ޚަބަރު

"މާލޭ ރިންގް ރޯޑް"އާއެކު މާލެއަށް ބޮޑު ބަދަލެއް


ރާއްޖޭގައި މިވަގުތު ކުރިއަށްދާ އެންމެ ތަފާތު ބިޔަ މަޝްރޫޢު ޗައިނާ މޯލްޑިވްސް ފްރެންޑް ޝިޕް ބްރިޖާއެކު ވެރިރަށް މާލެއަށް އާދައާޚިލާފު ބޮޑުބަދަލެއް އަންނާނެކަން ސަރުކާރުންވަނީ ކުރިންވެސް ހާމަކޮށްފައެވެ. މިބިޔަ މަޝްރުޢުގެ ނިމުމުގެ ކުލަވަރު ފެންނަމުންދާއިރު، ބްރިޖު ހިމެނޭ ސަރަޙައްދުގެ މަގުތަކާއި، މުޅި މާޙައުލުވެސް ދަނީ ހިތްގައިމު ބަދަލުތައް އަންނަމުންނެވެ.

ބްރިޖަށް އަރާ ފޭބުމަށް ބޭނުންކުރާނެ ބޮޑު މަގު ނުވަތަ "މާލޭ ރިންގް ރޯޑު" ހެދުމަށް ހައުސިންގ މިނިސްޓްރީން ވަނީ މިހާރު މަސައްކަތްފަށާފައެވެ. މި މަގުގެ މަސައްކަތް މުޅިން ނިމުމުން މާލެ ވަށައިގެން އޮންނަ މަގުގައި އުޅަނދުތަށް ދުއްވުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މާލޭގެ މަގުތަކަކީ ދުއްވާތަކެއްޗަށާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ފަސޭހަ ރައްކާތެރި ތަނަކަށް ހެދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެއާއެކު ރާއްޖޭގެ ރަށްރަށުގެ މަގުތަށް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތްވެސް ބާރު ދުވެއްޔެއްގައި އަންނަނީ ކުރަމުންނެވެ.

ވެރިރަށް މާލެއަށް ބަލާއިރު، ސަރުކާރުން ވަނީ މާލޭގެ މައި މަގު، މަޖީދީ މަގުގައި ކުރިން ހުރި ގާތަށް ނަގައި އެ މަގު އެންމެ ޒަމާނީ ފެންވަރަށް ހަދާ ނިންމާފައެވެ. އެއާއެކު ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މަގުގެ ދެ އަރިމަތީގައިވާ ޕޭވްމަންޓަށް ފަސޭހައިން އެރޭނެ އިންތިޒާމާއި މަގުން ފެން ހިންދުމަށް ބޭނުންވާ ކާނު ވަޅުގަނޑުތައްވެސް ރަނގަޅު ފެންވަރަކަށް ހަދައި ނިންމާފައިވާކަން ފާހަގަކުރެވެއެވެ.

މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ހުޅުލެއާ މާލެއާ ގުޅުވާލަދޭ ބުރިޖުގެ މަޝްރޫއާއި އެއާ ގުޅިގެން މާލޭގައި ހަދާ ރިންގް ރޯޑުގެ މަސައްކަތެވެ. ރިންގު ރޯޑު ހެދުމަށްޓަކާ މިހާރުވެސް ހައުސިންގ މިނިސްޓްރީން އަންނަނީ ބޮޑުތަކުރުފާނު މަގު ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މާލޭގެ ރިންގު ރޯޑަކީ ހަތަރު ލޭނަށް ދެކޮޅަށް ދުއްވޭ ގޮތަށް ހަދަމުން އަންނަ މަގެކެވެ. މި މަގުގެ މަސައްކަތް މުޅިން ނިމުމާއެކު މާލެ ވަށައިގެން ފަސޭހަކަމާއެކު ވެހިކަލްތައް ދުއްވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އިބްރާހީމް ވިދާޅުވީ، މާލޭ ރިންގް ރޯޑުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާއިރު، ބްރިޖެކޭ އެއްގޮތަށް ރިންގް ރޯޑުގައިވެސް ހަަތަރު ލޭނަށް މާލޭ ވަށައިގެން ދުއްވޭގޮތަށް އޮތުމުން މަގު ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، ހައުސިން މިނިސްޓްރީންވެސް ވަރަށް ގިނަ ކަންތައްތަކެއް މަގުތަކަށާއި އަދި އެނޫން ކަންތައްތަކަށްވެސް ގެނައުމުގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ފައްޓަވައިގެން އެބަ ގެންދަވާ. އެގޮތުން ޚާއްސަ ގޮތެއްގައި މާލެއާ ހުޅުލޭގެ ބްރިޖާ ގުޅިގެން މިހާރު މާލޭގެ ރިންގް ރޯޑުގެ މަސައްކަތް ވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ ރިންގް ރޯޑުގެ ފުރަތަމަ ފޭސްގެ މަސައްކަތް މިހާރު އެދަނީ. ދާއިރު ހަމަ ބްރިޖެކޭ އެއްގޮތަށް ރިންގް ރޯޑުގެވެސް ނިމިގެންދާއިރު އޮންނާނެ ހަތަރު ލޭން. އެހެންކަމަށްވެއްޖެއްޔާ މިހާރަށްވުރެން މާލެ ވަށައިގެން މި ދުއްވާ ދުއްވުންތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. ހަތަރު ލޭނުވީމަ މިހާރަށް ބަލާފަ ވަރަށް ބޮޑު އިތުރު ލުއިތަކެއް ލިބިގެންދާނެ." ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އިބްރާޙިމް ވިދާޅުވިއެވެ.

މާލޭގެ ރިންގް ރޯޑުގެ މަސައްކަތުގެ އިތުރުން މާލޭ އިންޑަސްޓްރިއަލް ވިލެޖު ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ހައުސިން މިނިސްޓްރީން އަންނަނީ ބާރު ދުވެލީގައި ކުރަމުންނެވެ. އެގޮތުން އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް މުޅިން ނިމުމާއެކު މާލޭ ތެރޭގައި ހުރި ގުދަންތަކާއި ގަރާޖު ފަދަ ތަންތަން އެ ސަރަޙައްދަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި އެކަމުގެ ސަބަބުން މާލޭގެ މަގުތަކުގައި ބާރު ބޮޑުވުން ކުޑަވެ ދުއްވާ ތަކެއްޗަށް ވަރަށް ބޮޑު ލުޔެއް ލިިބިގެންދާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.