ތިމާވެށި

ރަށްރަށުގައި ދުޅަހެޔޮ މާޙައުލެއް ޤާއިމްކުރުމަށް ސަރުކާރު ތައްޔާރު


ރަށްރަށުގައި ދުޅަހެޔޮ މާޙައުލެއް ޤާއިމްކުރުމަށްޓަކާ ރައްޔިތުންނަށް އެހީވުމަށް ސަރުކާރު އޮތީ ތައްޔާރަށްކަމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ޒޯން 4 އާއި 5 ގެ ސާފު ރާއްޖެ ތިމާވެށި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
ސާފު ރާއްޖޭގެ ނަމުގައި ކުރިއަށްގެންދާ ތިމާވެށީގރެ މަޝްރޫޢުގެ ޒޯން 4 އާއި 5 ގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވީ ދުޅަހެޔޮ މާޙައުލެއް ޤާއިމްކުރުމަށްޓަކާ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރު އޮތީ ތައްޔާރަށްކަމަށެވެ. އަދި މިކަމުގައި ދެން އޮތީ އެރަށެއްގެ ވެށި ސާފުކުރުމަށް ރައްޔިތުންގެ ހިތްވަރު ހުރި މިންވަރެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގެ އިޤްތިޞާދު ގެ ބޮޑު އިންސައްތައެއް ފަތުރުވެރިކަމަށް ބަރޯސާވެފައިވާއިރު ކުނީގެ ސަބަބުން އިޤްތިޞާދަށް ނޭދެވޭ އަސަރުކުރަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްރަށަކީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފުޅާވެފައިވާ ރަށްރަށަށްވާއިރު އެންމެ ގިނައިން އެންވަޔަރަންމަންޓް މިނިސްޓްރީއަށް ލިބޭ އެއްޝަކުވާއަކީ ކުނީގެ ސަބަބުން ނުވަތަ ކުނި މެނޭޖްނުކުރެވުމުގެ ސަބަބުން ލޯކަލް ޓޫރިޒަމަށް އަސަރުކުރާކަމުގެ ޝަކުވާކަމަށެވެ.
ސާފު ރާއްޖެ މަޝްރޫޢުގެ ޒޯން 4 އަކާއި 5 ގެ އަތޮޅުތަކުގެ ތެރޭގައި މ،ފ، ދ، ތ، ލ އަތޮޅު ހިމެނޭ. މިއަތޮޅުތަކުގެ ރަށްރަށުގެ ކައުންސިލްގެ ފަރާތުން މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނާ މުޚާޠަބުކުރައްވާ މިނިސްޓަރ ވިދާޅުވީ މި ސަރަޙައްދުތަކުގެ ކުނީގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން މިވަނީ ކުނި މެނޭޖްކުރުމުގެ މަސައްކަތް ފަށާފައިކަމަށާއި ދެން އޮތީ ރައްޔިތުންނާ ގުޅިގެން މިކަން ތަންފިޒުކުރުންކަމަށެވެ. އަދި މިނިސްޓްރީގެ ފަރާތުން މިކަމުގައި ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށްވެސް މިނިސްޓު ވިދާޅުވިއެވެ.
ވޯލްޑް ބެންކްގެ އެހީއާއެކު މިސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް ސަތާރަ ޕޮއިންޓް ފަހެއް މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ. މި ޒޯންތަކުގައި ސާޅީސް ދެރަށެއްގެ ކުނި މެނޭޖްކުރުމަށް ވޭސްޓް މެނޭޖްމެންޓް ސެންޓަރުތައް ޤާއިމްކޮށް މިހާރު ކުނި ކޮށިތައް ހުރި ރަށްތަކުގައި ހުރި ކުނިކޮށިތައް އަޕްގްރޭޑްކޮށް ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. ޒޯން 4 އާއި 5 ގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ކުރިންވެސް މިކަމާ ގުޅުންހުރި ބައެއް މަސައްކަތް އެންވަޔަރަންމަންޓް މިނިސްޓްރީންވަނީ މިރަށްރަށުގައި ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން އެއްވެސް ގޮތަކަށް ކުނި ކޮށި ނެތް ރަށްރަށަށް ބޭނުންވާ ވޭސްޓް މެނޭޖްމެންޓް ސެންޓަރު ތަރައްޤީކުރުމަށް ބޭނުންވާ މަސައްކަތުގެ ތެރެއިން ޑިޒައިން މަސައްކަތްނިންމައި މިހާރުކުރިއަށްދަނީ އެރަށްރަށުގައި އެކަމަށް ދޫކުރެވިފައިވާ ބިމުގެ ފިޓިންގެ މަސައްކަތްތައްކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.