ޚަބަރު

ޓޮބޭކޯ ސެސޭޝަން ވޮރކްޝޮޕް ނިންމާލައިފި


ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދިނުމާއި ގުޅޭ ގޮތުން ސިއްޙީ ޚިދުމަތް ދޭ އެހީތެރިން ތަމްރީނުކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. 

އައިޖީއެމްއެޗުން އިސްނަގައިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިމަސައްކަތު ބައްދަލުވުމުގައި 34 ފަރާތަކުން ބައިވެރިވިއެވެ. ''ޓޮބޭކޯ ސެސޭޝަން'' ގެ ނަމުގައި ބޭއްވި މިމަސައްކަތު ބައްދަލުވުމުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާއި، ދުންފަތުގެ އިސްތިޢުމާލުކުރުމުން ޖެހޭ ބަލިތަކާއި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން ދިމާވާ ގޮންޖެހުންތަށް ދެނެގަންނާނެ ގޮތްތަކާ ގުޅޭގޮތުން ތަމްރީނުދީފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. މީގެއިތުރުން ޚިދުމަތް ދޭނެ އުސޫލުތަކާ ގުޅޭގޮތުންވެސް ބައިވެރިންނަށް މަޢުލޫމާތު ދީފައިވާކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މިމަސައްކަތު ބައްދަލުވުމުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް ޑރ.ޢާއިޝަތު ރަމީލާ ވިދާޅުވީ، ސްމޯކިންގ ސެސޭޝަންގެ ކްލިނިކެއްގެ ޚިދުމަތް އައިޖީއެމްއެޗުން ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާއިރު، މި ޚިދުމަތުގެ ސަބަބުން އާންމުންނަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށާއި މިއީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވެފައި ތިބި މީހުންނަށް ލިބޭނެ ލުޔެއް ކަމަށެވެ. 

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ޑައިރެކްޓަރ އޮފް މެޑިކަލް ސަރވިސް ޑރ.ޢަލީ ނަޒީމް ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވެފައިވާ މީހުންނަށް ކްލިނިކެއްގެ ޚިދުމަތް އައިޖީއެމްއެޗުގައި ޤާއިމްކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށާއި މިފަދަ ކްލިނިކެއްގެ ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާއިރު، ސިއްޙީ ޚިދުމަތް ދޭ އެހީތެރިން އެކަމަށް ތަމްރީނުވެފައި ތިބުމަކީ މުހިންމު ކަމެއް ކަމަށެވެެ.

މިމަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ދެއްވާފައިވަނީ، މިދާއިރާގެ ތަޖުރިބާކާރުން ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. މީގެތެރޭގައި ރާއްޖެއިން ބޭރުގެ ފަންނީ ބޭފުޅުންވެސް ހިމެނެއެވެ.