ބަނގްލަދޭޝްގެ ހުނަރުވެރިންގެ ސަޤާފީ ހުށަހެޅުންތަކެއްވެސް މި ޙަފުލާގައި ހުށަހަޅާފައިވެއެވެ.
ބަންގްލަދޭޝް މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ 26 މާރިޗު 1971 އެވެ.