ރިޕޯޓް

ދައުލަތުގެ ހިންގުން ހުއްޓުވާލި ކަޅު "ވިލާ"ގަނޑު


ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ޝަރުއީ ދާއިރާގެ ތެރެއިން ގެއްނަން އުޅުނު "ބަޣާވާތް" ނާކާމިޔާބުކޮށްލައި އެ ޖަރީމާގައި ޝާމިލްވާ މީހުން އިންސާފުގެ ކުރިމަށްޗަށް ގެނައުމުގެ މަސައްކަތް ދައުލަތުން ގެންދަނީ ކުރަމުންނެވެ. 

މިގޮތުން ޝަރުއީ ކޯޓުތަކާއި ރައްޔިތުންގެ މަޖުލީހާއި ސަލާމަތީ ބާރުތަށް ހިމެނޭގޮތުން ދައުލަތުގެ އެކިއެކި މުއައްސަސާތަކަށް ނުފޫޒުފޯރުވާ އެ މުއައްސަސާތަކުހެ އިސްބައެއް ބޭފުޅުންނަށް ރިޝްވަތުދީ ޤާނޫނާ ޙިލާފަށް ސަރުކާރު ވައްޓާލަން އުޅުނު މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙިޤީކޮށް ބައެއްމީހުންގެ މައްސަލަތަށް ވަނީ މިހާރު ދައުވާކުރަންވެސް ފޮނުވާފައެވެ. މި މައްސަލަތަކާއި މިކަމުގައި ޝާމިލްވާ ފަރާތްތަކުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ހާމަކޮށްފައެވެ. މި މަޢުލޫމާތުތަކުން އެންމެބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ ރިޝްވަތުގެ ހުތުރު ޢަމަލެވެ. މި ޢަމަލުތަކުގެ ފީތާ ނިއުޅާލައި ރައްޔިތުންނާ ހަމަޔަށް މިޖަރިމާ ހިނގައިދިޔަގޮތް ކަމާބެހޭ ފަރާތްތަކުން ތިލަކޮށްފައިވާއިރު، މި މައްސަލައިގެ ފެށުން ގޮސް ހުއްޓިފައިވަނީ އެކެއް ފެބުރުއަރީގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރާހަމައަށްކަން ފާހަގަކުރެވެއެވެ. 

އެކެއް ފެބްރުއަރީގެ އަމުރަކީ ދުރާލައި ރާވައިގެން ވަކި މަޤުސަދެއް ޙާސިލްކުރުމަށް ނެރިފައިވާ އަމުރެއްކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް ވަނީ ފާހަގަކޮށްފައެވެ. 

"ޝަރުޢީ ބަޣާވާތެއް" ގެންނަން ނެރުނު އަމުރެއްގެގޮތުގައި މަޝްހޫރުވެފައިވާ އެކެއް ފެބްރުއަރީގެ އަމުރުގެ މައްސަލަ ފެންމަތިވުމާގުޅިގެން ހިނގައިދިޔަ ކަންތަތަކުގެ ތެރޭގައި ރިޝްވަތުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދު ވަނީ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހު ހައްޔަރުކޮށް މިމައްސަލަ ތަހްޤީޤުކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސްއިންފެށިއެވެ. އެހެންނަމަވެސް ހައިރާންވާންޖެހުނު ކަމަކީ ފުލުހުންގެ އެ މަސައްކަތަށް، ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބުދުﷲ ސަޢީދާއި ސުޕްރީމްކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދު ހުރަސްއެޅުއްވިކަމެވެ. 

އަދި މިދެބޭފުޅުންވަނީ ޙަސަން ސަޢީދުގެ މައްސަލައިގެ ފައިލާއި އެމައްސަލައާ ގުޅޭ އެންމެހާ ލިޔެކިއުންތައް ވަގުތުން ސްޕްރީމް ކޯޓަށް ގެންދެވާފައެވެ. މިއާއެކު ދެން ފެނިގެންދިޔައީ ޝަރުއީ ދާއިރާގެ ތެރެއިން ދައުލަތް ހިނގުމަށް އެތައް ހުރަސްތަކައް ކުރިމަތިކުރުވިތަނެވެ. މި ހުރަސްތަކާއެކު ދައުލަތް ހުއްޓުމަކަށްއައިސް ޤައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށްކަންކަން ދިއުމުން ދައުލަތުގެ އެންމެ އިސްވެރިޔާ ރައީސުލްޖުމްހޫރިއްޔާވަނީ ވަރުގަދަ އެހާމެ ހިތްވަރުފުޅު ގަދަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މިފަހަޅުތަކުގެ ތެރެއިން އެންމެ ޚާއްސަ އެއްކަމަކީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް ޢިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތެވެ. 

