ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޮޑު ތިން މަޝްރޫޢެއް


ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިތުރު ބަނދަރަކާއި، އިންޑަސްޓްރިއަލް ޒޯން ސަރަހައްދާއި، މީހުން ދިރުރޭ ސަރަޙައްދު ވަކިކުރުމަށް ވަކި ޗެނަލަކާއި، 2 އާޓިފިޝަލް ބީޗް ތަރައްޤީކުރަން ބަޔަކު ހޯދުމަށް ހުޅުވާލައިފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން 244 ހެކްޓަރު ބިން ހިއްކާފައިވާއިރު، ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައިދަނީ ފަށައިގެން ކުރިއަށްގެންދަމުނެވެ.

އޭގެތެރޭގައި މަގުހެދުމާއި، ހިއްކި ބިން ޙިމާޔަތްކުރުމަށް ތޮށި ލުމާއި، ހައުސިންގ ޔުނިޓްތަކާއި، އެކިއެކި ކޮމާޝަލް މަސައްކަތްތަކަށް ބޭނުންވާ ޢިމާރާތްތައް ހެދުމުގެ ގިނަ މަސައްކަތްތަކެއްވަނީ ފަށާފައެވެ. މިއަހަރުގެތެރޭގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުކުރުމަށް ސަރުކާރުން އާމާޒުހިފާފައިވާއިރު، އޭގެކުރިން ދެވަނަ ފިޔަވަހީގެ ލޭނޑްސްކޭޕިންގގެ ބޮޑެތި މަސައްކަތްތައް ނިންމުމަށްދަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން އަލަށްފަށާ މަސައްކަތްތަކުގައި ކުރާ އެންމެ މުހިންމުކަމަކީ، މީހުންދިރިއުޅޭ ސަރަޙައްދާއި، ވިޔަފާރީގެ ބޭނުންތަކަށް ބޭނުންކުރާ އިކޮނިމިކް ޒޯން ވަކިކުރުމަށް އެ ދެމެދުން ޗެނަލްއެއް ހެދުމުގެ މަސައްކަތެވެ. ދެ ސަރަޙައްދު ވަކިކުރުމުގެ އިތުރުން ޗެނަލް ރެކްރިއޭޝަނަލް އޭރިއާއެއްގެ ގޮތުގައިވެސް ބޭނުންކުރާނެކަމަށްވެސް އެޗްޑީސީން ބުނެއެވެ. މި ޗެނަލަކީ 950 މީޓަރު ދިގު، 25 މީޓަރު ފުޅާ ޗެނަލެކެވެ. މި ޗެނަލް ތަރައްޤީކުރަނީ އެއްވެސް ކަނޑު އުޅަނދަކަށް ދަތުރު ނުކުރެވޭނެގޮތަށްކަމަށް އެޗްޑީސީން ބުނެއެވެ. އަދި އިކޮނޮމިކަލް ޒޯނާއި، ރެސިޑެންޝަލް އޭރިއާ ގުޅާލުމަށް ހަމަޖެހިފައިވަނީ އެ ދެމަދުގައިއަޅާ ބްރިޖަކުންނެވެ.

ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ބަނދަރަކީ ވިޔަފާރީގެ ބޭނުންތަކަށް ތަރައްޤީކުރާ އިކޮމޮނިކް ޒޯނުގެ ބޭނުމަށް ޚާއްސަކޮށްގެން ހަދާ ބަނދަރެކެވެ. 750 މީޓަރުގެ މި ބަނދަރު ބޭނުންކުރެވޭނީ ކުދި އޮޑިދޯނި ފަހަރަށްކަމަށްވެސް އެޗްޑީސީން ބުނެއެވެ. އިކޮނޮމިކް ޒޯނާއި، ރެސިޑެންޝަލް އޭރިއާގެ ދެމެދުގައި ހަދާ މި ބަނދަރު އޮންނާނީ، އިކޮނޮމިކް ޒޯނާއި، ރެސިޑެންޝަލް އޭރިއާ ވަކިކުރުމަށް އަޅާ ޗެނަލް ނިމޭ ހިސާބުގައެވެ. ބަނދަރު ތަރައްޤީކުރަނީ ފްލޯޓިންގ ޕްލެޓްފޯމަކާއި ގޭންގްވޭއެއްވެސް ހިމެނޭގޮތަށެވެ. މި ބަނަދައިއެކު ރެސިޑެންޝަލް އޭރިއާއާއި، އިކޮނޮމިކް ޒޯން ގުލާލުމަށް ކޯޒްވޭއެއްވެސް އެޅުމަށްވެސް ހަމަޖެހިފައިވެއެވެ.

ޗެނަލާއި ބަނދަރުގެ އިތުރުން، މިމަޝްރޫޢޫގައި ދެ އަރޓިފިޝަލް ބީޗް ތަރައްޤީކުރުމަށްވެސްވަނީ ހިމަނާފައެވެ. އޭގެތެރޭގައި ހިމެނެނީ އިކޮނޮމިކަލް ޒޯންގައި ހަދާ 200 މީޓަރުގެ ބީޗަކާއި، ރެސިޑެންޝަލް އޭރިއާ ނިމޭ ހިސާބުން، އިކޮނޮމިކް ޒޯންއާއި ދިމާގައި ހަދާ 500 މީޓަރުގެ އާޓިފިޝަލް ބީޗެވެ. މި ދެ ބީޗްވެސް ތަރައްޤީކުރަނީ ކަނޑުގެ އޮއެ ނުވަންނާނެހެން ބޭރު ތޮށި ޖަހައިގެންނެވެ.

މި މަޝްރޫޢަށް ފަންޑްކުރަނީ ސަޢޫދީ ފަންޑް ފޯރ ޑިވެލޮޕްމަންޓް (އެސްޑީއެފް)އިންނެވެ. މި މަޝްރޫޢޫގެ މަސައްކަތްތައް ފުރިހަމަކުރުމަށް ހަވާލުކުރަނީ ގާތްގަނަޑަކަށް ދޮޅުއަހަރުގެ މުއްދަތަށެވެ. މަސައްކަތައް އެދި ޕްރޮޕޯސަލް ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ ނުވަވަނަ ދުވަހުއެވެ.