ޚަބަރު

ކައުންސިލްތަކަކީ ވަކި ސަރުކާރަކަށް ވެގެންނުވާނެ - ހޯމް މިނިސްޓަރ


ރަށްރަށުގެ ކައުންސިލްތަކަކީ ވަކި ސަރުކާރުތަކެއްގެ އިޙްޞާސްވާކަމުގެ ނިޝާންތައް ފެންނަން ފަށައިފިނަމަ ލާމަރުކަޒީ ނިޒާމު ހަލާކުވެގެންދާނެ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

އެލްޖީއޭގެ ފަރާތުން ކައުންސިލްތަކަށް ދޭ "ކަންގަތި" އެވޯޑު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު މިރޭ ވިދާޅުވީ ރައްޔިތުންގެ ކުރިއެރުވުމާއި ތަރައްޤީއަށް ކޮންމެ ފަސް އަހަރަކުން އެއް އަހަރު ވެރިއަކު ހޮއްވަވާ ކަމަށެވެ. ހުރިހާ މަގަކުން ރައްޔިތުންނަށް ތަރައްޤީއާ ތަމައްދުން ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅެއްގެ އިސްތަށިފުޅުގައި އެޅިފައިވާ ޒިންމާއެއް ކަމަށް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

އަދިި ޤައުމުގެ ވަޞީލަތްތައް ހުރި އެންމެ މަތީ ދަރަޖައަކަށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވުމަކީ ޤައުމުގެ ވަލިއްޔުލް އަމުރުގެ މަޤާމުގައި ހުންނަވާ ބޭފުޅެއްގެ ޒިންމާއެއް ކަމަށް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

"މި ޒިންމާގެ ތެރެއިން ޚިދުމަތް ދިނުމުގައި ފުރަންޓް ލައިންގައި ތިބޭ ބައެއް ކައުންސިލަރުންނަކީ. ކޮންމެ މީހަކު ރައީސުލްޖުމްޙޫރިއްޔާގެ މަޤާމުގައި ހުންނެވި ކަމުގައިވިއަސް، މި ދެންނެވި ޒިންމާ މި ނޫން ގޮތަކަށް އޮތް ކަމަކަށް ނުވާނެ ރާއްޖޭގައި. އަޅުގަނޑުމެންނަކީ ފެޑެރަލް ސިސްޓަމެއް ނޫން. އަޅުގަނޑުމެން ކޮންމެ ލޯކަލް ކައުންސިލަކުން އެއީ ކޮންމެ ރަށު ކައުންސިލަކުން ކޮންމެ އަތޮޅު ކައުންސިލަކުން ކޮންމެ ސިޓީ ކައުންސިލަކުން ވަކި ސަރުކާރެއްގެ އިޙްޞާސް ވާކަމުގެ ނިޝާންތައް ފެންނަން ފަށައިފިއްޔާ މި ދެންނެވި ލާމަރުކަޒީ ނިޒާމު ހަލާކުވެގެން ހިނގައިދާނެ." ކ. ގުރައިދޫގައި އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅިވީ އެއިރެއްގައި އުފެދިފައިވާ ޤާނޫނީ ސަރުކާރާ ދިމާ އިދިކޮޅު ޢަމަލުތަކެއް ކައުންސިލްތަކުން ކުރާ ކަމަށްވާ ނަމަ ލާމަރުކަޒީ ނިޒާމަށް ލޮޅުންތަކެއް އަރާނެ ކަމަށެވެ. އެއްވެސް ނިޒާމަކީ ރައްޔިތުންނަށް އެކަމުން ގެއްލުން ވެގެންވާނެ ނިޒާމެއް ނޫން ކަމަށާ، ކޮންމެ ނިޒާމެއްގައިވެސް ޗެކް އެންޑް ބެލެންސް ސިސްޓަމަކަށްވާއިރު ޚިދުމަތް ދިނުމުގައި އެ ޚިދުމަތެއް ދޭ ފަރާތުގެ ޒިންމާތަކެއްވާނެ ކަމަށްވެސް އަޒްލީން ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އުފެދިފައިވާ ކައުންސިލްތަކަށް ފިޔަވަޅު އަޅަނީ ހަމަ ހުރެފައި ނޫން ކަމަށެވެ. ކައުންސިލްތަކަށް ފިޔަވަޅު އަޅަނީ ލިބިފައިވާ ހެއްކާއި ޤަރީނާތަކަށް ބެލުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" އެހެންވީމަ ނިޒާމުގެ ތެރޭގައި އަޅުގަނޑުމެންގެ މި ކައުންސިލްތަކުގެ އިޚްތިޞާސުން ބޭރުން ކައުންސިލަރުން މަސައްކަތްކުރާ ކަމަށްވަންޏާ އެއަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅުއްވަމުން ގެންދަވާނެ. އެކަމަކީ އަޅުގަނޑުމެންގެ އެއްވެސް މީހެއްގެ ހިތްޕުޅަށް ބުރަ ކަމެއް އަންނަންޖެހޭ ކަމެއް ކަމަކަށް އަޅުގަނޑަށް ޤަބޫލެއް ނުކުރެވޭ. ތިބޭފުޅުން ބައްލަވާ، މި ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުމުގެ ކުރިން ބަލަންޖެހޭ ހުރިހާ އިޖުރާޢަތްތަކަކަށް ބެލުމަށްފަހު އޭގެ ހެއްކާއި ޤަރީނާ އޭގެ އެންމެ ފުރިހަމަ ހެކި، ކިތާބީ ހެކި ލިބުމުން ނޫނީ އެއްވެސް ކައުންސިލަކަށް ނޯންނާނެ ފިޔަވަޅު އަޅާފައެއް،" މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

ސިޔާސީ ކަންކަން އޮންނަން ވާނީ ރައްޔިތުންގެ މެދުގައި ޢަދުލުވެރިކަން ބޭއްވުމަށްފަހުކަމަށާ އެމަނިކުފާނު ހުންނެވި މަޤާމުގެ ސަބަބުން އެއްވެސް ކައުންސިލަކަށް ސިޔާސީ އެއްވެސް ފިޔަވަޅެއް އަޅާފައި ނޯންނާނެކަމަށް ހޯމް މިނިސްޓަރ އަޒްލީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.