ޝަރުޢީ ދާއިރާގެތެރެއިން ދައުލަތް ހުއްޓުވާލަން މަސައްކަތްކުރެއްވި ބޭފުޅުންނާއި އެބޭފުޅުންނާ އެކިގޮތްގޮތުން ގުޅިފައިވާ މީހުން ހޯދައި މިމައްސަލަތަކުގެ ތަހުޤީޤްތަށް ސަރުކާރުން ވަގުތުން ފެށްޓެވިއެވެ. އަދި ބައެއް ފަރާތްތަށް ހައްޔަރުކުރިއެވެ. ހަމަ އެހަފްތާގެ ތެރޭގައި ވަނީ 15 ތަނެއްބަލައި ފާސްކޮށް 30 މީހަކާ ތަހުޤްޤްގައި ސުވާލުކޮށްފައެވެ. ތަހުޤީޤަށް ފާހަގަކުރެވުނު ކަންކަން ފުލުހުން ވަނީ ހަމަކޮށްފައެވެ. 

ޓެރަރިޒަމާއި މީހުންމެރުމާއި، ފަސާދައިގެ އެތައް ކުށްތަކެއް ސާބިތުވެ ދިގުމުއްދަތުގެ ޙުކުމްތަކެއް ތަންފިޒުކުރަމުންދިޔަ ބޮޑެތި ކުއްވެރިން ހިމެނޭހެން ޖަލުގައި ތިބި 9 ޤައިދީއަކު ޖަލުން ދޫކޮށްލުމަށް ފެބްރުއަރީމަހުގެ އެއްވަނަދުވަހު ސުޕްރީމްކޯޓުން އަމުރު ނެރުމަށް އުއްތަމަ ފަނޑިޔާރަށާއި ސްޕްރީމްކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދު މެދުވެރިކޮށް ރިސްވަތުގެ ކަޅުފައިސާ ބަޔަކު ދީފައިވާކަން ތަހުޤީޤުގައި ވަނީ ހާމަވެފަައެވެ. މިކަން ކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމަށް ނިސްބަތްވާ ވީލާގެ ކުންފުންޏެއްގެ ފަރާތުންކަމަށް ވަނީ ހާމަވެފައެވެ. މިކަން ކުރިކަން ފަޅާއަރާފައިވަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދުގެ ކޮޓަރި ބަލައިފާސްކުރި ކުރުމުގައި އެކޮޓަރީގެ ތެރެއިން ފެނުނު ވިލާ ޝިޕިންގ އެންޑް ޓެރޭޑިނގްގެ ލެޓާރ ހެޑްގައި  އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ސިޔާދު ޤާސިމް ސޮއިކުރައްވައި ލިޔެފައިވާ ސިޓީއަކުންކަން ވަނީ ހާމަވެފައެވެ. 

މި މައްސަލާގައި ޝާމިލްވާ ބައެއްމީހުން ބޭރު ޤައުމުތަކުން ގަނެފައިވާ  ޕްރޮޕަޓީތަކަށް ފައިސާ ދެއްކުމަށް 2.4 މިލިޔަން ޑޮލަރު ވިލާއިން ދިންކަން ވަނީ ހާމަވެފައެވެ. މި ޕްރޮޕަޓީތަށް ގަނެފަވަނީ ފަނޑިޔާރު ޢަލީ ޙަމީދުގެ ދަރިކަލުން އަހުމަދު މުސްފިރާއި، އުއްތަމަ ފަންޑިޔާރު އަބްދުﷲ ސަޢީދާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދުގެ ކުރީގެ އަނބިކަނބަލުން ޢާއިޝަތު ހަނާގެ ނަމުގައެވެ. އޭގެތެރޭގައި އަގުބޮޑެތި ފުލެޓް ހިމެނޭކަމަށާއި އަދި ގަނެފައިވާ ޕްރޮޕަޓީތައް ބެލުމަށް 3 ބޭފުޅުން ތަފާތު އެކި ދުވަސްތަކުގެ މަތިން އެ ޤައުމުތަކަށް ދަތުރުކޮށް އެކި ފަރާތްތަކާ މަޝްވަރާ ކޮށްފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި  މި ސިޓީގައިވާ ސޮޔާއި ފިންގާރ ޕްރިންޓަކީ ސިޔާދުގެ ސޮޔާއި ފިންގާރ ޕްރިންޓްކަން ކަށަވަރުވެފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައިެވެ. މީގެ އިތުރުން ޙަސަން ސައީދުގެ ނިދާ ކޮޓަރީގެ ގޮދަޑީގެ ދަށުން  ތިންލައްކަ ނުވަދިހަ ހާސް ރުފިއާއި ތިންހާސް ތިންސަތޭކަ އެމެރިކާ ޑޮލަރު ވަނީ ފެނިފައެވެ. 

