ޚަބަރު

އަރތު އަވަރ ފާހަގަ ކުރުމަށް އައްޑޫ ސިޓީގައި ބައިސިކަލް ބުރެއް


މިއަހަރުގެ އަރތު އަވަރ ފާހަގަކުރުމަށް އައްޑޫވިމެންސް އެސޯސިއޭޝަން (އަވަ) އިން އައްޑޫސިޓީގައި ބައިސިކަލް ރެލީއެއް ބާއްވައިފިއެވެ.

މި ބައިސިކަލް ރެލީ ބާއްވާފައިވަނީ ހިތަދޫ ކޮންވެންޝަން ސެންޓަރ ސަރަހައްދުގައެވެ. އައްޑޫވިމެންސް އެސޯސިއޭޝަނުން ބުނީ އައްޑޫގައި މިފަދަ ހަރަކާތެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އާންމުންގެ މެދުގައި ބައިސްކަލްދުއްވުމަށް ލޯބިޖައްސުވައި، ތިމާވެއްޓަށް އަހުލުވެރިކުރުވުން ކަމަށެވެ. އަދި ތެޔޮ ބޭނުންކޮށްގެން ދުއްވާ އުޅަނދުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކޮށް، ރަށުތެރޭގައިވެސް ގިނައިން ބައިސްކަލް ބޭނުންކޮށް ވިހާވެސް ތިމާވެއްޓާ ރައްޓެހިގޮތަކަށް އުޅުމަށް އާންމުން ހޭލުންތެރިކުރުވުން ކަމަށެވެ.

މިބައިސިކަލް ރެލީގައި 24 ޓީމަކުން 120 މީހުން ބައިވެރިވެފައިވެއެވެ. އަންހެން ޓީމްތަކާއި ފިރިހެން ޓީމްތައް ވަކިން ބައިވެރިވި މި ބައިސްކަލް ރެލީގެ ފިރިހެން ގުރޫޕްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޕޮލިސް ޓީމުންނެވެ. އަދި އަންހެން ޗެމްޕިއަންކަން ހޯދާފައިވަނީ ހޮރައިޒަން އެކަޑަމީއިންނެވެ. މި ރެލީގައި އެންމެ ފާސްޓް ފިރިހެން ރައިޑަރއާއި އަންހެން ރައިޑަރވެސްވަނީ ހޮވާފައެވެ. މި ރެލީގައި ބައިވެރިވި ޓީމުތަކުގެ ތެރެއިން އެންމެ މޮޅު ފިރިހެން ޓީމަށާއި އަންހެން ޓީމަށް އާރތު އަވަރ މޯލްޑިވްސްއިންވަނީ ޓްރޮފީ ދީފައެވެ. އަދި ރެލީގެ އެންމެ ފާސްޓް އަންހެން ރައިޑަރ އަށާއި ފިރިހެން ރައިޑަރއަށް އިނާމެއްގެގޮތުގައި އަވަ ޖަމްޢިއްޔާއިން ވަނީ ރިސޯޓެއްގައި އެއްދުވަސް ހޭދަކޮށްލުމުގެ ފުރުޞަތު ދީފައެވެ. މީގެ އިތުރުން މި ރެލީއިން އެކި ވަނަތަކަށް ދިޔަ ފަރާތްތަކަށް މެޑަލްވެސް ދީފައިވެއެވެ.