ޚަބަރު

ޝަރީއަތް ނިމެންދެން މައުމޫން ބަންދުގައި ބަހައްޓަން އަމުރުކޮށްފި


ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލްކޯޓުން އަމުރުކޮށްފިއެވެ.

ކުރިމިނަލްކޯޓުން ރައީސް މައުމޫންގެ ބަންދުގެ މުއްދަތު ޖަހާފައިމިވަނީ މިއަދު ބަންދުގެ މުއްދަތުގެ މަޖިލީހަށް ހާޒިރުކުރުމުންނެވެ. 

ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ހިލާފަށް ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫންގެ މައްޗަށް ދައުލަތުންވަނީ ދެ ދައުވާއެއް އުފުލާފައެވެ. މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ކުށުގެ ދައުވާއާއި އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ. ސަރުކާރުން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މައުމޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފެބުރުއަރީމަހުގެ ފަސްވަނަދުވަހުގެ ރޭގެ ވަގުތެއްގައެވެ. 

ރައީސް މައުމޫން ޝަރީއަތް ނިންމެންދެން ބަންދުގައި ބެހެއްޓުމަށް ދަށު ކޯޓުން ނިންމި ނިންމުން ހައިކޯޓްގައި އިސްތއުނާފުކުރުމަށް ނިންމާފައިވާކަމަށް  މައުމޫންގެ ޤާނޫނީ ޓީމުން ބުނެއެވެ.

ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ހިލާފަށް ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ މައްސަލަތަކުގައި ދައުވާކުރަން ނިންމާ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފެބްރުއަރީ އެކެއްގައި ސްޕްރީމް ކޯޓުން ނެރުނު އަމުރަކީ، ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ވައްޓާލުމުގެ ބޭނުމުގައި ދުރާލާ ރާވާ ޕްލޭނެއްގެ ދަށުން ވަކިބަޔަކު މަންފާތަކެއް ހާސިލްކުރުމަށް ނެރެފައިވާ އަމުރެއްކަން ސާފުވާކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ބޮޑެތ ކުށްތަކެއްގއި ބަންދުކޮށްތިބި ކުށްވެރިންތަކެއް މިނިވަންކުރުމަށް އަންގާ ފެބްރުއަރީމހުގެ އެއްވަނަދުވަހު ސުޕްރީމްކޯޓުން އަމުރެއް ނެރެފައިވަނީ ޤާނޫނީ ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ދުރާލާ ރާވައިގެން ވަކި ބަޔަކު ގުޅިގެން އެބައި މީހުންނަށް ލިބިފައިވާ މަންފާތަކާއި ލިބެން އޮތް މަންފާގެ ބޭނުމުގައި އެފަރާތްތަކުން ހިފާފައިވާ ރިޝްވަތުގެ ފައިސާ ބޭނުންކޮށްގެންކަމަށެވެ. އަދި އަމުރު ތަންފީޒްކުރުމަށް ތައްޔާރުވުމުގެ ގޮތުން ދައުލަތުގެ އެކިއެކި މުއައްސަސާތައް އެ މުއައްސަސާތައް ހިންގަމުން އަންނަ އުސޫލުން ބޭރުން، އެތަންތަނުގައި ތިބި ބައެއް ފަރާތްތަކުން ކަންކަން ހިންގާ އިންތިޒާމް ކޮށްފައިވާ ކަން އެނގެން އޮތްކަމަށެވެ.