އަދި ފަނޑިޔާރު ޢަލީ ޙަމީދަށް ނިސްބަތްވާ ދަބަހަކުން 3.4 މިލިއަން ރުފިޔާ ފެނިފައިވާކަމަށް ފުލުހުން މި މައްސަލައިގެ ތަހުޤީޤް މަރުހަލާގައި ވަނީ ފާހަގަކޮށްފައެވެ.  ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، ޤާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ މައްޗަށް ތުހުމަތު ކުރާއިރު، ޢަލީ ޙަމީދުގެ ޢާއިލާއަށް މައުމޫން އެކި ގޮތްގޮތުން އެހީތެރިވެ ދެއްވަމުން ގެންދަވާކަން ތަހުގީޤަށް ޔަގީން ކުރެވިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގެއިން ނެރެގެން ގެންދިޔަ ފޮށްޓަކުން، މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ އެތައް ކިތާބީ ހެއްކެއް ވަނީ ފުލުހުން ހޯދާފައެވެ. 

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން، މައުމޫންގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މަސައްކަތް ކުރައްވާފައިވާކަން އެ ފޮށިން ލިބުނު ޑޮކިއުމެންޓް އެވިޑެންސްތަކުން އެނގޭ ކަމަށް ވެސް ފުލުހުން  ވަނީ ހާމަކޮށްފައެވެ. ފޮށި ފެނިފައި ވަނީ، މައުމޫންގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާގެ ގެއިންނެވެ. ނަޖުމާ އަކީ މި މައްސަލައިގާ ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންދިޔަ މީހެކެވެ. މި މައްސަލަތަކުގެ ތަހްޤީޤްގެ ބައެއް ނިންމައި ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ވަނީ ކޯޓަށް ފޮނުވާފައެވެ. 

އެބޭފުޅުންގެ ތެރޭގައި ހިމެނެނީ:

- ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމު

- އުއްތަމަ ފަނޑިޔާރު އަބުދުﷲ ޝައީދް

- ފަނޑިޔާރު އަލީ ޙަމީދު މުޙައްމަދު

- ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދު ޙުސެއިން

- ކުރީގެ ކޮމިޝަނާރ އޮފް ޕޮލީސް އަޙުމަދު އަރީފް

- ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް

- ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން

- ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު ޢަބުދުﷲ ސިނާން

- ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރ އިލްހާމް އަޙްމަދު

- ޤާސިމް އިބްރާޙީމްގެ ދަރިކަލުން އިބްރާޙިމް ސިޔާދު ޤާސިމް

މި މައްސަލަތަކުގައި ހިމެނޭ ފަރާތްތަށް ޝަރީއަތް ނިމެންދެން ބަނދުކުރުމަށް ކްރިމިނަލް ކޯޓުން މިހާރުވަނީ އަމުރުކޮށްފައެވެ. މިއީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ހިނގާދިޔަ އެންމެބޮޑު ކިލަނބުކަމެވެ. ކުރީގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަލްއުސްތާޛު އަޙްމަދު ފާއިޒް ހުސައިން ސިފަކުރެއްވާފައިވާގޮތުގައި މިއީ ސްޕްރީމް ކޯޓުގެ ދެފަނޑިޔާރުންގެ ބޯމައްޗަށް ވައްޓާލި ކަޅު "ވިލާ"ގަނގަޑެކެވެ. ފާއިޒު އެވިދާޅުވާ ކަޅު ވިލާގަނޑަކީ މިޖަރީމާ "ވިލާ" ކުންފުންޏަށް ނިސްބަތްވުންތޯ މިއީ ސުވާލެއް. އެހެންނަމަވެސް މިޖަރީމާގައި ޤާސިމް އިބްރާހީމްގެ ވިލާކުންފުނީގެ ބައިވެރިވުން އޮތްކަން މިއީ ފުލުހުންގެ ތަހުޤީޤަށް ޙާމަވެފައިވާ ކަމެކެވެ.